އދ. ދިގުރަށުގައި ވިހެވުމަށް ފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ އެވެ.
އެ ކުއްޖާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ އޭނާ މަރުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެކަމާ ގުޅޭ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:20 ގަ އެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން "އަދަދު" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް ކަމަށެވެ. އަދި, މިހާރު އެތަން ބަންދުކޮށްގެން ފުލުހުން ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.
އެ ރަށުގެ ކުނިގޮނޑު ހުންނަނީ މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގަ އެވެ.














