"ރަސްމާލެެ" އަކަށް ބަދަލުކުރުމަށްޓަކައި ފުށިދިއްގަރު ފަޅު ހިއްކަން ހިންގާ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި ރާއްޖޭގައި މިހައިތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ބިން ހިއްކުން ހުއްޓައިލާނީ އެދާ ގޮތަށް ގޮސް 1،150 ހެކްޓަރު ހަމަކޮށްފަ އެވެ.
"މި މަޝްރޫއުގެ ދަށުން 1،150 ހެކްޓަރުގެ ބިން، އިރާދަކުރެއްވިއްޔާ މިއަދު (ޑިސެމްބަރު 18) މިފެށޭ ގޮތަށް ގޮސް މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި. ގާތްގަނޑަކަށް 1،150 ހެކްޓަރުގެ ބިމަކީ ބޮޑުމިނަށް ބަލާ ނަމަ ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ގާތްގަނޑަކަށް ތިން ގުނަ،" އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
ރަސްމާލޭގެ ބިޔަކަށް ވިސްނުމަށް ގެންނަން ފަސޭހަކޮށްލަ ދޭނަމެވެ. ހުޅުމާލެ ފޭސް 1، އަދި 2 އެއްކުލުމުން އެއީ ގާތްގަނޑަކަށް 400 ހެކްޓަރެވެ. ދެން ވިސްނަވާށެވެ. ރަސްމާލެއަކީ ހުޅުމާލެ ވަރުގެ ތިން ރަށެވެ.
ރައީސް އެ ވިދާޅުވި މުއްދަތުގެ ތެރޭގައި އެ މިންވަރަށް ބިން ހިއްކާ ނަމަ ކުރިއަށް އޮތް އަށް މަސް ދުވަހު ދުވާލަކަށް ހަތަރު ހެކްޓަރަށް ވުރެ މަތީ ރޭޓަކުން ބިން ހިއްކުން ކުރިއަށް ގެންދަން ޖެހޭނެ އެވެ. އެ މަޝްރޫއުގައި ކުރަން އޮތް މަސައްކަތުގެ ބޮޑުކަން މިވަރުން އިހުސާސް ކުރެވޭނެ އެވެ.
އެވަރުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ކުއްލިއަކަށް ފެށިއިރު، ރައްޔިތުންނަށް ޖަވާބު ލިބެން ޖެހޭ ގިނަ ސުވާލުތަކެއް އަދިވެސް ހުރީ ސުވާލުގެ ގޮތުގަ އެވެ.
މަޝްރޫއު ހަވާލުކުރީ ކޮން އުސޫލަކުން؟
މި މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު އުނިކުކޮށް އެ ފައިސާގެ ތެރެއިން 200 މިލިއަން ރުފިޔާ ހިމެނީ މިހާރު ހިއްކާފައި އޮތް ގިރާވަރާއި ގުޅިފަޅު އަދި ހުޅުމާލޭގައި ބޯހިޔާވަހިކަން ދިނުމަށް ބޭނުންވާ ކަންކަން ކުރިޔަށް ގެންދިޔުމަށެވެ. ބާކީ 200 މިލިއަން ރުފިޔާ އެހެން މަޝްރޫއުތަކަށް ބަހައިލީ އެވެ.
މަޝްރޫއެއް ކުރިޔަށް ގެންދިޔުމާއި ނުގެންދިޔުން ބިނާކުރަންޖެހޭ ގާނޫނީ އެންމެ މުހިންމު ހަމައަކީ ބަޖެޓެވެ. ބަޖެޓު ނުކުރާ ޕްރޮގްރާމެއް، ޕްރޮޖެކްޓެއް ކުރިޔަށް ނުގެންދެ އެވެ. މަޝްރޫއެއް ބަޖެޓުން އުނިކުރުމުން، ކުންފުންޏެއްގެ ތެރެއަށް އެ މަޝްރޫއު ލުމަށް ފަހު، ދައުލަތުން ގެރެންޓީ ދީގެން ނަގާ ލޯނަކުން މަޝްރޫއު ހިންގުމާއި ނުވަތަ އެ މަޝްރޫއު ހިންގާތީވެ ކެޕިޓަލްގެ ގޮތުގައި ބޭނުންވާ ފައިސާ ދިނުމަކީ ހަމަ ބަޖެޓުން ހަރަދު ކުރުމެވެ.
އާބަންކޯއާ ހަވާލުކޮށްގެން މި މަހުގެ 18 ވަނަ ދުވަހު މި މަޝްރޫއު ފަށާފައިވާ އިރު ހާމަ ކުރީ މަދުމިންވަރެއްގެ މައުލޫމާތެވެ. ހިއްކާ ބޮޑުމިނާއި ރަށުގެ އުސްމިން އެނގުނާއި ފަޅުގެ ފުންމިން އެނގުނު ނަމަވެސް، މުޅި މަޝްރޫއުގެ ހަރަދެއް ނޭނގެ އެވެ. ހާމައެއް ވެސް ނުކުރެ އެވެ.
މި ސަބަބުތައް މިހެން ހުރުމުގެ ފުށިދިއްގަރުފަޅު މަޝްރޫއުއަކީ ގާނޫނުއަސާސީ އާއި މާލިއްޔަތު ގާނޫނާ ހިލާފަށް ހިންގާ މަޝްރޫއުއެއް ކަމަށް، ކުރީގެ ސަރުކާރުގެ ޓެންޑަ ބޯޑުގެ ޗެއާމަންކަމާއި، އަދި އޭގެ ކުރިން ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ އެންމެ އިސް މަގާމުގެ އިތުރުން ނެޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަންގެ ޑިރެކްޓަރުކަން ކުރެއްވި އިސްމާއީލް ޒަރިޔަންދު ވިދާޅުވެފައިވެ އެވެ.
ފުށިދިއްގަރުފަޅު މަޝްރޫއުގައި އާބަންކޯގެ ބައިވެރިންނަކީ އަވަށްޓެރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އެވެ. އޭނާ ވިދާޅުވި ގޮތުން އެ މަސައްކަތުގައި ސީއެމްސީސީގެ ވެސް އިތުރު ޕާޓްނަރުން އެބަ ތިއްބެވެ. އެއީ ނެދަލޭންޑްސްގެ ބޮސްކާލިސް އާއި ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންޓްރެކްޓިން (ސީސީސީސީ) އެވެ.
އާބަންކޯ އާއި އެ ކުންފުންޏާ ގުޅިފައިވާ ކަމަށް ފަޒުލް އެ ވިދާޅުވި ކުންފުނިތަކަކީ މަސައްކަތުގައި ވަރަށް ގާބިލު ކުންފުނިތަކަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ދައުލަތުން އެތައް ބިލިޔަން ރުފިޔާއެއް ހޭދަވާނެ އެ މަޝްރޫއުގައި އެ ކުންފުނިތައް ބައިވެރި ކުރި ގޮތެއް ސާފެއް ނުވެ އެވެ.
ހަމައެހެންމެ އެ މަޝްރޫއު އާބަންކޯއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް ހާމައެއް ނުކުރެ އެވެ. އާބަންކޯއިން ބޭރުގެ ކުންފުނިތައް ބައިވެރި ކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ. އެ ހުރިހާ ކަމެއް ހުރީ ސުވާލުތަކެއްގެ ގޮތުގަ އެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފަށަން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ "އަދަދު" އިން މި ސުވާލުކުރުމުން ވިދާޅުވީ ފުށިދިއްގަރު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެ ރަސްމިއްޔާތުގައި އެފަދަ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މި މައުލޫމާތު ހާމަނުކުރި ނަމަވެސް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާ ފުރަތަމަ "ސައިޓް ޖޭ"އަށް ތައްޔާރުކޮށްފައިވާ އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި އެ މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މާނައަކީ މި މަޝްރޫއަށް ހިނގާ ހަރަދު ކުރާނީ ސީއެމްސީސީއިންނެވެ. އާބަންކޯއިން އެ ކުންފުންޏަށް ފައިސާ ނުވަތަ މުގާބިލުގައި ދޭން އެއްބަސްވެފައިވާ އެއްޗެއް ދޭނީ މަޝްރޫއުގެ މަސައްކަތް ނިމުމުން ނުވަތަ ނިމެމުންދާ ވަރަކުންނެވެ.
ހޭދަކުރަނީ ކިހާ ފައިސާއެއް؟ ހޯދަނީ ކޮން ގޮތަކަށް؟
މި މަޝްރޫއުގެ ޖުމުލަ ހަރަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައި، އެތަނުގެ ގޮނޑުދޮށް ހިމާޔަތް ކުރަން މަދުވެގެން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.
މާލޭގެ ބަދަލުގައި މުސްތަގުބަލުގައި ވެރިކަން ކުރާ ރަށަށް ވެސް ވެދާނެ މި މަޝްރޫއުގެ އެހެން މަސައްކަތްތަކަށް ހިނގާނެ ހަރަދު އަދި މާބޮޑެވެ.
ރާއްޖޭގައި އަދި ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި ވެސް ބޮޑެތި މަޝްރޫއުތަކަށް ދައުލަތުން ހަރަދުކުރާ ފައިސާގެ އަދަދަކީ ސިއްރެއް ނޫނެވެ. މަޝްރޫއެއް ކުރިއަށް ގެންދާނެކަން އިއުލާނުކުރާ ހިސާބުން ރައްޔިތުންނަށް އެ މައުލޫމާތު ހާމަކުރާނެ އެވެ. އެހެނީ ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ އެވެ. އެ ފައިސާ ހަރަދުކުރަނީ ރަނގަޅަށްކަން ރައްޔިތުންނަށް އެނގެން ޖެހެ އެވެ.
އެހެން ނަމަވެސް މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ފެށި އިރު، އެ މަަަޝްރޫއަށް ހަރަދުވާނީ ކިހާ ފައިސާއެއްކަން ހާމައެއް ނުކުރެ އެވެ. އެ ފައިސާ ހޯދަނީ ކޮން ގޮތަކުން ކަމެއް ވެސް ނޭނގެ އެވެ.
އާބަންކޯ އަކީ އަމިއްލަ ދަރަންޏަށް ޒިންމާވާ ކުންފުންޏަކަށް ވިޔަސް، އެ ކުންފުންްޏަކީ 100 ޕަސެންޓް ދައުލަތުގެ ކުންފުންޏެކެވެ. އެހެން އެކަން އޮންނަހާ ހިނދަކު އެ ކުންފުނީގެ ފައިސާ އަކީ ވެސް ރައްޔިތުންގެ ފައިސާ އެވެ.
އަނެއްކޮޅުން އާބަންކޯގެ މާލީ ހާލަތު އޮތީ، ބިޔަ މަޝްރޫއުތަކަށް އަމިއްލައަށް ފަންޑުކުރެވޭ ހާލަތަކު އެއް ނޫނެވެ. ސަބަބަކީ ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްގީކުރަން އެ ކުންފުނިން ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނުތަކެވެ. މި ލޯނުތައް ނުދެއްކިގެން އެ ކުންފުނީގެ ހަރަދުތަކުގެ ބޮޑު އިންސައްތައަކަށް ވޭތުވި އަހަރުތަކުގައި ޒިންމާވީ ސަރުކާރުންނެވެ.
މިފަހުން ވެސް އެ ކުންފުނިން ވަނީ އެމްއައިބީން 200 މިލިއަން ރުފިޔާގެ ލޯނަކާއި އޭގެ ކުރިން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ލޯނެއް ނަގާފަ އެވެ. މި ލޯނުތައް ނެގުމުގެ ކުރިން ވެސް އާބަންކޯއިން އަދާކުރަން ޖެހޭ ދަރަނި ދައްކަން ޖެހޭ ފައިސާ ކެޕިޓަލް ލޯނާއި ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ދެމުން އަންނަނީ ސީދާ ދައުލަތުންނެވެ.
މި މަޝްރޫއު އަށް އިސްކަމެއް ދިނީ ކީއްވެ؟
މިއީ ރާއްޖޭގެ ޗާޓު ބަދަލުވާނެ މަޝްރޫއު އެކެވެ. ދިވެހިން ޒަމާނުއްސުރެ އުޅެމުންދިޔަ ޖަޒީރާ ވަންދަކަމަށް އެންމެ ބޮޑު ބަދަލު އަންނާނެ މަޝްރޫއު އެވެ. މާދަމާ އަހަރެން ވެސް، އެހެން މީހުން ވެސް އުޅެން ތައްޔާރުކުރާ ރަސް ރަށެވެ. މާލޭ ސަރަހައްދު ކަމަށް ވިޔަސް އެއީ ޖޯގްރަފީގެ ގޮތުން މާލެ އަތޮޅުގެ ދެކުނު ބަޔެވެ. މާލެ އާއި ފުށިދިއްގަރުފަޅާ ދެމެދު 16 ކިލޯމީޓަރުގެ ބުރިޖެއް އެޅުމަކީ އުނދަގޫ ހަރަދު ބޮޑު މަޝްރޫއަކަށް ވާނެ އެވެ. ސަބަބަކީ މާގަނޑަކަށް ވުމުންނެވެ. އެހެންވެ، އެ ދެމެދުގައި ބާއްވާނީ ފެރީގެ ނިޒާމެކެވެ.
ފުށިދިއްގަރުފަޅުން 65000 ހައުސިން ޔުނިޓު ދޫކުރާއިރު، މާލޭ ސަރަހައްދުން ގުޅިފަޅާއި، ގިރާވަރާއި އަދި ހުޅުމާލޭން 9000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ. އަދި މިހާރު އިމާރާތްކޮށް ނިމުމާ ގާތަށް ގޮސްފައިވާ 4000 ހައުސިން ޔުނިޓުގެ އިތުރުން އިތުރު 6000 ހައުސިން ޔުނިޓު ވެސް ހުޅުމާލޭގައި އިމާރާތް ކުރަން ކުރީގެ ސަރުކާރުން އޮތީ ޕްލޭންކޮށް ބަޔަކާ ހަވާލުވެސްކޮށްފަ އެވެ. އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ ހުރިހާ ގޯއްޗެއްގައި މީހުން ދިރުއުޅުމަށް ފަސް ބުރި ހާއްސަކުރި ނަމަވެސް އެއީ މަދުވެގެން 45000 ހައުސިން ޔުނިޓެވެ. އަދި މިހާރު އިމާރާތްކުރާ ފްލެޓުތަކާއެކު ޖުމުލަ 55000 ހައުސިން ޔުނިޓު ކުރިޔަސް އޮތް އަހަރުތަކުގައި ފެނިގެންދާނެ އެވެ.
މިއީ އާބާދީއަށް ބަހައިލާނަމަ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން މީހުން އުޅުނަސް 165000 މީހުންނަށް ލިބޭ ބޯހިޔާވަހި ކަމެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީއަކީ 382،000 މީހުންނެވެ. މާލޭގެ އާބާދީއަކީ 161,108 އެވެ.
ގުޅިފަޅާއި ގިރާވަރާއި ހުޅުމާލޭގައި މިހާރު ހިންގާ ހައުސިން މަޝްރޫއުތަކުގެ ސަބަބުން ކުރިޔަށް އޮތް 10 އަހަރު ވެސް ބޯހިޔާވަހިކަމަށް މީހުން ބޭނުން ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފު ގަބޫލު ކުރައްވަ އެވެ.
"އެހެންވެ އަޅުގަނޑު ވެސް ވަރަށް ސުވާލު އުފެދޭ މިހައި އަވަސް އަރުވާލައިގެން އެ މަޝްރޫއު [ފުށިދިއްގަރުފަޅު] ކުރިޔަށް ގެންދަނީ ކީއްވެގެންތޯ؟" އާރިފު ވިދާޅުވި އެވެ.
މި ސަބަބުތައް މިހެން ހުރިއިރު، ހިއްކާފައި އޮތް ބިންތައް ތަރައްގީ ނުކޮށް، ނުވަތަ އެ މަޝްރޫއުތަކަށް އިސްކަން ނުދީ އާ ސަރުކާރުން މި ފެށި ރަސްމާލެ މަޝްރޫއުއާމެދު ނޫސްވެރިންނާއި އާންމުން އުފައްދާ ސުވާލުތަކަށް ޖަވާބެއް ނުދިނުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. މިފަދަ މަޝްރޫއުތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ހިންގާ މަޝްރޫއެވެ. މި މަޝްރޫއުއަށް "ވެލި މުށެއް" އަޅައިލިއިރު ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންނެވި "ހާމަކަމެއް" ތިލައެއް ނުވެ އެވެ. އުފެދެނީ ހައްތަހާ ވެސް ސުވާލެވެ.












