ސިޔާސީ ވިސްނުންތަކަށް ބެލުމެއްނެތި, ކައިރި އަދި ދުރު ގައުމުތަކުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ބުނެފި އެވެ.
މާޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވަކި ގައުމެއްގެ ރައްޔިތަކަށް ވީތީ އެއްވެސް ފަތުރުވެރިއަކާމެދު ތަފާތު ނުކުރާނެ ކަމަށާއި, ތަފާތު ކުރުން ގެންގުޅެގެން ލިބޭނެ ފައިދާއެއް ނުވިސްނޭ ކަމަށެވެ. އަދި އުއްމީދު ކުރަނީ ރާއްޖެއާ މެދު ވެސް އެފަދައިން އަމަލު ކުރަން ކަމަށް އެ ބަޔާނުގައި ވެ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ރާއްޖެއަކީ ސުލްހަވެރި, އަބުރުވެރި، ރިވެތި އަހްލާގެއް އޮތް ގައުމެއް. އެގޮތުގައި ދެމިތިބެ, ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް މަރުހަބާ ކިޔާނީ ވަރަށް ހެޔޮ ހިތަކާއި, ޖޯޝާއެކު" މާޔާއިން ބުންޏެވެ.
މި ހަފުތާ ތެރޭގައި ރާއްޖެ އައި "އެމްއެސް ކޮސްޓަ ސެރީނާ" ކްރޫޒް ޝިޕަށް އާދެވުނީ ސަރުކާރުން ގެނެސްދިން ކުޑަ އިސްލަހަކާއެކުކަން ފާހަގަކޮށް މާޔާއިން ވަނީ ޔޮޓިން އަދި ކްރޫޒިން ހުއްޓުމަކަށް އައިސް އޮތް ގަވައިދުތައް އިސްލާހު ކުރުމުގައި ދިވެހި ސަރުކާރާއި, ކަމާބެހޭ އިދާރާތަކުން ދިން އެއްބާރުލުމާއި, އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ކޮސްޓަ ސެރީނާ ކްރޫޒް ޝިޕް ރާއްޖެ އައީ 1985 އިންޑިއާ ފަތުރުވެރިން ގޮވައިގެންނެވެ. އެ ބޯޓުން ރާއްޖެ އައި މީހުން މާލެ ފައިބައި ވިޔަފާރިކޮށް، މާލެ ކައިރީގައި ހުރި އެކިއެކި ރިސޯޓުތަކާއި ރަށްރަށުގެ ގެސްޓް ހައުސްތަކައް އަދި އެހެނިހެން ޓޫރިސްޓް ފެސިލިޓީތަކަށް ދިޔަ އެވެ.
މާޔާގެ ބަޔާނުގައި އިތުރަށް ބުނީ އެ އެސޯސިއޭޝަނުން ދިވެހި ސަރުކާރާއެކު ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އިހުތިރާމްކުރުމާއެކު, އެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ އެއްބާރުލުމަކާއި ތަޖުރިބާއެއް ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން އެ އެސޯސިއޭޝަނުން ދިނެވެ.
މާޔާއިން މިގޮތަށް ބަޔާނެއް ނެރުނީ އިންޑިއާ ބޮޑުވަޒީރަށް ކުޑައިމީސް ކުރި މައްސަލައެއްގައި ރާއްޖެ ބޮއިކޮޓް ކުރަން އިންޑިއާގެ ބޮލީވުޑް ތަރިންނާއި ކުޅިވަރު ޝަހުސިއްޔުތައް ހިމެނޭހެން ބޮޑު ކެމްޕެއިނެއް ފަށާފަ އެވެ. މި ކެމްޕެއިންގައި އިންޑިއާގެ ބައެއް ވިޔަފާރިތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ޔޯޓު އެސޯސިއޭޝަނުގެ އިތުރުން ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ މަޓީ އާއި ގައުމީ ބޯޓިން އެސޯސިއޭޝަނާއި ގެސްޓްހައުސް އެސޯސިއޭޝަން ފަދަ ތަންތަނުން ވެސް ވަނީ މި ބޮއިކޮޓު ހުއްޓާލައި ޓޫރިޒަމް ސިޔާސީ ކުރުމާ ދެކޮޅަށް ބަޔާންތައް ނެރެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.











