ކުރަފި ޕާޓީގެ ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

Oct 11, 2026, 1:01 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުޒާހަރާ ކުރުމަށް ތައްޔާރުވަމުން ދަނިކޮށް ހައްޔަރުކުރި "ޖެން-ޒީ" ނުވަތަ ޒުވާނުން އިސްވެ އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ އިސް ލީޑަރުން މިނިވަންކުރުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

ކޯޓުން މި އަމުރު ނެރުނުއިރު، މުޒާހަރާތަކާ ގުޅިގެން ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެތައް ހާސް ފުލުހުން މަގުތަކަށް ނެރެ، ބޮޑެތި މަގުތަކުގައި ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

މި މުޒާހަރާ ބޭއްވުމުގެ ހުއްދަ ފުލުހުން ދީފައިނުވާއިރު، މުޒާހަރާގެ ބައިވެރިންނަށް އެ ސަރަހައްދަށް ނުވަދެވޭނެ ގޮތް ހެދުމަށްޓަކައި މީގެ ކުރިން ދުވަހަކު ވެސް އަޅާފައިނުވާ ފަދަ ހަރުކަށި ފިޔަވަޅުތަކެއް ސަލާމަތީ ބާރުތަކުން ވަނީ އަޅާފަ އެވެ.

ނަމަވެސް، ހުރަސްތަކާއެކު ވެސް އެތައް ހާސް ބަޔަކު މުޒާހަރާގެ ސަރަހައްދަށް ވަނުމަށް މަސައްކަތް ކޮށްފައިވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެ ސަރަހައްދުން 7,000 އެއްހާ މީހުން ހައްޔަރުކުރުމަށް ފަހު، ރޭގަނޑުވީ ފަހުން ވަނީ ދޫކޮށްލާފަ އެވެ.

އިންޑިއާގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައި ނުވާ ސީޖޭޕީން މަސައްކަތް ކުރަމުންދަނީ، ކުރިއަށް އޮތް މުހިންމު ސްޓޭޓް އިންތިޚާބުތަކުގެ ކުރިން އިންތިޚާބީ ނިޒާމަށް އިސްލާހުތަކެއް ގެނައުމަށެވެ.

މީގެ އިތުރުން، ވޯޓުލާ މީހުންގެ ލިސްޓަށް އޮޅުވާލުންތަކެއް ގެނެސްފައިވާ ކަމަށް ތުހުމަތުކޮށް، ޗީފް އިލެކްޝަން ކޮމިޝަނަރު (ސީއީސީ) ގްޔަނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ވެސް އެ ޖަމާއަތުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ސީޖޭޕީގެ ވަކީލު ރަތުނާ ސިންގް ވިދާޅުވީ، ދިޕްކޭ އާއި އެ ޕާޓީގެ އިސް ދެ ލީޑަރުން ކަމަށްވާ ސޯރަވް ދާސް އަދި އަޝުތޯޝް ރަންކާ، "އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި" ބަންދުގައި ބޭތިއްބުމުގެ އަމުރަކަށް އެދި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އޭގެ ފަހުން ރަތުނާ ސިންގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އަމާންކަން ނަގާލުމުގެ އެއްވެސް އަމަލެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށް" ކޯޓުން އެ ތިން މީހުން މިނިވަންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޝަރުތުގެ މާނައަކީ ކޮބައިކަމެއް އަދި ސީޖޭޕީގެ ލީޑަރުންނަށް މުޒާހަރާތަކުގައި ބައިވެރިވެވޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ.

ހޮނިހިރު ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތަށް ބަލާއިރު، ދިޕްކޭ، ދާސް އަދި ރަންކާ ދަތުރުކުރި ބޯޓު އެއާޕޯޓަށް ޖެއްސުމާއެކު ފުލުހުން ވަނީ ބޯޓަށް އަރައި އެ މީހުން ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ ވެރިރަށުގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރުގައި މުޒާހަރާ ކުރުމުގެ ހުއްދަ ފުލުހުން ނުދިނުމުގެ އިތުރުން، މުޒާހަރާގެ ބައިވެރިންނަށް އެ ސަރަހައްދަށް ނުދެވޭނެ ގޮތް ހެދުމަށް މުޅި ސިޓީ އޮތީ އެއްކޮށް ބަންދުކޮށްފަ އެވެ.

ހޮނިހިރު ދުވަހު ދިއްލީގެ ބޮޑު ބައެއް ފެނުނީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގަ އެވެ. މަގުތައް ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާއިރު، އޮފީސްތަކާއި، ފިހާރަތަކުގެ އިތުރުން ރެސްޓޯރަންޓްތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. ސީޕީޖޭއިން ބުނީ ހުރަސްއެޅި ނަމަވެސް، އިތުރު އެއްވުންތައް ބާއްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox