މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނުން މައްޗަށް ހިނގައްޖެ އެވެ.
ސަރުކާރުން ވަނީ މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 1.8 މިލިއަނުން މައްޗަށް ދާނެ ކަމަށް ލަފާކޮށް އެކަމަށް އަމާޒު ހިފައިފަ އެވެ. މިހާތަނަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދަށް ބަލާއިރު އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ އިތުރު ލައްކައެއްހާ ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ފާއިތުވި ތިން އަހަރު ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,703,204 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 12.9 އިންސައްތައިގެ ކުރި އެރުމެކެވެ.
މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ، މިދިޔަ އަހަރު ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަށްވުރެ ވެސް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރީ 1,675,303 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގައި އެންމެ ކުރީގައި އޮތީ މިދިޔަ އަހަރުގެ ލިސްޓުގައި ދެވަނައަށް އޮތް ރަޝިޔާ އެވެ. އެގައުމުން އެކަނި ވެސް މިހާތަނަށް ރާއްޖެއަށް 193,269 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
އެ ލިސްޓުގެ ދެ ވަނައިގައި އިންޑިއާ އޮތް އިރު ތިން ވަނައިގައި އޮތީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާ އެވެ.











