ފައިނަލުގައި ޕޮލިސް ކްލަބް އަތުން ތިން ސެޓުން މޮޅުވެ، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ތިން ވަަނަ ފަހަރަށް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ތަށި ހޯދިއިރު، އެންމެ ބޮޑު ތަފާތަކަށްވީ ވެމްކޯ ޓީމުގައި ތިބި ކުޅުންތެރިންގެ ތަޖުރިބާ ކަމަށް ޕޮލިހުގެ ކޯޗު، ފަތުހުﷲ (ފައްލޯ) ބުނެފި އެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ރޭ ޕޮލިހުގެ މައްޗަށް ވެމްކޯއިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ވެމްކޯ އިން ތިން ފަހަރު ވެސް މި މުބާރާތުގެ ތަށި ހޯދީ، ފައިނަލުގައި ޕޮލިސް ބަލިކޮށްގެންނެވެ. އެންމެ ފަހުން ދެ ފައިނަލުގައި ވެމްކޯ އިން ޕޮލިސް ބަލިިކުރީ ސެޓެއް ވެސް ނުދީ އެވެ.
ވެމްކޯ އިން މި ފަހަރުގެ ފައިނަލް ކާމިޔާބުކުރަން ސެޓުތައް ގެންދިޔައީ، 25-21، 25-23 އަދި 25-17 އިންނެވެ.
ރޭގެ ފައިނަލް މެޗަށް ފަހު ފައްލޯ ބުނީ މި މެޗުގައި ފެނިގެންދިޔައީ ވެމްކޯ ކުޅުންތެރިންގެ ތަޖުރިބާ ކަމަށެވެ.
ފައިނަލް މެޗުގައި ވެމްކޯގެ ކުޅުންތެރިންގެ ޕާފޯމެންސް ވަރަށް ބޮޑައް ތަފާތު. އެހެންވާނީ އެއީ އެ ކުޅުންތެރިންގެ ތަޖުރިބާ
ޕޮލިހުގެ ފިރިހެން ޓީމުގެ ކޯޗުގެ މަގާމު ވެސް ފުރާފައިވާ ފައްލޯ ބުނީ ރޭގެ މެޗުގައި ވެމްކޯއާ ދެކޮޅަށް ދެއްކި ވަރަށް ވުރެ ރަނގަޅު ކުޅުމެއް ޕޮލިސް ކުލަބަށް ދެއްކޭނެ ކަމަށެެވެ.
އެއީ ތަޖުރިބާ އަށް ބަލާއިރު، ޕޮލިހުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ފަދަ ކުޅުންތެރިންނާ އެކު، ރަނގަޅަށް ކުޅެވޭނެ ލެވަލްގެ ކުޅުންތެރިން އެ ޓީމުގައި ތިބުމެވެ. އެކަމަކު، ދެ ޓީމު އަޅާކިޔާނަމަ އެވްރެޖް ސްކޮޑަށް ބަލާއިރު، ތަޖުރިބާގެ ގޮތުން ކުރީގައި އުޅޭނީ ވެމްކޯ އެވެ.
ފައްލޯ ދެން ފާހަަގަކޮށްފައިވާ ކަމަކީ، ރަނގަޅުު ކުރަން ޖެހޭ ކުދިކުދި ކަންކަން ޓީމުގައި ހުރި ކަމަށެވެ. އެ ގޮތުން، ރޭގެ ފައިނަލުން ކުރިއަށް ހުރި މެޗުތަކަށް ބޭނުންތެރި ކަންތައްތަކެއް ފާހަގަވެގެންދިޔަ ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
ޖުމްލަ ގޮތެއްގައި، ޕޮލިސް ޓީމުގައި މި ފަހަރު ހިމެނި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
ޕޮލިހުން ކުރިއަށް ހުރި މުބާރާތްތަކަށް ނުކުންނާނީ މި ފަހަރުގެ އެސޯސިއޭޝަން ކަޕުން މި ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެ, ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.













