މީގެ ފަސް އަހަރު ކުރިން, މުޅި އެ އިއްތިހާދު ހިނގަމުން އައީ އެ ލީޑަރެއްގެ ވަށައިގެންނެވެ. ޕީޕީއެމް/ޕީއެންސީގެ އިއްތިހާދަށް ލިބޭ ކާމިޔާބީތަކާއި ނާކާމިޔާބީގައި ހޯއްދަވާ ހިތްވަރުގެ ހަތިޔާރަކީ އެއީ އެވެ. އެމަނިކުފާނުގެ ޝަހުސިއްޔަތެވެ. އަދި ތަގުރީރުތަކެވެ. އެމަނިކުފާނުގެ ފިލާވަޅުތައް ހޯއްދަވައިގެން، އިއްތިހާދުގައި ދެން އުފެދުނު އެހެން ލީޑަރުންގެ ތަގުރީރަކީ، މައި ލީޑަރަށް ކުރައްވާ ތައުރީފާއި ސަނާ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ވިއްކީ ވެސް އެ ނަމާއި ފޮޓޯއެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އަހަރެއްހާ ދުވަސް މާފުށީ ޖަލުގައި ހޭދަކުރެއްވުމަށް ފަހު ގޭބަންދަށް ބަދަލުކުރީ ރިޔާސީ އިންތިހާބަށް ފަހު އެވެ. ނިމިގެން ދިޔަ ހަފުތާގައި އިތުރު ލުއިތަކެއް ދިނުމާއެކު ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާގައި އެ ފޯރި ދޭން، އިއްތިހާދުގެ އެހެން ވެރިންނެއް މި ފަހަރު ނެތެވެ. މުޅި މަންޒަރު ބަދަލުވެފަ އެވެ. ލީޑާޝިޕްގެ އެހެން ވެރީން މަސްއޫލު ވެގެން އުޅުއްވަނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ މަސައްކަތްތަކުގަ އެވެ. މުއިއްޒު ބާއްވާ ހަފުލާތަކުގައި، އެމަނިކުފާނުގެ އެންމެ އަރިހުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މި މަންޒަރު ތަކުރާރުވާ ތިންވަނަ ފަހަރެވެ؛ މަގުބޫލު ލީޑަރުގެ ފޮޓޯގަނޑަކާއެކު ވެރިކަމަށް އައުމަށް ފަހު ދެން އޮންނަނީ ވެރިކަން ހޯއްދެވި އާ ލީޑަރާއި، ފޮޓޯގަނޑުގައިވާ އެއިރުގެ ލީޑަރާ ދެމެދު އުފެދޭ "ޕަވަ ސްޓްރަގަލް" އެވެ. ބާރުގެ ދަހިވެތިކަން އޮތުމުން، އުފެދޭ ވާދަ އާއި ކޯޅުމެވެ.
ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވެގެން، ވާދަވެރި އިންތިހާބުތަކުން މަގާމުތަކަށް ވެރިން ކަނޑައެޅުމުގެ ވައްޓަފާޅި ދިވެހިންގެ ތެރެއަށް ގެނެވުނު ނަމަވެސް ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީ ރަނގަޅަކަށް އިންތިޒާމެއް ނުވެ އެވެ. ޕާޓީތަކުގެ މަތި އެއީ "އޮބަހައްޓައިގެން" ގެންގުޅެންޖެހެ އެވެ.
"ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަތި އޮންނަނީ ބެދިފައި، ވެރިކަމުގެ ޝައުގުވެރިކަން ހުންނަވާ ބޭފުޅަކަށް އިތުރު ގޮތެއް ނޯވޭ، އޭނާގެ ކޮންޓްރޯލް ޕާޓީގައި ދެމެހެއްޓުން، ދެން އެހެން ނޫނީ އޭނާގެ ލީޑާޝިޕްގައި [އަމިއްލަ ކޮންޓްރޯލް އޮތް] ޕާޓީއެއް ހެދުން،" ރާއްޖޭގައި ސިޔާސީ މަސައްކަތް ބައްޓަންވެފައިވާ ގޮތް ސިފަކޮށްދެއްވަމުން، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވި އެވެ.
ރައީސް ޔާމީނާއި، އާ ރައީސް މުއިއްޒުއާ ދެމެދު އެ ފެންނަނީ އެ މަންޒަރުތަކެވެ. ޔާމީނަށް ފަހު މުއިއްޒަށް ބާރު ދީއްލައިލީ، ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ވާދަނުކުރެވުމުންނެވެ. މިހާރު މުއިއްޒުގެ މަސައްކަތަކީ ބާރު ދެމެހެއްޓުމެވެ. ޔާމީިންގެ މަސައްކަތަކަށް ވަނީ ވީއްލުނު ބާރު އަނބުރާ ހޯއްދެވުމެވެ. ދެ ވެރީންގެ އުކުޅުތަކާއި، ދޫކުރައްވާ ކޮންމެ ވާހަކައަކީ، "ޕޮލިޓިކަލް ގޭމު" އަތުރައިލަން ހިފާފައިވާ ގޮތެވެ.
"މި ފައިޓު ހިނގާނެ، އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން، ރައީސް ޔާމީން ބޭނުމެއް ނުވާނެ، އެމަނިކުފާނު ނޫން ލީޑަރަކު މާ ވަރުގަދަކޮށް ޕީޕީއެމްގެ އިއްތިހާދުގައި އޮންނާކަށް، އެ ކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް ތައްޔާރުވާނެ،" ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވައި، އެމަނިކުފާނު ތަޖުރިބާކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވި އެވެ.
ލަސްނުކޮށް، އަވަސް ގޭމެއްގެ އެތުރުން
ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ކޯޅުން ފަޅައިގެން ގޮސް ބޭރަށް ހާމަވީ ދައުރުގެ ފަހު ހާފުގަ އެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯޅުން ވެސް ގަދަވެ، އެއް ޕާޓީއެއްގައި ނުތިބެވޭ ހިސާބަށް ދިޔައީ ދައުރުގެ ފަހު އަހަރަށެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަން އެނގުމާއެކު، މި ހާލަތަށް އެމަނިކުފާނު ތައްޔާރުވި އެވެ. މައުމޫނަށް ޔާމީން ކުރިމަތިކުރުވި ހާލަތާއި، ނަޝީދަށް އެމްޑީޕީގައި ޖެހުނު ދަތުރުން ރަނގަޅަށް ވެސް އެމަނިކުފާނު ފިލާވަޅު ނަންގަވައި ގޭމު އަތުރާލާނެ ތަފާތު ގޮތެއް ހުންނެވީ ވިސްނަވައިފަ އެވެ.
ސިޔާސީ ދާއިރާ ދިރާސާކުރައްވާ އެނަލިސްޓުންނާއި، ޕީޕީއެމް/ޕީއެންސީގެ ބައެއް ސެނެޓަރުންނާއި އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މި ފަހަރުގެ ކޯޅުން މަޑުގިނީގައި ނުހިނގާނެ އެވެ. ދުރާލައި ތައްޔާރުވެ، މުއިއްޒާއި ޔާމީން ވެސް މަސައްކަތްތަކެއް ހިންގަވާނެ އެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަން ކަށަވަރުވުމުގެ ކުރިން ވެސް މުއިއްޒު ގެންދެވީ ޕްލޭން ރާއްވަވަމުންނެވެ. ޕީޕީއެމްގެ ސެނެޓުގެ ގިނަ މެންބަރުންގެ ތާއީދު ހޯއްދެވި އެވެ. މާލޭގެ މޭޔަރަށް ވެސް ވުމުން، ސިޓީ ކައުންސިލުން އެތައް މެންބަރަކަށް "ގޮތްތަކެއް" ހަމަޖައްސަވައި ދެއްވި އެވެ.
ޕީޕީއެމްގެ ސެނެޓުގެ އަގުލަބިއްޔަތު މުއިއްޒަށް މާ ބޮޑަށް ވެސް ޔަގީންވެފައި އޮތުމުން، އަނެއް ފެކްޝަނުން ބޭނުންވީ މުއިއްޒަށް ފުރުސަތު ނުދެވޭ ގޮތެއް ރޭވުމެވެ. އެހެންވެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ވިދާޅުވެ، ޔާމީން ކެންޑިޑޭޓެއް ނެރުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ.
"ރައީސް ޔާމީން ދިޔަ އާންމު މެންބަރުން ޓެސްޓު ކުރަމުން، އަމިއްލަ ކެންޑިޑޭޓަކަށް ނޫނީ ޑިމޮކްރެޓްސް، އެމްއެންޕީ ފަދަ ޕާޓީއަކަށް ތާއީދުކޮށްފިނަމަ ވާނެ ގޮތްތައް ވެސް ބަލަމުން. ސަޕޯޓަރުންގެ ސެންޓިމެންޓު އޮތް ގޮތް ސާފުވީމައި، ނަމެއް ވެސް ނުދީ، ސެނެޓަށް ދޫކޮށްލީ،" ޕީއެންސީގެ ސެނެޓަރަކު ކިޔައިދެއްވި އެވެ.
ޔާމީނަށް އެއިރު ވެސް ދުށް ހަގީގަތަކީ، އެމަނިކުފާނު ނިސްބަތްވާ އިއްތިހާދުގެ ސަރުކާރެއް އުފެދުނު ނަމަވެސް އެމަނިކުފާނު ލީޑުކުރައްވާނެ ޕާޓީއެއް އޮންނަން ޖެހޭ ކަމެވެ. ނަޝީދާއި މައުމޫން ވެސް ޖެހުނީ ވަކި ޕާޓީއެއް އުފައްދައިގެން ދެން ސިޔާސީ މަސައްކަތްތައް ގެންދަވާށެވެ.
ބެކްއަޕް ޕްލޭނަކީ ޕީއެންސީ ކަމަށް ހަމަޖެއްސެވީ އެ ވިސްނެވުމުގަ އެވެ. އެއިރަށް ޕީޕީއެމްގެ ލީޑަރު ކަން ޔާމީނަށް އޮންނާނެ އެވެ. އަދި އަނެއް ކަމަކީ، ޕީޕީއެމްގެ ސެނެޓުގެ މެޖޯރިޓީ ހޯދި މުއިއްޒަށް ދެން ޖެހޭނީ އަނެއްކާ ޕީއެންސީގެ ސެނެޓު ހޯދަން މަސައްކަތްތަކެއް ކުރައްވާށެވެ.
ޔާމީން ހުންނެވީ "ވިން-ވިން" ހާލަތެއް ކަމަށް ބަލައިގެންނެވެ. ނަމަވެސް ވާދަވެރިޔާ މުއިއްޒު ވެސް އެއިރު ހުންނެވީ އެ ހާލަތަށް ވެސް ތައްޔާރުވެގެނެވެ. މުއިއްޒުގެ އަރިސް ބޭފުޅަކު ކިޔައިދެއްވި ގޮތުގައި ޕީއެންސީއަށް އެކަނި ދިޔަ ނަމަވެސް މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީން ކަން ހޯއްދަވައިގެން ހުންނެވި ކަމަށެވެ.
"މުއިއްޒު ހުންނެވީ ޕީޕީއެމް/ޕީއެންސީ ސެނެޓުގެ 179 މެންބަރުންގެ ތާއީދު ޔަގީންކޮށްގެން، އެހެންވީމާ ޕީއެންސީ ސެނެޓަށް ވަކިން އަދި ނަގާ ވޯޓެއްގައި ހަނިކޮށް ނަމަވެސް މެޖޯރިޓީ ލިބޭނެކަން ޔަގީންކޮށްގެން ހުރީ،" މުއިއްޒުގެ ޓީމުގައި އުޅުއްވި އެ ބޭފުޅާ ވިދާޅުވި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންސްގެ ހައިސިއްޔަތުން ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް ދެއްވި ޕްރެސް ބްރީފިންއެއްގައި ވަނީ ލީޑަރަކީ މުއިއްޒު ކަމުގެ މެސެޖު ވެސް ދެއްވައިފަ އެވެ. މުއިއްޒަށް 10 އަހަރުގެ ވެރިކަން ނޫނީ ދެ ވަނަ ދައުރު ދެއްވުމަށް ވެސް އެ ދުވަހު އަބްދުލްރަހީމް ބާރު އެޅުއްވި އެވެ.
"ކެބިނެޓު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ އިހުތިޔާރެއް، އެޔަކަށް ނުޖެހޭނެ އެހެން ބޭފުޅަކު [ރައީސް ޔާމީން ވެސް] އެއަށް ލިސްޓެއް ހަދާފައި ފޮނުވާކަށް، ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ ޑރ. މުއިއްޒަށް،" އަބްދުލްރަހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް، ދެ ވެރީންގެ ވިސްނުންތައް މިހާރު ވެސް އެ ކޯޅުމަށް ފޯކަސްކޮށްގެން ގެންދަވާ ކަން އެބަ ފެނެ އެވެ.
މިހާރު ވެސް ދެ ޓީމަކަށް ތިބީ އެތުރިގެނެވެ. ޕީޕީއެމަކީ ޔާމީނެވެ. އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވީ އަދިވެސް އެމަނިކުފާނެވެ. ޕީއެންސީއަކީ މުއިއްޒެވެ. އިންތިހާބަށް ފަހު މުއިއްޒު ވަނީ އެ ޕާޓީގެ ރައީސް ކަމުގެ މަގާމު ހޯއްދަވައިފަ އެވެ.
ޔާމީންގެ ބާރު ހިނގާ ގޮތަށް މިވީހާ ދުވަހު ހިނގި ދެ ޕާޓީއެއް ނަމަވެސް، ދެން ފެންނަނީ ދެ މިސްރާބަކަށް ހިނގާ ދެ ޕާޓީއެއް ގޮތަށެވެ. މި ވާދަވެރިކަން މި ފަހަރު އެތުރެނީ އެއް ޕާޓީއެއްގެ ތެރޭގައި ހިމެނޭ ދެ ފެކްޝަނުގެ ބަދަލުގައި އެއް އިއްތިހާދެއްގެ ތެރޭގައި ހިމެނޭ ދެ ޕާޓީއަކަށް، ކުރިއާލާ ބެހިގެނެވެ.
ސިޔާސީ މަސްރަހު ދިރާސާކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ވެސް އެ ވާދަ ފާޅުގައި ވަނީ ފެށިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިއަށް މި ވާދަ ފަށައިގެން ޔާމީން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"މި ފަހަރު ލަހެއް ނުކުރާނެ، މަޖިލިސް އިންތިހާބުގެ ކުރިއަށް، މި ކޮޅިގަނޑު، ވަރަށް ގަދައަށް ފެންނާނެ، ޔާމީނުގެ ޓީމުން ބަލާނެ، މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ނުލިބި، ޔާމީނުގެ ޓީމަށް ގިނަ މެންބަރުން ހޯދަން، ތަފާތުތަކެއް ފެންނާނީ އޭރަށޭ،" ޑީއާރުޕީއާއި ޕީޕީއެމްގެ އިސް މަގާމުތަކެއް ފުރުއްވި އުމަރު ވިދާޅުވި އެވެ.
ބޮޑު ފޯކަސް މަޖިލީހާއި މެންބާޝިޕަށް
ޕީޕީއެމް-ޕީއެންސީއަށް ވާދަވެރިކަން އެތުރިކަން އަންނަމުންދާ ކަން ބާރު ދެވޭ ކަންކަން ވެސް ދަނީ ހިނގަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކުރިން އެ އިއްތިހާދަށް ތާއީދުނުކުރައްވާ ތިއްބެވި މެންބަރުން އިއްތިހާދާ ގުޅިވަޑައިގަންނަވާއިރު ސޮއި ދެއްވަނީ ވެސް ޕީއެންސީއަށެވެ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވެސް ސޮއި ދެއްވީ ޕީއެންސީއަށެވެ.
ޕީއެންސީގެ ސެނެޓަރަކު ކިޔައިދެއްވި ގޮތުގައި ޕީޕީއެމްގެ މެންބަރުންގެ ތެރެއިން މުއިއްޒަށް ތާއީދުކުރާ ބައެއް މީހުންނާއި އެހެން ޕާޓީތަކުގައި ތިބި މީހުންގެ ތެރެއިން ވެސް ވެރިކަންކުރާން ހަވާލުވާ ޕާޓީއާ ގުޅެން ބޭނުންވާ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
ފަރުދާގެ ފުރަގަހުގައި އެ މަސައްކަތް ހިނގަމުން ދަނިކޮށް، ޔާމީންގެ ފަރާތްޕުޅުން ރައްދު ދެއްވީ ފާޅުގަ އެވެ. ހުދު އެމަނިކުފާނެވެ. ޕީޕީއެމްގެ އޮފީހަށް ވަޑައިގެންނެވެ. ސަޕޯޓަރުންނަށް އެންގެވީ ޕީޕީއެމުން ވަކިނުވުމަށެވެ. ޕާޓީގައި ދެމި ހުރުމަށެވެ. ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ދިޔުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ މެސެޖަކީ ޕީޕީއެމްގެ މެންބަރުން ޕާޓީގައި ދެމިތިބުން އެކަންޏެއް ނޫނެވެ. އިތުރު މީހުންގެ ތާއީދާއި ސޮއި ވެސް އެ ޕާޓީއަށް ހޯދުމުގައި ބުރަކޮށް އުޅުމަށެވެ. ހާއްސަކޮށް ޒުވާނުންގެ ތާއީދެވެ. އެކަނި ނުކުމެ އިންތިހާބެއް ކާމިޔާބު ކުރެވޭ ވަރުގެ ލަޝްކަރެއް އުފެއްދުމަށެވެ. ހަމަޖެހިގެން ސަޕޯޓަރުން ނުތިބުމަށެވެ.
"ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމު ފުރަން ނުޖެހޭ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ގެންދަވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކި ދާއިރާތަކަށް އެމަނިކުފާނުގެ ކެންޑިޑޭޓުން "ފީލްޑު" ކުރަމުންނެވެ. ސިޓީ ކައުންސިލާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި އިއްތިހާދުގެ ބައެއް ވަކީލުން އެމަނިކުފާނުގެ އަރިހުގައި ސާބިތުވެ އެބަ ހުންނެވި އެވެ. އެއިން ބައެއް ބޭފުޅުން މިހާރު ވެސް ގެންދަވަނީ ދާއިރާތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ.
"މަޖިލީހުގައި ރައީސް [ޔާމީން]ގެ ގިނަ މެންބަރުން ތިބުން މުހިންމު. 19 ވަނަ މަޖިލީހުގެ ފިލާވަޅަކީ އެއީއެއްނު، ކުރިއާލާ ރައީސް [ޔާމީން]ގެ ވަފާތެރިން، ބައެއް ދާއިރާތަކަށް ނުކުންނާނެ ކަން އެ ދަނީ އިއުލާންކުރަމުން،" ޔާމީން ފީލްޑުކޮށްދެއްވި ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ ހަރަކާތްތެރިއަކު ކިޔައިދެއްވި އެވެ.
ޕީޕީއެމަށް މެންބަރުން އިތުރުކުރުމަށް ޔާމީން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވި އިރު، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް "ސިއްރުސިއްރުން" ހިންގާ ހަރަކާތުގެ ބޭނުމަކީ އެ ބަޔެއްގެ ޕާޓީ ވަރުގަދަ ކުރުމެވެ. މި ވަގުތުގެ ބޮޑު ފޯކަސްއަކީ އެއީ އެވެ.
ނަމަވެސް ޕީއެންސީގެ ސެނެޓަރަކު ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ދެ ޕާޓީގައި ވެސް ޔާމީނާއި މުއިއްޒުގެ ވަފާތެރިން އަދި ތިބޭނެ އެވެ. ދެ ޕާޓީ އެކުގައި ބާއްވާ ޕްރައިމަރީގައި ޕީޕީއެމުން މުއިއްޒުގެ ވަފާތެރިން އަދި ޕީއެންސީން ޔާމީނުގެ ވަފާތެރިން ވެސް ނުކުމެދާނެ އެވެ.
ދެ ވެރީންގެ ޓީމު ރަނގަޅަށް ދެ ޕާޓީއަށް ބެހިގެން ދިޔުން ހިނގާނީ އަދި މާ ފަހުން ކަމަށް ވެ އެވެ. ނަމަވެސް އެ ކަން އެ ގޮތަށް ހިނގާނެ ކަމަށް ދެ ޓީމުން ވެސް އަންނަނީ ބުނަމުންނެވެ.
"މަގުމަތީ" ފަލްސަފާއާ އާންމުން ދުރަށް
މަގުމަތީގައި ފޯރިގަދަ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ސަގާފަތެއް މިހާރު ނެތެވެ. ސަރުކާރު ހިންގާ ޕާޓީއާއި ވާދަވެރި ޕާޓީތައް ލީޑުކުރަން މިހާރު އޮތް އާ ލީޑާޝިޕުތަކަކީ މަގުމަތީ ހަރަކާތުން ރައްޔިތުން ބާރުވެރިކުރުމުގެ ސިޔާސީ ވިސްނުމާ ދުރު ބަޔެކެވެ. ހުދު ޔާމީނަކީ ވެސް "މާ މަގުމަތީ" ހަރަކާތުގެ ލީޑަރެއް ނޫނެވެ.
އޭގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީން ވަކިވެގެން ދިޔަ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފު ފަދަ ބޭފުޅުންނާ މިހާރުގެ ލީޑަރުން ތަފާތެވެ.
އެމްޑީޕީގެ އިސް ލީޑަރަކަށް ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޑައިލޮގްގެ ތެރޭގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެމްޑީޕީ އިސް ސަފުގައި ދެން ފެންނަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުންނެވެ.
އިހުތިޖާޖުގެ ފަލްސަފާގައި މާ ބޮޑު ބާރެއް ނެތެވެ. އޭގެ ބަދަލުގައި އަށަގަނެވިފައިވަނީ ސަރުކާރުގެ ހިއްސާ ހޯދައިގެން އެ ބަޔަކަށް ހައްގު މިންވަރު ހޯދުމުގެ ސަގާފަތެކެވެ. ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން، އެ މީހުންގެ ސަރުކާރެއް ގެނައީ ކުރިއަށް އޮތް ފަސް އަހަރު އެ "ހަމަޖެހުން" ހޯދުމުގެ ނިޔަތުގަ އެވެ.
"ފަސް އަހަރު އަޅުގަނޑުމެން މި އުޅުނީ ވަރަށް ބޮޑަށް މަގުމަތީގައި، ދެން ވެސް ހަމަޖެހެވެން ނެތޭ ބަޔަކު ބުންޏަސް، ދެން ބޭނުމީ މި ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ސަރުކާރު މެދުވެރިކޮށް ހަމަޖައްސާ، އަޅުގަނޑުމެންގެ މީހުންނަށް ވެސް ރަނގަޅު ގޮތްތަކެއް ހޯދުން،" ޕީޕީއެމްގެ ހަރަކާތްތެރިޔަކު ބުންޏެވެ.
އެމްއާރުއެމް ހަރަކާތުގެ ލީޑަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަހުމަދު ފާރިސް ވެސް ގަބޫލުކުރައްވަނީ މިހާރު ރާއްޖޭގައި ފެންނަނީ "ޓްރައިބަލް ޕޮލިޓިކްސް" ސަގާފަތެއްގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރަން ކުރާ މަސައްކަތެކެވެ.
"އޭގައި ދެން ރައްޔިތުންގެ ކުށެއް ނެތް، ސިޔާސީ ލީޑަރުން، ސިޔާސީ ޕާޓީތަކުގެ ވެރިކަން ހަމަޖައްސަވާފައި އޮތީ އެ ގޮތަށް، އެ ޕާޓީއަކަށް ސޮއިކޮށްގެން، އެ ޕާޓީ ބޮޑުކޮށްގެން، އެ ސޮއިގެ ބަދަލުގައި ވަޒީފާއެއް ދީގެން މި ފަދަ ގޮތަކަށް،" ފާރިސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އުމަރު ވެސް ވިދާޅުވީ މީގެ ކުރީ ދެ ފަހަރު ވެސް ރައީސް ޔާމިނާއި ރައީސް ސޯލިހަށް ޕާޓީގެ އެތެރެއިން ކުރި ހޯދުނީ އެހެންވެގެނެވެ. ސަރުކާރުގެ ބާރު އޮތުމުންނެވެ. ޕީޕީއެމް/ޕީއެންސީގެ އާންމުން ވެސް ދެން ބޭނުންވަނީ އެ ގޮތުގައި ސަރުކާރުގައި ދެމިތިބުމަށެވެ.
"ސަރުކާރުގައި ތިބެގެންނޭ، އަމިއްލަ ބައެއް ކަންކަން ވެސް ހަމަޖެހޭނީ، އެ ވިސްނުން މިހާރު މި އޮތީ، ޔާމީނުގެ ފަޅިން މަޖިލީހަށް ބަޔަކު ހޮވުނަސް، ފަހުން ބަދަލުވުމުގެ ފުރުސަތު މާ ބޮޑު، ސަރުކާރު ފަޅިއަށް ބުރަވާނެ ކަމަށް ބެލެވެނީ،" އުމަރު ވިދާޅުވި އެވެ.
ޔާމީނާއި މުއިއްޒުގެ ވާދަވެރިކަން ފެށިގެން ކުރިއަށް އެބަދެ އެވެ. އެއީ ނުހިނގާ ކަމެއް ނޫނެވެ. ގޭމު އަތުރާލައިފި އެވެ. ފިޔާތޮށި އަދި ވިލުފެހި ކުލަ ނަގައިގެން، އެ ދެ ޓީމަށް ބެހިގެން ތިބެ އެވެ.












