މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް1،254،252ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.1 މިލިއަން ޓޫރިސްޓުންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރަޝިއާ އެވެ. އެގައުމުން މިހާތަނަށް 147,187 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން 138,104 ފަތުރުވެރިން ޒިޔާރަތްކުރި އިރު ތިންވަނައަށް އޮތީ ޗައިނާ އެވެ. ޗައިނާއިން މިހާތަނަށް 124,549 ވަނީ ޒިޔާރަތްކޮށްފަ އެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު އެވްރެޖުކޮށް ދުވާލަކު 5,037 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. ތަފާސްހިސާބަށް ބަލާއިރު، އެ އަމާޒުގެ 65 ޕަސެންޓު ވަނީ ހާސިލުވެފަ އެވެ.











