ބޭރުގެ ޔޮޓުތަކާއި ކްރޫޒްލައިނާތަކުން ދައުލަތަށް ނަގާ ފީތަކަށް ބޮޑު ލުއިތަކެއް ނެގުމަށްފަހު ބޭރުގެ ޓުއަަރިސްޓު އުޅަނދުތައް ރާއްޖޭގައި ދުއްވުމާ ބެހޭ މުޅިން އާ ގަވާއިދެއް ސަރުކާރުން މިއަދު ގެޒެޓުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އާ ގަވާއިދުގައި ވަނީ، ބޭރުގެ ޓުއަރިސްޓު އުޅަނދުތަކާ ގުޅޭ ގޮތުން ކުރީ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު 14 ގައި ނެރުނު ގަވާއިދު އުވާލައިފަ އެވެ.
އާ ގަވާއިދުވާ ގޮތުން، ހަތް ދުވަހަށްވުރެ ކުރު މުއްދަތަކަށް އަންނަ އުޅަނދުތައް ޕަސެންޖާ ލައިނާތަކުން ހުއްދަ ނަގަންޖެހެ އެވެ. އެއިރުން ޓުއަރިސްޓު އުޅަނދުތަކުން ދުވާލަކު ނަގާ 100 ޑޮލަރުގެ ފީ ކްރޫޒްލައިނާތަަކުން ދައްކާކަށް ނުޖެހޭނެ އެވެ. އަދި ޗާޓަރު ލައިސަންސު ވެސް ނަގާކަށް ނުޖެހެ އެވެ.
ނަމަވެސް ފީއެއްގެ ގޮތުގައި 850 ޑޮލަރު ދުވާލަކަށް ދައްކަންޖެހެ އެވެ.
ކުރީގެ ގަވާއިދު އުވާލުމަށްފަހު އާ ގަވާއިދަކަށް އަމަލު ކުރަން ފަށާފައި މި ވަނީ ޔޮޓު އެޖެންޓުންގެ އެސޯސިއޭޝަނުން ކުރިން ނެރެފައި އޮތް ގަވާއިދަށް ވަރަށް ބޮޑަށް ފާޑުކިޔާފައި އޮއްވަ އެވެ. އެންމެ ބޮޑު މައްސަލައަކަށް ޖަމިއްޔާއިން ދެއްކީ ކްރޫޒްލައިނާތަކުގެ ކޮޓަރިތަކުން ޓީޖީއެސްޓީއަށް ދައްކަންޖެހޭ 16 ޕަސެންޓު ޓެކްސް ދައްކަންޖެހުމެވެ.
އޭގެ ފަހުން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ގަވާއިދު އިސްލާހު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކުރޫޒު ލައިނާތަކާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިދަނީކުރަމުން. އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން،" ޑިސެމްބަރު 16، ގައި ފައިސަލް ވިދާޅުވެފައި ވެ އެވެ.










