ހއ. މެދަފުއްޓާއި ށ. ނަލަންދޫގައި ރިސޯޓު އަޅަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ސަރުކާރުން މިއަދު އިއުލާނެއްކޮށްފި އެވެ.
އެ ދެ ރަށުގައި ރިސޯޓު ހަދަން ބޭނުންވާ ކުންފުނިތަކުން ބީލަން ހުށަހަޅަންޖެހެނީ ސެޕްޓެމްބަރު 21، ގެ ކުރިން ސީދާ މިނިސްޓްރީއަށް ހާޒިރުވެގެންނެވެ. އޭގެ ކުރިން، ބީލަން ފޮތް ގަނެ، މައުލޫމާތު ސާފު ކުރަންޖެހެ އެވެ.
ސަރުކާރުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން ގާތްގަނޑަކަށް 12 ހެކްޓަރުގެ ބޮޑުމިން ހުންނަ މެދަފުށީގައި މަދުވެގެން 120 ކޮޓަރި އަޅަންޖެހެ އެވެ. އަދި 63 ހެކްޓަރުގެ ބޮޑުމިން ހުންނަ ނަލަންދޫގައި މަދުވެގެން 200 ކޮޓަރި އަޅަންޖެހެ އެވެ.
މެދަފުށީގައި ރިސޯޓެއް އަޅަން މީގެ ކުރިން 2007 ވަނަ އަހަރު 2017 ވަނަ އަހަރު ވެސް މަސައްކަތް ކުރި އެވެ. ނަލަންދޫއަކީ ކުރިން ހުއިފިލަނޑާ ދިރުވައި، އާލާ ކުރަން ބަޔަކަށް ދީފައި އޮތް ރަށެކެވެ. އޭގެ ފަހުން އެ ރަށުގައި ވެސް ރިސޯޓު ހަދަން އުޅުނެވެ. އެކަމަކު، މަސައްކަތް އޮތީ ހުއްޓިފަ އެވެ.
އެ ދެ ރަށުގައި ރިސޯޓު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.













