އޭޝިއަން ކަޕްގެ 2023 ފެށެން ދެ ހަފުތާ އަށް ވެފައިވާއިރު، މި މުބާރާތަށް ތައްޔާރުވާ އެހެން ޓީމުތަކާއި ފަލަސްތީނުގެ ޓީމުގެ ހާލަތު ވަރަށް ތަފާތެވެ. ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ލާ އިންސާނީ ހަމަލަތާއެކު، ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުވެ، ހާލުގައި ޖެހިވައިވާއިރު، މި ހާލަތުގައި ފަލަސްތީނުގެ ކުޅުންތެރިންނަށް މުބާރާތަށް "ފޯކަސް" ކުރުމަކީ އުނދަގޫ ކަމެކެވެ.
އެ ގޮތުން، ބައެއް ކުޅުންތެރިން އާއިލާ އާއި ގާތް ތިމާގެ މީހުން މި ހަމަލާތަކުގައި މަރުވެއްޖެ އެވެ. ބައެއް ކުޅުންތެރިންގެ އާއިލާ ގާޒާގައި ދަތި ހާލުގައި އެބަތިއްބެވެ.
ފަލަސްތީނުގެ ޓީމު ސައުދީ އަރަބިއްޔާގައި ކޭމްޕްކޮށް މުބާރާތަށް ތައްޔާރުވަމުންދިޔަ ނަމަވެސް، އެ ޓީމުގެ ކޯޗު މަކްރަމް ދަބޫބް ބުނީ ކުޅުންތެރިންގެ ސަމާލުކަން ތައްޔާރީތަކަށް ހުސްނުކުރެވޭ ކަމަށެވެ.
"ޓްރެއިނިން ފެށުމުގެ ކުރިން އަދި ފަހުންވެސް ކުޅުންތެރިން ތިބެނީ ޓީވީ ދޮށުގައި. ފަލަސްތީނުގެ ހާލަތު ބެލުމަށް ކުޅުންތެރިން އަބަދު ތިބެނީ ޓީވީ ދޮށުގައި،" ޓިއުނީޝިއާ އަށް ނިސްބަތްވާ ދަބޫބް ބުންޏެވެ.
"އާއިލާ އާއި ގާތް ތިމާގެ މީހުން ހާލާމެދު އެ ކުޅުންތެރިން ތިބީ ފިކުރުބޮޑުވެފައި."
ގަތަރުގައި މި މަހުގެ 12 އިން އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕްގައި ފަލަސްތީން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ އީރާނާ ދެކޮޅަށެވެ.
މި އަހަރުގެ ޖޫން މަހު ފަލަސްތީނު އޭޝިއަން ކަޕަށް ކޮލިފައިވުމުން ފަލަސްތީނުގެ ފުޓްބޯލް ފެޑަރޭޝަނުން އުފާފާޅުކުރިއެވެ. މިއީ އޭޝިއަން ކަޕްގައި ފަލަސްތީނު ވާދަކުރާ ތިން ވަނަ ފަހަރެވެ. އެކަމަކު، މި އަހަރުގެ ޖޫން މަހުގެ ހާލަތާއި، މިއަދު ފަލަސްތީނުގެ ހާލަތު ހާސް ބައި ތަފާތެވެ.
އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އިޒްރޭލުން ފެށި ހަމަލާތަކުގައި ގާޒާގެ ބޮޑު ބައެއް މިހާރު އޮތީ ސުންނާފަތިވެފަ އެވެ. އޭގެ ތެރޭގައި ގާޒާގެ ފުޓްބޯޅަ ދަނޑުތަކާއި ކުޅިވަރުގެ އެހެން އިމާރާތްތައް ހިމެނެ އެވެ. ސަލާމަތުން ހުރި ފުޓްބޯޅަ ދަނޑުތައް މިހާރު ބޭނުންކުރަނީ އިޒްރޭލުގެ ހަމަލާތަކުގައި މަރުވަމުންދާ މީހުން ވަޅުލުމަށެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލާނެކަމުގެ އުންމީދެއް ނެތްއިރު، އަމިއްލަ ގައުމުގެ ހާލަތާ ގުޅިގެން ފަލަސްތީނުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ޓީމުގެ ކޯޗު ވަނީ ބުނެފައެވެ.
މީގެ ތެރެއިން އެންމެ އުނދަގޫ ހާލަތެއްގައި ތިބީ ފަލަސްތީނުގެ ދެ ކުޅުންތެރިން ކަމަށްވާ މަހްމޫދު ވާދީ އާއި މުހައްމަދު ސާލެހް އެވެ. މި ދެ ކުޅުންތެރިން އާއިލާ ވެސް މި ވަގުތު ތިބީ ގާޒާގައި ތާށިވެފަ އެވެ.
"އެ ދެ ކުޅުންތެރިން (ވާދީ އާއި ސާލެހް) ވަރަށް ބޮޑު ވޭނެއް ތަހައްމަލްކުރަމުން އެދަނީ،" ދަބޫބް ބުންޏެވެ.
ދަބޫބް ބުނީ ޓީމުގެ ހާލަތު ގޯސްވިޔަސް، ޓީމުގެ އުންމީދަކީ އޭޝިއަން ކަޕްގެ ދެ ވަނަ ބުރަށް ދަތުރުކުރުން ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްތީނުގެ ދިދަ ވިހުރުވާލުމަށް މި ދަނޑިވަޅުގައި ކުޅުންތެރިންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ.
"ފަލަސްތީނުގެ ދިދަ ވިހުރުވާލައި، ކުޅުންތެރިން ދައްކަން ބޭނުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަންޖެހޭކަން. އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިއަށްވުރެ ރަނގަޅު ދިރިއުޅުމެއް ހައްގުވާކަން،" ދަބޫބް ބުންޏެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުޅިވަރު އެތުލީޓުންނާއި ޒުވާނުން މަރުވަމުންދާކަން ފަލަސްތީނުގެ ފުޓްބޯލް ފެޑަރޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް ވަނީ ވިދާޅުވެފަ އެވެ.
"ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޒުވާނުން އަދި ސްކައުޓުންގެ 1000 އަށްވުރެ ގިނަ މެމްބަރުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައި،" ރަޖޫބް ވިދާޅުވި އެވެ.
ފަލަސްތީނުގެ ޔަކޫބް ސްޓޭޑިއަމް އިޒްރޭލުން މިހާރު ބޭނުންކުރަނީ ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށް، ބަންދުގައި ބަހައްޓާ ތަނެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. ޔަކޫބް ސްޓޭޑިއަމް އަކީ 1939 ވަނަ އަހަރު ބިނާކުރި ސްޓޭޑިއަމްއެކެވެ. އެހެންކަމުން ބުނީ ފަލަސްތީނުގެ އެންމެ ދުވަސްވީ އެއް ބިނާއެވެ.
ފަލަސްތީނުގެ ކުޅިވަރުގެ ވަސީލަތްތަކާއި ކުޅުންތެރިންނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެދި ފަލަސްތީނުގެ ފުޓްބޯލް ފެޑަރޭޝަނުން ވަނީ ދުނިޔޭގެ އޮލިމްޕިކް ކޮމެޓީ އާއި ފީފާ އަށް ހުށަހަޅައިފަ އެވެ.












