މެޑްރިޑް (ޑިސެމްބަރު 3) - ފުރުސަތުގެ ބޭނުންހިފައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް ރޮޑްރީގޯ ޓީމުގައި ތަފާތު ދައްކަން ފަށައިފި އެވެ.
ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް އަނިޔާވުމާ އެކު، ކޯޗު ކާލޯ އަންޗެލޮޓީ އަންނަނީ ރޮޑްރީގޯ އަށް ކުޅުމުގެ ފުރުސަތު ގިނައިން ދެމުންނެވެ. ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރޮޑްރީގޯ ވަނީ ތިން ގޯލު ޖަހައިފަ އެވެ.
ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އަތުން 2-0 އިން މޮޅުވި މެޗުގައި ރޮޑްރީގޯ ގޯލެއް ޖެހިއިރު، މި މެޗުން ހޯދި ޕޮއިންޓްތަކާ އެކު ރެއާލް ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.
ރޭގެ މެޗަށް ފަހު، ރެއާލްގެ ކޯޗު އަންޗެލޮޓީ ވަނީ ރޮޑްރީގޯ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.
"އޭނަ (ރޮޑްރީގޯ) އަސްލު ފޯމުގައި އެ އަންނަނީ ކުޅެމުން. ލަނޑު ޖަހާނަމަ އޭނަގެ ފޯމު ދަމަހައްޓަން ފަސޭހަވާނެ. އެކަން އެބަ ފެނޭ މި މެޗުތަކުގައި، އުންމީދަކީ އިތުރަށް ރަނގަޅުވުން،" އަންޗެލޮޓީ ބުންޏެވެ.
ފުރަތަމަ ހާފުގައި ގްރަނާޑާ ކޮޅަށް ރެއާލަށް ލީޑުނަގައިދިން ގޯލު ޖެހީ ޓޯނީ ކްރޫސް ދިން ބޯޅައަކުން ބްރަހިމް ޑިއާޒް އެވެ. އަންޗެލޮޓީ ވަނީ ކްރޫސް އެ ޓީމުގައި ދައްކަމުން އަންނަ ކުޅުމާއި އެއް ލެވަލެއްގައި ހިފަހައްޓަން ކުރާ މަސައްކަތް ފާހަގަކޮށްފަ އެވެ.
މި މޮޅާ އެކު، ރެއާލް އެއް ވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވެސް ވަނީ 15 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ބާސެލޯނާގެ އޮތީ 14 މެޗުން 31 ޕޮއިންޓެވެ.












