އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 10,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
އިޒްރޭލުން ދަނީ ސްކޫލުތަކާއި, މިސްކިތްތަކާއި, ފައްޅިތަކާއި, ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލްތަކަށް ވެސް ބޮން އަޅަމުންނެވެ. ގާޒާއަށް އެހީ ފޯރުކޮށްދޭން ހުރި ހުރިހާ މަގެއް އިޒްރޭލުން ވަނީ ބަންދުކޮށްފަ އެވެ.
އޮކްޓޯބަރު 21 އިން ފެށިގެން މިހާތަނަށް ގާޒާއަށް އެހީ ހިފައިގެން ވަދެފައިވަނީ އެންމެ 476 ވެހިކަލެވެ. އެއީ ދުވާލެއްގެ މައްޗަށް 30 ޓްރަކުގެ ރޭޓުންނެވެ.

ގާޒާގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ ބަލިމީހުންނަށް ދެމުންދާ ފަރުވާ އެއްކޮށް ހުއްޓިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އިޒްރޭލުން ވަނީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ފުރާޅުގައި ހުރި ސޯލާ ޕެނަލްތަކަށް ވެސް ހަމަލާ ދީފަ އެވެ.









