އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް ޗައިނާ ގެންނަން ދިވެހި ސަރުކާރުން މަސައްކަތްތަކެއް ފެށި ނަމަވެސް އަދި އިންޑިއާގައި ރާއްޖެއާ ދެކޮޅަށް ބޮއިކޮޓު ކެމްޕެއިނެއް ހިންގި ނަމަވެސް ކުއްލިއަކަށް ޗައިނާއިން އަންނަ ފަތުރުވެރިން އިތުރުވެދާނެ ކަމުގައި ނުދެކޭ ކަމަށް ޗައިނާގެ ތަޖުރިބާކާރުން ބުނެފި އެވެ.
އިންޑިއާއިން އެ ގައުމުގެ މަޝްހޫރު ފިލްމީތަރިންނާއި އާންމު ޓްރޯލް އެކައުންޓުތައް ބޭނުންކޮށްގެން ރާއްޖެއާ ދެކޮޅަށް ކެމްޕޭނެއް ފެށީ ރާއްޖޭގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް މަލާމާތްކޮށް ފުރައްސާރަކުރުމާ ގުޅިގެންނެވެ. މި މައްސަލަ ހާރިޖީ ބޮޑު ކޯޅުމަކަށް ބަދަލުވެ ދިވެހި ސަރުކާރުން ވަނީ އެ ތިން ނައިބުން ސަސްޕެންޑު ވެސް ކޮށްފަ އެވެ.
ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކާއި ޝުއޫރުތައް ފާޅުކުރާ "ދަ ގްލޯބަލް ޓައިމްސް" ގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ އެމަނިކުފާނުގެ މި ދަތުރުގައި، އިންޑިއާގެ ކެމްޕޭނުން ފަތުރުވެރިކަމަށް އައިސްދާނެ ލޮޅުމުގެ ހައްލު ޗައިނާގެ މާކެޓުން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އިންޑިއާ މީޑިއާތަކުގައި ރިޕޯޓުކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ގްލޯބަލް ޓައިމްސްއަށް މައުލޫމާޓު ދިން އެ ގައުމުގެ ޝިންވާ ޔުނިވާސިޓީގެ ރިސާޗް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޗިއާން ފެން ބުނެފައިވާ ގޮތުން، ކޮވިޑަށް ފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަމުންދަނީ "މަރުހަލާތަކަކަށް ބެހިގެން" ކަމަށާއި، ރާއްޖެއަކީ މަގުބޫލު މަންޒިލެއް ކަމުން އެ އިތުރުވުން އަންނާނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ކުރިން އައި އަދަދަށް ޓޫރިސްޓުން އިތުރު ވެދާނެ ކަމުގައި ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ކެމްޕޭނު ފަދަ ސިޔާސީ ނުވަތަ ހާރިޖީ މައްސަލައަކީ ޗައިނާއިން ރާއްޖެއަށް ދާ ފަތުރުވެރިން އިތުރުކުރާނެ ސަބަބެއް ކަމަކަށް ނުބެލެވޭ" އޭނާ ގްލޯބަލް ޓައިމްސްއަށް ބުނެފައި ވެ އެވެ.
ކޮވިޑު ބަލިމަޑުކަމުގެ ކުރިން ޗައިނާއަކީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2010 ފެށިގެން ކޮވިޑާ ހަމައަށް ވިދިވިދިގެން ކޮންމެ އަހަރެއްގައި އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. މި މުއްދަތުގެ ތެރޭގައި އެވަރެޖުކޮށް 241،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.
ކޮވިޑު އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެފަހުން ވޭތުވީ ތިން އަހަރު، މިދިޔަ އަހަރު ވެސް ހިމެނޭހެން، އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. ޗައިނާއަކީ މިދިޔަ އަހަރު ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައި ގައުމެވެ.
ޗައިނާއިން ޓޫރިސްޓުން އިތުރުކުރަން ކުރަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިިނިސްޓްރީން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޗައިނާގެ އެކި ޕްރޮވިންސްތަކުގައި މާކެޓިން އިތުރުކޮށް، ފްލައިޓުތައް އިތުރުކުރުމުގެ މަޝްވަރާތައް ފަށާފަައިވާ ކަމަށް ބުނެފަ އެވެ.
އިއްޔެ ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ޗައިނާގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޓޫރިޒަމް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ)އެއް ހިމެނެ އެވެ.











