މިދިޔަ އޮކްޓޫބަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުން އަދަދަކީ 159،141 އެވެ. މީގެ ތެރޭގައި ޗައިނާއިން އައި ޓޫރިސްޓުން އަދަދަކީ 17،406 އެވެ. އަދި އެވަރެޖްކޮށް ކޮންމެ ދުވަހަކު 5،134 ފަތުރުވެރިން ރާއްޖެ އަންނަކަން ހާމަވެ އެވެ.
އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 13 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް ގައުމު
- ޗައިނާ: 17،406
- ރަޝިއާ: 17،032
- ޖަރުމަނު: 15،973
- އިންޑިއާ: 14،664
- އިނގެރޭސިވިލާތް: 13،615
އެންމެ ގިނަ ޓޫރިސްޓުން މިހާރު އަންނަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް މުޅި އަހަރަށް ބަލާއިރު އަދިވެސް އެއް ވަނައިގައި އޮތީ ކޮވިޑު ދުވަސްވަރުން ފެށިގެން ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ރަޝިއާ އެވެ. ކުޑަ ފަރަގަކުން ދެ ވަނައިގައި އޮތީ އިންޑިއާ އެވެ.













