ރާއްޖޭގެ މައި ފުޓްބޯޅަ އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތާ ގިނަ މަސްތަކެއްވެފައިވާއިރު، އެ މުވައްޒަފުން މިހާރު މަސައްކަތް ކުރަން ޖެހިފައިވަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ބުނެފި އެވެ.
އެފްއޭއެމްގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮންނަތާ އެތައް މަހެއް ވެފައިވާއިރު، އެންމެ ބޮޑު ދަތިތަކެއް ތަހައްމަލު ކުރަމުން އަންނަ އެއް ބަޔަކީ އެ އެސޯސިއޭޝަންގައި މަސައްކަތް ކުރަމުން އަންނަ ސްޓާފުންނެވެ.
އެ ގޮތުން، އެފްއޭއެމްގެ ގިނަ ސްޓާފުންނަށް ގިނަ މަސްތަކެއް ވަންދެން މުސާރަ ނުލިބި މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން ގިނަ ދުވަސްވީ ބައެއް ސްޓާފުން ވަނީ އެފްއޭއެމް އިން ކެނޑިގެން އެހެން ވަޒީފާތަކަށް ބަދަލުވެފަ އެވެ.
ބުރާސްފަތި ދުވަހު ހަވީރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝާ ދެކޮޅަށް މާލޭގައި ކުޅޭނެ އެވެ. އެ މެޗުގެ އިންތިޒާމާ ބެހޭ ކަންތައްތައް ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރިއަށްދާއިރު، އަދިވެސް އެފްއޭއެމް މުވައްޒަފުން ތިބީ ހަމަޔަށް މުސާރަ ނުލިބި އެވެ.
ނުލިބި ހުރި މުސާރައިގެ ބައެއް، މި ހަފްތާ ތެރޭގައި ހަމަޖެހޭނެ ކަމަށް އެފްއޭއެމްގެ އިސްވެރިން ބުނި ބުނުމަށް މަސައްކަތްތައް ބައެއް މުވައްޒަފުން ކުރަމުން އައި ކަމުގައި ވިޔަސް، އެ ވާހަކަތަކާ އެއްގޮތަށް އެންމެ ކަމެއް ވެސް ނުދާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ.
"މުސާރައެއް ނުލިބޭ، ބުނާ ވާހަކައަކާ އެއްގޮތަށް އެއް ކަމެއް ވެސް ނުދޭ، ދެން، ހަގީގަތުގައި މިހާރު މި ކުރަމުން އަންނަ ކަންތައްތައް މި ކުރަނީ މުސާރަ ނުލިބުނަސް ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން،" ހުރި ކަންބޮޑުވުންތައް ހިއްސާކޮށް، އެފްއޭއެމްގެ މުވައްޒަފަކު "އަދަދު" އަށް ބުންޏެވެ.
ޖޫން/ޖުލައިގައި އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ދަށް ނަތީޖާތަކާ ހެދި ކެނޑިނޭޅި އެފްއޭއެމްގެ ލީޑަޝިޕަށް އަމާޒުވަމުން އައި ފާޑުކިޔުންތަކާ ހެދި އެފްއޭއެމް އިން ވަނީ ފުޓްބޯޅައިގެ ހާލަތާ ގުޅޭ ކަންކަން ހިއްސާކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކައިރި މުސްތަގުބަލެއްގައި މުވައްޒަފުންގެ މުސާރައިގެ ކަންކަަމަށް ހައްލެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަަމަކު، ބައްސާމް، އެ ގޮތަށް ވިދާޅުވި ފަހުން މި ހިނގި ތިން މަސް ދުވަސް ތެރޭގައި ވެސް އެފްއޭއެމްގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަމަށް ރަނގަޅު ބަދަލެއް އައިސްފައިނުވެ އެވެ.
އެފްއޭއެމްގެ ކަންކަން ބޮއްސުންލާފައި ކަމަށް ބުނެ، ރާއްޖޭގެ ފުޓްބޯޅަ ސަލާމަތްކުރަން މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައި "ސޭވް އެފްއޭއެމް" ގެ ނަމުގައި ކެމްޕެއިނެއް ފެށި އެވެ. އެ ގޮތުން، "ސޭވް އެފްއޭއެމް" ގައި މަސައްކަތްކުރާ އޮފިޝަލުން އަންނަނީ އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އާއި މާލީ މައްސަަލަތަކުގެ ސަބަބުން އެފްއޭއެމްގެ މައްޗަށް އަންނަ ކޯޓު ހުކުމްތަކުގެ މައުލޫމާތުތައް ފީފާގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކުރަމުންނެވެ.
ދާދި ފަހުން އޭއެފްސީ ކަޕްގެ ހޯމް މެޗެއް ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ގަލޮޅު ދަނޑުގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅެ، މުުހިންމު މޮޅެއް ހޯދި އެވެ. އެ މެޗު ކުޅެން ކުރަންޖެހޭ އިންތިޒާމްގެ ކަންކަން ހަމަޖެއްސުމުގައި އެފްއޭއެމް އިން ދޭން ޖެހޭ ވަރަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބި، އެ އެސޯސިއޭޝަންގެ މުވައްޒަފުން ކަންކަން ކުރަން ޖެހުނީ މާޒިޔާގެ އެހީގައިކަން އެނގިފައިވެ އެވެ.












