މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ)އިން އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓަށް އީފާސް މެދުވެރިކޮށް ހުށަހަޅާ ގޮތަށް ބަދަލުކުރަން މިއަދު ނިންމައިފި އެވެ.
އެމްއެމްއޭއިން ކުރި އިއުލާނެއްގައިވާ ގޮތުގައި ދެން ކްރެޑިޓް ރިޕޯޓަށް އެދޭ ފަރާތްތަކުގެ ރިކުއެސްޓްތައް ބަލައިގަންނަނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން އީފާސް މެދުވެރިކޮށް، ވެރިފައިޑް އެކައުންޓުތަކުންނެވެ. އީފާސް އެކައުންޓުތައް ދިވެހި ރައްޔިތުންނަށާއި ކުންފުނިތަކަށް ހެދެ އެވެ.
މި ބަދަލާ އެކުއެކީގައި އެމްއެމްއޭއިން ވަނީ މި ރިޕޯޓަށް ހުށަހަޅާ ފަރާތްތަކުން ހަދަން ޖެހޭ އޮންލައިން ވީޑިއޯ ވެރިފިކޭޝަން މާދަމައިން ފެށިގެން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އަދި މަސައްކަތު ތިން ދުވަހުގެ ތެރޭގައި ކްރެޑިޓް ރިޕޯޓުތައް ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ކްރެޑިޓް ބިއުރޯއިން ތައްޔާރުކުރާ ކްރިޑިޓް ރިޕޯޓަކީ އާންމުންނާއި ކުންފުނިތަކުގެ ދަރަނީގެ ހާލަތު އަންގައިދޭ ރިޕޯޓެކެވެ. މިއީ ބޭންކުތަކަށާއި މާލީ އިދާރާތަކަށް ފޯރުކޮށްދޭ ރިޕޯޓެކެވެ.











