ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، މުހައްމަދު ތޮލާލް އައްޔަންކޮށްފި އެވެ..
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުލަބްތަކުގެ ރަޖިސްޓްރޭޝަން ބެލެހެއްޓުމަށް، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމަށް ތޮލާލް އައްޔަންކުރެއްވީ ވަޒީރުންގެ ފެންވަރުގަ އެވެ. މިއީ މި މަގާމަށް ވަޒީރުންގެ ފެންވަރުގައި ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަމުން އައި، ތޮލާލް ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ހަވާލުވެވަޑައިގަތުމަށް ފަހު، އެތުލެޓިކްސްގެ އެ މަގާމުން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ)، ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔަންކުރި ތޮލާލްއާ އެކު.--- ފޮޓޯ: ރައީސް އޮފީސް
އެހެން ނަމަވެސް، އެނގިފައިވާ ގޮތުގައި، މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގައި ތޮލާލް ފުރުއްވަމުން އަންނަ އެ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމާ މެދު އަންނަނީ ގާނޫނީ ގޮތުން ލަފާ ހޯދަމުންނެވެ.
ރާއްޖޭގައި މިހާރު އެންމެ ހަރަކާތްތެރި އެސޯސިއޭޝަންތަކުގެ ތެރޭގައި ހިމެނޭ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ އެކިއެކި ދައުރުތަކުގައި ރާއްޖޭން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ރާއްޖޭގެ އެތުލެޓިކްސް އަށް ތޮލާލްގެ ލީޑަޝިޕްގެ ދަށުން ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ކުރިއެރުންތަކެއް ވަނީ ލިބިގެންގޮސްފަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ތޮލާލް އިންތިހާބުވީ، 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)ގެ ޓީމުގައި ހިމެނިވަޑައިގެންނެވެ. މިދިޔަ ދެ އަހަރު، އޮލިމްޕިކް ކޮމިޓީގެ ލީޑަޝިޕުގައި ހިމެނިވަޑައިގެން، އެކި މަސައްކަތްތަކުގައި ތޮލާލް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މީގެ ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު ފުރުއްވާފައިވާ ފަރާތްތަކަށް ބަލާއިރު، އަހުމަދު ނަޝީދު (ޑޭވް)، އަލީ އުމަރު އަދި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ހިމެނެ އެވެ. މީގެ އިތުުރުން އެކި ފަރާތްތަކުން ވަނީ އެކްޓިން ސްޕޯޓްސް ކޮމިޝަނަރުންގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.













