އިންޑިއާގައި ހުންނަ އިޒްރޭލުގެ އެމްބަސީން އިންޑިއާގެ ލަކްޝަދީޕުގެ ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަމަށް ތައުރީފުކޮށް އެ ރަށްތައް އިޝްތިހާރު ކުރުމަށް ހިންގާ ކެމްޕޭނާ ގުޅިއްޖެ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މައްސަލަގަނޑެއް ހިލި، ރާއްޖެއާ ދެކޮޅު ކެމްޕޭނެއް އިންޑިއާގައި ފަށައިގެން ކުރިއަށްދާ މި ދަނޑިވަޅުގައި އިންޑިއާގައި ހުންނަ އިޒްރޭލު އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާ ސަރުކާރުގެ އެދުމުގެ މަތިން މިދިޔަ އަހަރު ލަކްޝަދީޕުގައި ޑީސެލިނޭޝަން ޕްރޮގުރާމެއް ހިންގުމުގެ ޕްރޮޖެކްޓެއްގައި އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ކަމަށް ވެސް އެ ޕޯސްޓުގައި އެ އެމްބަސީން ބުނެފައިވެ އެވެ.
ލަކްޝަދީޕުގެ ރީތިކަމަށް ތައުރީފުކޮށް އިޒްރޭލު އެމްބަސީން ވަނީ އެތަނުގެ ތިން ފޮޓޯއާއެކު ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުގައި އިޒްރޭލު އެމްބަސީން ވަނީ ރާއްޖެއާ ދެކޮޅަށް ލަކްޝަދީޕް ޕްރޮމޯޓު ކުރުމަށް އިންޑިއާގެ އެކި ފަރާތްތަކުން ބޭނުން ކުރަމުންދާ #ExploreIndianIslands ހޭޝްޓެގު ވެސް ބޭނުންކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުތަކުގެ ސަބަބުން ދިވެހިން އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންދާ ދިއުމާ ގުޅިގެން އިޒްރޭލުން ވަނީ އެގައުމުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލުގެ ރައްޔިތުންނަށް އަންގައިފަ އެވެ. ރާއްޖޭގެ މަޖިލީހަށް އޮތީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލައި ގަރާރެއްގެ އިތުރުން ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
ލަކްޝަދީޕު ޕްރޮމޯޓު ކުރުމުގެ ކެމްޕޭނުގައި އިޒްރޭލުން ބައިވެރިވިއިރު، އިންޑިއާއަކީ ފަލަސްތީނު ހަނގުރާމައިގައި އިޒްރޭލު ކޮޅަށް ބުރަވެ ވާހަކަ ދައްކާ އެއް ގައުމެވެ. އިޒްރޭލާއި އިންޑިއާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުގެ އިތުރުން ބައެއް އާންމުން ދަނީ ލަކްޝަދީޕް ޕްރޮމޯޓު ކުރުމުގެ ހަރަކާތުގައި އިޒްރޭލު އެމްބަސީން ބައިވެރިވުމަކީ ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މައްސަލަ އުފެދި ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4، ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެންނެވެ.
"މިސްޓަ ސިންހާ" ގެ ނަމުގައި އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ ޕޯސްޓަށް ރައްދެއްގެ ގޮތުގައި ޔޫތު މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި، ޝިއުނާ ކުރެއްވި ޕޯސްޓުގައި މޯދީ އަކީ "ކްލައުނެއް" ކަމާއި އިޒްރޭލުގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން ޝިއުނާ އަށް އޮއްސައިލި ފާޑުކިޔުމާ ގުޅިގެން ފަހުން ޕޯސްޓް ވެސް ޑިލީޓުކުރެއްވި އެވެ. ހަމަ އެ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މަލްޝާ ވެސް އިންޑިއާއާ ގުޅޭ ގޮތުން ކުރެއްވި ޕޯސްޓުތައް ވެސް ފާޑުކިޔުން އަމާޒުވުމުން ފަހުން ޑިލީޑް ކުރެއްވީ އެވެ.
މި މައްސަލައިގައި އެކްސްގައި އުފެދުނު "ހަނގުރާމަ" ގޯސްވެގެން ދިޔައީ ބޮއިކޮޓްމޯލްޑިވްސް ކެމްޕޭނުގައި އިންޑިއާގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން ބައިވެރިވާން ފެށި ހިސާބުންނެވެ.
ބޮލީވުޑްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަމަށް ވިޔަސް، މަޝްހޫރު ފިލްމީތަރިންތަކެއް އިއްޔެ ގޮވާލީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ލަކްޝަދީޕް ހިޔާރު ކުރުމަށެވެ. އެ ކެމްޕޭނުގައި އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރައްދަ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ބައިވެރިވެފަ އެވެ.
އެ ކެމްޕޭނާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
މައްސަލަ ހޫނުވެފައި ވަނިކޮށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ އެމްބަސެޑަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އޮފީހަށް އިއްޔެ ހެނދުނު ހާޒިރުކޮށްފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ އެމްބަސެޑަރު ވެސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް އިއްޔެ މެންދުރު ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ދެ ބައްދަލުވުމުގެ ތަފުސީލެއް މިހައިތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ލަކްޝަދީޕަކީ ކޮބާ؟
ލަކްޝަދީޕަކީ ރާއްޖޭގެ އުތުރުން އޮންނަ 32 އަކަ ކިލޯމީޓަރުގެ އިންޑިއާގެ ޔޫނިއަން ޓެރިޓަރީ އެކެވެ. ކުރިން ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް މަލިކު އަތޮޅު ހިމެހެން ލަކްޝަދީޕުގައި 12 އަތޮޅު އޮވެ އެވެ.
ސާޅީހަކަށް ރަށާއި 3 ފަރާއި 5 ތިލައިގެ މައްޗަށް އެކުލެވޭ ލަކްޝަދީޕުގައި މީހުން ދިރިއުޅެނީ އެންމެ 10 ރަށުގަ އެވެ. އޭގެތެރެއިން ދިވެހީންނާ ސަގާފަތާއި ބަހުރުވައާއި ނަސްލީ ގޮތުން ގުޅިފައި ވަނީ މަލިކު ރައްޔިތުންނާ އެކަންޏެވެ. ދެން ހުރި ރަށްރަށުގައި ދިރިއުޅެނީ މަލާބާރު ދަރިކޮޅުގެ މީހުންނެވެ. އެމީހުން ވާހަކަދައްކައި އުޅެނީ މަޅިޔާލަމް ބަހުގެ ބަހުރުވައެއް ކަމަށްވާ ޖެސެރީންނެވެ.
ވިރިނގިރި ކިޔާ ކުޑަކުޑަ ރަށަކާއި މަލިކުގެ އެކަނި އޮންނަ މަލިކު އަތޮޅަކީ ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތް ޗާގޯސް ލަކަޑިވް ރިޖުގެ އެންމެ އުތުރުގައި އޮންނަ އަތޮޅެވެ. ލަކްޝަދީޕްގެ ދެންހުރި އަތޮޅުތަކާއި ޗާގޯސް ލަކަޑިވް ރިޖަކާ ގުޅުމެއް ނެތެވެ. މަލިކާއި ރާއްޖެއާ ދެމެދު 70 މޭލު ހުންނައިރު، ލަކްޝަދީޕުގެ އެހެން ރަށްތަކުގެ ތެރެއިން އެންމެ ކައިރިއަށް އޮންނަ ކަލްޕޭނިއާ ހުންނަ ދުރުމިނަކީ 114 މޭލެވެ. ލަކްޝަދީޕުގެ ހުރިހާ ރަށްތަކެއްގައި ވެސް މައިގަނޑު ގޮތެއްގައި ދިރިއުޅެނީ މުސްލިމުންނެވެ.










