ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ އަހަރު ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހަައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް ރިސޯޓުގައި މިހާރު ކުރިއަށްދާ ހޮޓްލިއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާސް ފޯރަމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމާއި އެ އިންޑަސްޓްރީގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އަންނަ ހެޔޮ ބަދަލުތަކުގެ އަގުވަޒަންކުރަން އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާ އެންމެ މުހިންމު ކަމަކަށް އޮތީ ވީއައިއޭ ތަރައްގީ ކުރަން ފަށާފައިވާ އާ ޓާމިނަލުގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފެށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އާ ޓާމިނަލާއި އެއާ އެކު އަންނަން ހުރި ފަސޭހަތަކުގެ ފައިދާ ޓޫރިޒަމާއި އޭވިއޭޝަން އިންޑަސްޓްރީއަށް ލިބުން. އުއްމީދަކީ މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރުންނާއި ފައިނޭންސަރުން މި ޕްރޮޖެކްޓުގެ މަސައްކަތް އަވަހަށް ނިންމުން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އާ ޓާމިނަލާއެކު ރާއްޖޭގެ ދެކުނުގައި ސީޕްލޭން ހަބެއްވެސް ލޯންޗުކުރައްވާނެ ކަމަށެވެ. އަދި މި ދެ ޕްރޮޖެކްޓާއެކު ޑޮމެސްޓިކް އެއާޕޯޓުތައް ހިމަނައިގެން ރާއްޖޭގެ ވައިގެ ދަތުރުގެ ނިޒާމު ފުޅާކޮށް ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އިތުރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.
ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ ވީއައިއޭ އެކްސްޕޭންޝަންގެ ތެރޭގައި އާ ޓާމިނަލްގެ އިތުރުން ހިމެނެނީ އާ ރަންވޭއަކާއި، ކާގޯ ކޮމްޕްލެކްސްއަކާއި، ސީޕްލޭން ޓާމިނަލެއްގެ އިތުރުން ވީއައިޕީ/ސީއައިޕީ ޓާމިނަލަކާއި ފިއުލް ފާމެއް ހިމެނެ އެވެ.
މީގެ ތެރެއިން މިހާތަނަށް އެއްކޮށް ނިމުނީ އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލާއި ވީއައިޕީ ޓާމިނަލުގެ އެވެ. ބާކީ ތަންތަނުުގެ އިމާރާތްކުރުުމުގެ މަސައްކަތް ކުރިޔަށް ދިޔަ ނަމަވެސް އަދި ނުނިމެ އެވެ. އެންމެ މަސައްކަތް ނުހިނގާ ތަނަކަށް ފާހަގަވީ ޕަސިންޖާ ޓާމިނަލެވެ.










