މޯލްޑިވިއަން އަށް ވައިޑް ބޮޑީ މަތިންދާ ބޯޓު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާތާ ވަރަށް ހިނގަ ދުވަސްތަކެއް ވެއްޖެ ކަމަށް، މޯލްޑިވިއަންގެ ހިދުމަތްދޭ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނެފި އެވެ.
އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިޝަތް ޖެނިފާ ވިދާޅުވި ގޮތުގައި ވައިޑް ބޮޑީ އެއާކްރާފް ހޯދަން ކުރިންސުރެ ޕްލޭންކޮށްގެން މަސައްކަތް ކުރި ނަމަވެސް އެކަން މިހާތަނަށް ހާސިލު ނުވެ އޮތީ ފައިސާ ހަމަނުޖެހުމުގެ ސަބަބުންނެވެ.
"އެއީ [ވައިޓް ބޮޑީ އެއާކްރާފްޓް ގެނައުމަކީ] ކުރިންސުރެ މަސައްކަތް ކުރަމުން އަންނަ ކަމެއް. އެކަން ނުވެ އޮތީ ފައިސާ ހަމަ ނުޖެހިގެން، ސަރުކާރުން އިއްޔެ މި ނިންމީ އެކަން ހަމަޖައްސައިދޭން. މިހާރުން ފެށިގެން ދެން އެ މަސައްކަތް ކުރިއަށް ދާނެ،" ޖެނިފާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން އާ 330-200 ގެ ވައިޑް ބޮޑީ ދެ މަތިންދާ ބޯޓު ހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް މި އަހަރުގެ ފެބްރުއަރީ އިއުލާނު ކުރި އެވެ. އެއީ ގިނަވެގެން 406 ސީޓު ހަރުކުރެވޭ، 7،250 ނޯޓިކަލް މޭލުގެ ދުރުމިނުގެ މަންޒިލުކަތަށް ދިގު ދަތުރުތައް ކުރުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.
ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓްތަކެއް ގެންނާނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ވިދާޅުވީ އެ މަނިކުފާނު ރައީސުލްޖުމްހުރިއްޔާގެ މަގާމުގެ އިންތިހާބު ކާމިޔާބު ކުރެއްވިފަހުން، މިދިޔަ އޮކްޓޯބަރު މަހު ފަހުކޮޅެވެ.
ވައިޑް ބޮޑީ ދެ އެއާކްރާފްޓު ގެންނަން ބޭނުންވާ ފައިސާ އައިއޭއެސް އަށް ހަމަޖައްސައި ދިނުމަށް، އިއްޔެ ވަނީ ކެބިނެޓުން ނިންމައިފަ އެވެ.










