ދައުލަތުގެ ފެން ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސިވްރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެން އއ. ފެރިދޫގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިއްޔެ އިފުތިތާހުކޮށްފި އެވެ.
އެ މަޝްރޫއަށް ހަރަދުވީ 69.32 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތްތައް:
- ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކުރުން
- ފެން ހޮޅީގެ މައި ނެޓްވޯކް ކަނެކްޝަން އެޅުން
- ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން
- ފެން އުފެއްދުމަށް ޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އެޅުން
- ފެން ރައްކާކުރުމަށް ޓަކައި ފެން ތާންގީ އެޅުން
- ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިން ލައިން އެޅުން
- ޕަމްޕިން ސްޓޭޝަން ގާއިމްކުރުން
- ސީ އައުޓްފޯލް އެޅުން
- ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން
އެމްޑަބްލިއުއެސްސީން ވަނީ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އިތުރުން ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދީފަ އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެއް އަދި 2020 ގައި އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ފަސް އަހަރުގެ ތެރޭގައި ކޮށް ނިންމަން ލާޒިމް ކަމެކެވެ. އެގޮތުން އެހާތަނަށް ފެނުގެ ނިޒާމު ނެތް 23 ރަށަކާއި 16 ރަށެއްގައި އެ މަސައްކަތް ކުރަން މިދިޔަ ޑިސެމްބަރުގައި ވަނީ ކޮންޓްރެކްޓް ކޮށްފަ އެވެ.










