ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޮކްޓޫބަރު 10) - ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މެލޭޝިއާގައި ބާއްވާ އެކުވެރިކަމުގެ މުބާރާތަކުން ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު ވަކިވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ހަނގުރާމަ ފެށީ ގާޒާގައި ވެރިކަން ކުރާ ހަމާސްއިން އަލް-އަގްސާ މިސްކިތް މިނިވަން ކުރުމަށް، އިޒްރޭލުން ކޮންޓްރޯލް ކުރާ ފަލަސްތީނުގެ ބިމުގެ ސަރަހައްދަށް ގޮސް ހަމަލާ ދޭން ފެށުމުންނެވެ.
ރައްދުގައި އިޒްރޭލުން ވަނީ އާދައިގެ މަތިން ގާޒާއަށް ދޭ ވައިގެ ހަމަލާތައް ފަށައިފަ އެވެ. އެކަމަކު، މި ފަހަރުގެ ހަމަލާތައް އެހެން ފަހަރުތަކަށް ވުރެ އިތުރުކޮށް ވަރުގަދަ ކުރި އެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާޓަނަށް 700 އެއްހާ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ .
ފަލަސްތީނުން ޓީމުން ވަނީ މެލޭޝިއާގައި ބާއްވާ އެކުވެރިކަމުގެ މުބާރާތެއް ކަމަށްވާ މެރްޑެކާ ކަޕް ގައި ބައިވެރިވެފަ އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ފަލަސްތީނު ކުޅޭ ގޮތަށް އޮތީ ޝެޑިއުލްކޮށްފަ އެވެ. އެކަމަކު، މިހާރު އެ މެޗު ވަނީ ކެންސަލްކޮށްފަ އެވެ.
މެލޭޝިއާ ފުޓްބޯލް އެސޯސިއޭޝަނުން ބުނީ ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ޓީމަށް މެލޭޝިއާ އަށް ނުފުރޭތީ، އެ ޓީމު މުބާރާތުން ވަކިވެފައިވާ ކަމަށެވެ.
މެރްޑެކާ ކަޕް ދެން ކުރިއަށް ދާނީ ތިން ޓީމާއެކު އެވެ. އެއީ މެލޭޝިއާ އާއި ތަޖިކިސްތާންގެ އިތުރުން އިންޑިއާ އެވެ. ފަލަސްތީނު މުބާރާތުން ވަކިވުމުން، ތަޖިކިސްތާން ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި އަންނަ މަހު ލުބުނާން އާއި އޮސްޓްރޭލިއާއާ ދެކޮޅަށް ފަލަސްތީނުން މެޗުތަކެއް ކުޅެންޖެހެ އެވެ.












