ޖަލު ހުކުމުގައި ބަހައްޓައިގެން 'އަނިޔާ ދިނުމުގައި' ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަކީލުން މެދުވެރިކުރައްވާ ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނު މިނިވަންކުރަން ގޮވާލައި ޑިމޮކްރެޓުންގެ ކެމްޕެއިން ޖަލްސާތަކުގައި ނަޝީދު އަޑުއުފުއްލަވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ނަޝީދު ވަނީ ޔާމީން މިނިވަން ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕުން ބޭނުންނުވާ ކަމަށް ތުހުމަތު ކުރައްވަމުން ޕީޕީއެމުން އެ ޕާޓީއާ ކޯލިޝަން ހަދަން ދައުވަތު ދެއްވާފަ އެވެ.
މިގޮތަށް ކޯލިޝަން ހަދަން އެއްބަސްވާތާ ހަފުތާއެއްގެ ތެރޭގައި "މާލެ މަގުމަތީގައި އަޅުގަނޑު އަބަދު ހުރެގެން ވެސް" ޔާމީން މިނިވަންކޮށްދޭން ކަމުގެ ޔަގީންކަން ޕީޕީއެމްގެ ސަޕޯޓަރުންނަށް އެ ދުވަހު ނަޝީދު އެރުވި އެވެ.
ނަޝީދުގެ ވާހަކަތަކާ ގުޅުވާ، ޔާމީން ޖަލު ބަންދުގައި ހުންނަވާތާ 1000 ދުވަސް ފާހަގަކުރަން ޕީޕީއެމް ޒުވާނުން ބޭއްވި ރެލީގައި ޖަމީލު ވިދާޅުވީ، "އަނިޔާ ދިނުމުގައި" އިސްކޮށް ހުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމުގައިވީ ނަމަވެސް އެއާ އެއްވަރަށް ނަޝީދު ވެސް އެކަމުގައި ބައިވެރިވާ ކަމަށް ޔާމީން ގަބޫލުކުރައްވާ ކަމަށެވެ.
"ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަނީ އެމަނިކުފާނަށް މި އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް ކަމުގައިވާއިރު، ހަމަ އެއްވަރަކަށް ޖޭއެސްސީގެ ތެރެއިން ރައީސް ނަޝީދު މި އަނިޔާ ދިނުމުގައި ބައިވެރިވާ ކަމަށް" ޖަމީލު ވިދާޅުވި އެވެ.

ޔާމީންގެ އަނިޔާ ދިނުމުގެ ލިސްޓުގައި ފާހަގަކުރި އަނެއް ބޭފުޅަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ޖަމީލް މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖުގައި ޔާމީން ވަނީ، ޑިމޮކްރެޓުން "ޖަހާ ސަކަރާތުގައި" ބައިވެރިނުވުމަށް ޔާމީން ޕީޕީއެމްގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ޔާމީން ޖަލަށް ލާފައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ.
އެެ މައްސަލައިގައި ހުކުމް އޮތުމުން ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ ކެންޑިޑެސީ ޝަރުތު ހަމަނުވާ ކަމަށް މިދިޔަ ހަފުތާގައި ހުކުމްކޮށްފަ އެވެ. އެއާ އެކީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފަ އެވެ.
ކެންޑިޑެސީ ބަލައިނުގަންނަަން ކުރި ހުކުމާ ގުޅިގެން ފުރަތަމަ އިންތިހާބު ބޮއިކޮޓް ކުރަން ބާރުއެޅުއްވި ނަމަވެސް، ފަހުން ހިޔާލު ބަދަލުކުރައްވައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ޔާމީން ވަނީ ނިންމަވާފަ އެވެ.













