އިޒްރޭލާއި ހަމާސްއާ ދެމެދު ކުރާ ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލުހަ ގެނައުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ދެކޮޅު ހެދުމަކީ ފަލަސްތީނުގެ ރައްޔިތުން "ގަތުލުކުރުމުގެ ހުއްދަ" އިޒްރޭލަށް ދިނުން ފަދަ ކަމެއް ކަމަށް ވިދާޅުވެ، އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫލް ޣެއިތު ނުރުހުން ފާޅުކުރައްވައިފި އެވެ.
ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ފާސްކުރި ގަރާރަކީ ރަނގަޅު ފިޔަވަޅެއް ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާފައިވާ އިބާރާތް ބަދަލުކޮށް އެމެރިކާ ރުހޭ ގޮތަށް އެ ގަރާރު ފާސްކުރުމަކީ ކަންބޮޑުވުމެއް ކަމަށް ޣެއިތު ވިދާޅުވި އެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލުން އެފަދަ ގަރާރެއް ފާސްކޮށްފައި މިވަނީ ފަލަސްތީނު ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާ އަޑުތައް މުޅި ދުނިޔޭގައި ވެސް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެންމެ ފުރަތަމަ ގަރާރު ޑްރާފްޓު ކުރިއިރު، ވީހައިވެސް އަވަހަކަށް ދެމެހެއްޓިނިވި ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި އިބާރާތެއް ހިމަނާފައި އޮތެވެ. އަދި ގާޒާއަށް ފޮނުވާ އިންސާނީ އެހީ ބަލައި ފާސް ކުރުމާއި އެފަދަ ހުރިހާ ބާރެއް އދ އަށް ދިނުމަށް ވެސް ޑްރާފްޓުގައި ހިމަނާފައި އޮތެވެ. ނަމަވެސް ފަހުން އެ އިބާރާތްތައް ބަދަލު ކުރީ މީގެ ކުރިން އެ އިބާރާތުން ލިޔެ އެ ކައުންސިލުން ފާސް ކުރަން އުޅުނު ގަރާރުތައް ވެސް އެމެރިކާއިން ވަނީ ވީޓޯ ކޮށްފައި ވާތީ އެވެ.
މިހާރު އޮތް ގޮތަށް ގަރާރު ފާސްކުރުމަކީ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި އުފެދިފައިވާ ރުޅިވެރިކަން މައިތިރި ކުރުމުގެ އުކުޅެއް ކަމަށް ސިފަކުރެއްވުމަށް ފަހު ޣެއިތު ވިދާޅުވީ ބޭނުން ވަނީ ދާއިމީ ސުލުހުއެއް ކަމަށެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ކުރާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ގޮވާލައި، އެމެރިކާ ރުހުނުގޮތަށް އދ ގެ ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރީ ހުކުރު ދުވަހު އެވެ.
ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް މަގުފައި ކޮށްދިނުމަށް ވެސް ބާރުއަޅާފައިވާ އެ ގަރާރު ފާސްކޮށްފައި ވަނީ ސެކިއުރިޓީ ކައުންސިލުގެ 15 މެންބަރު ގައުމުގެ ތެރެއިން 13 ގައުމުގެ ތާއީދާ އެކު އެވެ. އެ ވޯޓުގައި ދުނިޔޭގެ އެންމެ ބޮޑު ދެ ބާރު، އެމެރިކާ އާއި ރަޝިޔާއިން ބައިވެރިވެފައެއް ނުވެ އެވެ.
ގަރާރުގެ އިބާރާތް ބަދަލު ކުރުމުން ރަޝިޔާއިން ވަނީ ނުރުހުން ފާޅުކޮށް ހަނގުރާމަ ހުއްޓައިލުމަށް އޮތް އިބާރާތް އެ އޮތް ގޮތަށް ބޭއްވުމަށް ގޮވާލައިފަ އެވެ. ރަޝިޔާއިން ބުނީ އެ ގަރާރަކީ އެމެރިކާއިން މެދުހަމަ ކޮށްފައިވާ ގަރާރެއް ކަމަށާއި ވޯޓުގައި ބައިވެރި ނުވީ އެ ސަބަބާ ހުރެ ކަމަށް ރަޝިއާއިން ބުނެފައިވެ އެވެ.
ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައި ގާޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ 2.3 މިލިއަން މީހުންގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ ޖުމުލަ އާބާދީގެ 90 ޕަސެންޓު މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ. ނަމަވެސް އިޒްރޭލުން ގެންދަނީ ހުއްޓުމެއް ނެތި ވައިގެ މަގުންނާއި އެއްގަމު މަގުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. ފަލަސްތީނުގެ މަސްރަހު ދިރާސާ ކުރާ އދ ގެ އޮފިޝަލުން ވަނީ ގާޒާގެ ހާލަތަކީ ދުނިޔެ މަތީ ނަރަކައިގެ ގޮތުގައި ސިފަ ކޮށްފަ އެވެ.









