ވާދަވެރި ލީގެއް ނެތި ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިއެރުމެއް ނެތް

މާޒިޔާގެ ކޯޗު މިލޯ: އެންމެ ބޮޑު މައްސަލަ އަކީ ރާއްޖޭގައި ވާދަވެރި ލީގެއް ނެތުން ކަމަށް ވަނީ ބުނެފައި.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ކޯޗު މިލޯ: އެންމެ ބޮޑު މައްސަލަ އަކީ ރާއްޖޭގައި ވާދަވެރި ލީގެއް ނެތުން ކަމަށް ވަނީ ބުނެފައި.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ވާދަވެރި ލީގެއް ނެތި އޭއެފްސީ ކަޕް ފަދަ ބައިނަލްއަގުވާމީ މުބާރާތެއްގައި ކުރިއެރުމެއް ނުހޯދޭނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

އޭއެފްސީ ކަޕްގައި މާދަމާ މެންދުރު ފަހު، ގަލޮޅު ދަނޑުގައި އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާ ނުކުންނައިރު، މި ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

މޯހަން ބަގާން މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިލޯ ވަނީ ރާއްޖޭގެ ފުޓްބޯޅައާ ގުޅޭ ވާހަކަތަކެއް ދައްކައިފަ އެވެ. އެއީ މާޒިޔާ އަށް އަމާޒުވި ސުވާލެއްގެ ޖަވާބުގަ އެވެ.

އެ ގޮތުން، ރާއްޖޭގައި ތިބި އެންމެ ރަނގަޅު ކުޅުންތެރިންނާއި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސްގެން ވެސް މާޒިޔާ އަށް އޭއެފްސީ ކަޕްގައި ކުރިއަށް ނުދެވެނީ ކީއްވެތޯ ނޫސްވެރިއަކު ފުރަތަމަ ސުވާލުކުރީ މާޒިޔާ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ)އާ އެވެ. ސަމުއްޓެ އަށް އެ އަށް ސީދާ ޖަވާބެއް ނުދެވުނެވެ.

އެ ސުވާލަށް ޖަވާބު ދޭން ފަހުން ފުރުސަތު ދިނީ މިލޯ އަށެވެ.

"ތި އަހާ ސުވާލަކީ ހަމަ ތި މީހުންނަށް ޖަވާބު ވެސް އެނގޭ ކަންކަން. ތި މީހުން ތި އުޅެނީ އެ ޖަވާބު އަހަރެން ލައްވާ ބުނެލަން. ތިއީ ވަރަށް ސްމާޓް ގޮތެއް. އަހަރެން އެއްވެސް އިރެއްގައި މީޑިއާ އަކާ މައްސަލައެއް ނެތް،" މިލޯ ބުންޏެވެ.

"އެންމެ ބޮޑު މައްސަލަ އަކީ އަހަންނަށް ރާއްޖޭ ފުޓްބޯޅައާ ބެހޭ މާ ބޮޑު މައުލޫމާތެއް ނޭނގުން. ހޯދޭނެ ޕޯޓަލެއް ނެތް ފެންނާކަށް ވެސް. މިއީ އެންމެންނަށް ވެސް ދިމާވާނެ މައްސަަލަ،"

މިލޯ ބުނީ އޭއެފްސީ ކަޕްގައި މާޒިޔާ މި ވަގުތު އޮތް ގްރޫޕަށް ބަލާއިރު، މޯހަން ބަގާން އާއި އޮޑިޝާ އެފްސީ އަކީ އިންޑިިއާގެ އެންމެ ރަނގަޅު ފަސް ޓީމުގެ ތެރޭގައި ހިމެނޭ ދެ ޓީމު ކަމަށާއި އެއީ ވޭތުވެދިޔަ ތިން ވަރަކަށް އަހަރު އެއް ކުޅުންތެރިންތަކެއް ގިނައިން ކުޅުވާ އެއް ކޯޗެއްގެ ބެލުމުގެ ދަށުން މެނޭޖްމަންޓުން ޑިވެލޮޕްކުރި ޓީމުތަކެއް ކަމަށެވެ.

ހަމަ އެ ގޮތަށް، ބަޝުންދަރާ އަކީ ބަންގްލަދޭޝްގެ ވަރުގަދަ ބާރެއް ކަމަށާއި އެ ޓީމުގައި އޮތީ ތިނެއް ނޫނީ ހަތަރު އަހަރު ވަންދެން އެއް ކޯޗަކާ އެކު (ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮންގެ ބެލުމުގެ ދަށުން) ޑިވެލޮޕްކުރި ޓީމެއް ކަމަށް މިލޯ ވަނީ ބުނެފަ އެވެ.

"ދެން މާޒިޔާ އަށް ބަލާއިރު، ރަނގަޅު އެއް ކުޅުންތެރިންތަކެއް ލޯކަލް، ވަރުގަދަ ލީގެއް ނެތް، ވާދަވެރި ޓީމުތަކެއް ނެތް، އަބަދު ލީގު ބަދަލުވަނީ، ސިސްޓަމެއްގެ ތެރެއިން ކުރިއަށްދެވޭނެ ހާލަތެއް ނެތް، މިއީ ތި އެންމެން ހާއްސަކޮށް މީޑިއާ ވެސް ބައިވެރިވެގެން ހައްލު ހޯދަން ޖެހޭ ކަމެއް،" މިލޯ ބުންޏެވެ.

"އަހަރެން ޓީވީން ބަލާލިއިރު، (ރަށެއްގައި) މެޗު ބަލަން ތިބި، ލީގުގައި އީގަލްސް އާއި މާޒިޔާ މެޗެއް ބަލަން ތިބޭ ސަޕޯޓަރުންނަށް ވުރެން ގިނައިން. މިއީ ކިހިނެއްވާ ކަމެއްތޯ ބަލަންޖެހޭ. އަހަރެމެން އެބަޖެހޭ ރަނގަޅު ލީގެއް ބާއްވަން، ފުޓްބޯޅައިގެ އެންމެ ފުރިހަމަ ގޮތަކީ ހޯމް އެންޑް އަވޭ، ރިސޯޓްތަކާއި ރަށްތަކާ އެންމެން ގުޅިގެން އެ ގޮތަށް ލީގެއް ބާއްވަން ޖެހޭ ނޫނީ ކުރިއެރުމެއް ނެތް،"

މިލޯ ބުނީ މިޔަންމާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ފުޓްބޯޅަ ވަރުގަދަ ކުރަން އެ ކުރާ މަސައްކަތުގައި ކުރިއެރުން ފެންނައިރު، ރާއްޖޭގައި އެ ފަދަ ރަނގަޅު ކަންކަން ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.

"ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުތަކުން ފެނުނު ކަމެއް، ޔަގީނުން ވެސް ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ބަންގްލަދޭޝަށް ވުރެ ރަނގަޅު، ދެން އަހަރެމެން ބަލަންވީ މި މައްސަލަތައް ހުރި ކަންކަން. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނީ އެ މައްސަލަ ހުރި ކަންކަން ރަނގަޅުކޮށްގެން،" މީގެ ހަތަރު ވަރަކަށް މަސް ކުރިން މާޒިޔާގެ ކޯޗުކަމާ ހަވާލުވި މިލޯ ބުންޏެވެ.

މިލޯ ބުނީ އޭނާ މާޒިޔާއާ އެކު ސޮއިކުރީ ހަ މަހުގެ ކޮންޓްރެކްޓެއް ކަމަށާއި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު ކްލަބުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެ ކަމަށެވެ.

މޯހަން ބަގާން އިން އޭއެފްސީ ކަޕަށް "އިހުތިރާމެއް ނުކުރޭ"

މާޒިޔާ އާއި މޯހަން ބަގާން އަށް، ގްރޫޕްގެ އެއް ވަނަ ހޯދައިގެން، އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދިއުމުގެ ދޮރު އޮތީ ބަންދުވެފަ އެވެ. އެހެންވެ، މޯހަން ބަގާން އިން މާދަމާ ކުޅޭ މެޗަށް ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ނުގެނެ އެވެ.

މިލޯ ބުނީ މޯހަން ބަގާން އިން މުހިންމު ކުޅުންތެރިން މެޗަށް ނުގެނެސް އެ ގޮތަށް ކަންތައް ކުރުމުން އެ ޓީމާ މެދު ޕްރޮފެޝަނަލް ވިސްނުމެއް ގެންގުޅެއް އުނދަގޫ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އެ މީހުން (މޯހަން ބަގާން) ޕްރޮފެޝަނަލް އެއް ނޫން. ޕްރޮފެޝަނަލް ވެސް، ސެމީ ޕްރޮފެޝަނަލް ބައެއް ކުޅުންތެރިން އެބަތިބި. އެ މީހުން ވަރަށް ނަސީބު ރަނގަޅުކޮށް ކުރިން މެޗުގައި ދިޔައީ 92 ވަނަ މިނިޓްގައި ގޯލެއް ވަނީ. އެ ދުވަހު ހުރި ރެފްރީއާ ހެދި އެކަން އެ ގޮތަށް ވީ،" ކަލްކަތާގައި އޮކްޓޫބަރު ދެ ވަނަ ދުވަހު، މޯހަން ބަގާން އިން 2-1 އިން މާޒިޔާ ބަލިކުރި މެޗަށް އިޝާރާތްކޮށް މިލޯ ބުންޏެވެ.

މިލޯ ބުނީ މީގެ ކުރިން އޭނާ ދުވަހަކު ވެސް ރެފްރީންގެ ވާހަކަ ނުދައްކާ ކަމަށާއި އެކަމަކު މޯހަން ބަގާން އަށް މި ދެ ޓީމު ކުރިން ބައްދަލުކުރި މެޗުގައި ލިބުނީ "ހައްގު ނަތީޖާއެއް ނޫން" ކަމަށެވެ.

"އަހަރެމެން މާ ރަނގަޅަށް ކުޅުނިން. އަހަރެމެންނާ މެދު އިންޑިއާ އިން ކޮންމެ ގޮތަކަށް ދެކުނަސް އަހަރެމެން މި ތިބީ ޕްރޮފެޝަނަލްކޮށް. އެ މީހުން އެ އިހުތިރާމް ކުޑަކުރަނީ މާޒިޔާ އަށް ނޫން. މި މުބާރާތަށް އެ ކަން ކުރަނީ. ތި މީހުންނަށް ފެންނާނެ، މެންޗެސްޓާ ޔުނައިޓެޑުން އެ މީހުން ލީގު ޗެމްޕިއަން ވިޔަސް ނުފޮނުވާނެ ދެ ވަނަ ޓީމެއް. (މޯހަން ބަގާން އިން) ލީގަށް ފޯކަސް ކުރަން ބޭނުމޭ ބުނެފައި ދަށް ޓީމެއް ފޮނުވުމަކީ އޭއެފްސީ ކަޕަށް އިހުތިރާމް ކުޑަކުރުން،" މިލޯ ބުންޏެވެ.

މިލޯ ބުނީ މާޒިޔާ އަށް މި މަހު 15 އާއި 19 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކެއް އެބަހުރި ކަމަށާއި މާދަމާ މޯހަން ބަގާންއާ ކުޅޭ މެޗަށް ޓީމު ނަގާނީ ހުރިހާ ކަމަކަށް ވިސްނާފައި ކަމަށެވެ.

މާޒިޔާގައި އަނިޔާގެ މައްސަލަ ވެސް އެބަހުރިކަން ފާހަގަކޮށް މިލޯ ބުނީ މާދަމާގެ މެޗަށް ޓީމު ނެރޭނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު، މަސައްކަތް ކުރާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.

"ބަދަލު ކުރެވޭނެ ކަންކަމަށް ބަލާފައި ކުޅުންތެރިންނަށް ފުރުސަތު ދޭނީ މެޗުން މޮޅުވާން އިސްކަން ދީގެން. އެގާރަ ކުޅުންތެރިން ބަދަލުކޮށްގެން ކުޅެވޭކަަށް ނެތް. ހުރިހާ ކަމެއް ބަރޯސާވަނީ އެންމެ ފަހުން ޓްރެއިނިން އަށް. މާލޭގައި އެބައުޅޭ ރޯގާ އެއް ވެސް އެހެންވީމަ އެއިން ސަލާމަތްވެގެން ތިބުން ވެސް މުހިންމު. މަސައްކަތަށް ބެލުމަށް ފަހު، އެންމެ ރަނގަޅަށް އެ މެޗެއްގައި ކުޅޭނެ ކަމަށް ފެންނަ ކުޅުންތެރިންނަށް ފުރުސަތު ދެނީ،"

ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، އޭއެފްސީ ކަޕް ގްރޫޕް ޑީގެ އެއް ވަނައިގައި މި ވަގުތު ބަޝުންދަރާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮޑީޝާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މޯހަން ބަގާން އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މާދަމާ 15:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox