ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެ ވަނައަށް ޗައިނާ އަރައިފި އެވެ.
ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ޓޮޕް މާކެޓެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ޗައިނާ ދިގު މުއްދަތަކަށް ލޮކްޑައުން ކުރުމުން އެ ގައުމުން ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރުން ހުއްޓުނެވެ. އެކަމަކު ޗައިނާ ހުޅުވާލައި އެ ގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ފެށުމާ އެކު، އަދަދު އަލުން އިތުރުވާން ފެށި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޓޮޕް މާކެޓް ލިސްޓުގެ ދެ ވަނައިގައި އޮތް އިންޑިއާގެ މައްޗަށް ޗައިނާއިން ކުރި ހޯދާފައިވަނީ މިދިޔަ ހަފުތާގަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ޗައިނާއިން 153,989 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މާކެޓް ޝެއާގެ 11 ޕަސެންޓެެވެ.
ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޗައިނާ އަކީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓެވެ. މި އަހަރު ނިމުމުގެ ކުރިން މާކެޓްގެ އެންމެ ކުރިއަށް ޗައިނާ އަރާނެ ކަމަށް ލާފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ވެސް ވަނީ ވިދާޅުވެފަ އެވެ.
މުޅި އަހަރަށް ބަލާއިރު އަދިވެސް އެއް ވަނައިގައި އޮތީ ކޮވިޑު ދުވަސްވަރުން ފެށިގެން ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ރަޝިއާ އެވެ. އެ ގައުމުން މިހާތަނަށް 161,461 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި ލިސްޓު ތިން ވަނައިގައި މިހާރު އޮތް އިންޑިއާ އިން ޒިޔާރަތްކުރީ 153,424 ޓޫރިސްޓުންނެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ރާއްޖެއަށް 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.9 ޕަސެންޓް އިތުރުވުމެކެވެ. އަދި މިހާރު އެވްރެޖުކޮށް ދުވާލަކު 4،980 ޓޫރިސްޓުން ޒިޔާރަތް ކުރަމުން އަންނައިއިރު ރާއްޖެގައި އެވްރެޖުކޮށް 7 ދުވަސް ޓޫރިސްޓުން ހޭދަކުރެ އެވެ.











