އިޒްރޭލުގެ ސިފައިން ހަމަލާދީ ސުންނާފަތި ކުރަމުންދާ ގާޒާގައި ތިބި މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އާއި ވަލީ އަހުދު މުހައްމަދުގެ އިސް ނެންގެވުމަށް މާލީ އެހީ ހޯދުމުގެ ކެމްޕޭނެއް ފަށްޓަވައިފި އެވެ.
ސައޫދީގެ އެހީ ދޭ އެޖެންސީ ކޭއެސްރިލީފް މެދުވެރިކޮށް މި ކެމްޕޭނު ރަސްގެފާނާއި ވަލީ އަހުދު ފައްޓަވައި ދެއްވީ 50 މިލިއަން ރިޔާލު ހަދިޔާކޮށްގެންނެވެ. ކުރިން ވެސް 30 މިލިއަން ރިޔާލު ކުރެއްވި އެވެ.
ފައިސާ ހަދިޔާކުރުމަށް އޮންލައިން ޕްލެޓުފޯމެއް ވަނީ ހަދައިފަ އެވެ. މިއަދު ހެނދުނާ ހަމައަށް އެ ޕްލެޓުފޯމް މެދުވެރިކޮށް ގާތްގަނޑަކަށް 300،000 މީހުން 149 މިލިއަން ރިޔާލު (40 މިލިއަން ޑޮލަރު) ހަދިޔާކޮށްފައިވެ އެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ފެށި ހަނގުރާމައިގައި މިހާތަނަށް އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ 9،000 މީހުން ޝަހީދުކޮށްލައިފަ އެވެ.









