އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ކުރި މަސައްކަތުގެ އަގުވަޒަންކޮށް މި އަހަރުގެ ކޯޕަރޭޓް ރަޖިސްޓާސް ފޯރަމް (ސީއާރުއެފް) ގެ އަހަރީ ކޮންފަރެންސްގައި ސީއާރުއެފް 2023 އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން) އެ މިނިސްޓްރީ އަށް ދީފި އެވެ.
މި އެވޯޑު ލިބުނީ މިނިސްޓްރީން އަލަށް ތައާރަފުކުރި "ކޯޕަރޭޓް ޕްރޮފައިލް އަދި ވެރިފިކޭޝަން" އަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިއީ އެ މިނިސްޓްރީގެ ޑިޖިޓަލައިޒައިޝޭންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ލިބިފައިވާ ފުރަތަމަ ބައިނަލްއަގުވާމީ އެވޯޑެވެ.
އިކޮނޮމިކް މިނިސްޓްރީން ތައާރަފުކުރި ހިދުމަތުގެ ސަބަބުން 300 ސާވިސް ރިކުއެސްޓް ސާވިސް ކިއު އިން އުނިކުރެވި، ކޯޕަރޭޓް ޕްރޮފައިލް ޝީޓް މެދުވެރިކޮށް އެ މައުލޫމާތު ލިބޭނެ ނިޒާމް ވަނީ ފަރުމާކުރެވިފަ އެވެ. އަދި މިހާރު ސީދާ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓު ވަގުތުން ޖެނެރޭޓުކުރެވެ އެވެ.
އޮންލައިންކޮށް ދޫކުރާ ޕްރޮފައިލް ޝީޓުތައް ބޭންކުތަކާއި އެހެނިހެން ހިދުމަތްދޭ ތަންތަނުން ސައްހަ އެއްޗެއްތޯ ބެލުމަށް ކޮންމެ ޕްރޮފައިލް ޝީޓެއްގައި އެއަށް ހާއްސަ ވެރިފިކޭޝަން ކޯޑެއް ވެސް ހިމަނާފައިވެ އެވެ.
މި ވޭތުވި އަހަރުތަކުގެ ތެރޭގައި ބިޒްނަސް ޕޯޓަލް އިތުރަށް ތަރައްގީކުރަމުން އައިސް މިހާރު އިކޮނޮމިކް މިނިސްޓްރީން އާންމުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ބިޒްނަސް ޕޯޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބެ އެވެ.











