ސެންޓްރަލް ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ވަރުގަދަ ސުނާމީއެއް އަރާނެ ކަމުގެ އިންޒާރު އެ ގައުމުގެ މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ދީފި އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 7.4 މެގްނިއުޓްޑްގެ ބާރު މިނުގަ އެވެ. މި ބިންހެލުން އައިސްފައިވަނީ ކިހާ އަޑިއަކަށް ކަމެއް މިހާތަށް އެނގިފައި ނުވިޔަސް މިހާރު ވަނީ ވަރުގަދަ ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މި ބިން ހެލުމާ އެކު އުފެދޭ ސުނާމީގެ ރާޅުތައް ފަސް މީޓަރަށް އުފުލޭނެ ކަމަށް ބައެއް އިދާރާތަކުން ވަނީ މިހާރު އަންދާޒާކޮށްފަ އެވެ.

ޖަޕާނުގެ ހުޅަނގު ބިތަށް އަރާނެ ކަމަށް ބެލެވޭ މި ސުނާމީއާ ގުޅިގެން އެ ސަރަހައްދުތަކުގެ އައްސޭރިފަށުގައި އަދި ތިރި ސަރައްހަދުތަކުގައި ދިރިއުޅުމުންދާ މީހުން އުސް ތަންތަނަށް ދިޔުމަށް ވަނީ އަންގާފަ އެވެ.
އެގޮތުން, ޖަޕާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޝިކަވާ, ނީގަޓާ, ޓޮޔާމާ އަދި ޔަމަގާޓާގައި އުޅެމުންދާ މީހުން ރައްކާތެރި ހިސާބުތަކަށް ވަގުތުން ދިޔުމަށް ވަނީ އަންގާފަ އެވެ.
މި ބިންހެލުމުގެ އަސަރު ވެރިރަށް ޓޯކިޔޯގެ އިތުރުން ކަންޓޯއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.









