ދިވެހީންގެ ސުފުރާމަތިން ބަނބުކޭލު އާރޮސް

ދިވެހީންގެ ސުފުރާމަތިން ބަނބުކޭލު އާރޮސް

ސުފުރާ މައްޗަށް ބަލައިގެން ބަޔަކާ ގުޅޭ ގޮތުން ގިނަ މައުލޫމާތު ތަކެއް ހޯދޭނެ އެވެ. އެބަޔަކާ ގުޅުން އޮތް އަނެކުންގެ ހަބަރުތަކާއި އެބަޔެއްގެ ވިޔަފާރި އާއި އަދި ފަންނާއި ހުނަރު އަށަގެންފައި ހުރި މިންވަރު ފަދަ އެތައްކަމެއް ހާމަކޮށްދޭނެ އެވެ. ދިވެހީންނަކީ ބިމަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ވެރި ބަޔެއްކަމުގައި ވިޔަސް ދިވެހީންގެ ސުފުރާމަތިން އެކަމުގެ މާބޮޑު ތަފާތެއް ނުދައްކަ އެވެ. އާންމު ކެއުމަކީ ބަތް ކަމަށްވުމުގެ އިތުރުން ކުކުޅާއި ގެރި އާއި ބަކަރި މަހުން ތައްޔާރު ކުރެވުނު އެތައް ކެއުމެއްވެސް ފެނެ އެވެ. އެހެންނަމަވެސް ހިތާމައަކީ އެ މުއްސަނދި ސުފުރާމަތިން މިޒަމާނާއި ހަމައަށް ވާސިލުވެފައި ވަނީ މަދު އެއްޗެއް ކަމަށްވީމަ އެވެ.

އާދޭހެވެ! ދުނިޔޭގެ އެހެނިހެން މުއްސަނދި ޙަޟާރަތްތަކެކޭ އެއްފަދައިން ދިވެހީންނަކީވެސް ވެސް ތަފާތު އެތައް ވައްތަރެއްގެ ކާބޯތަކެތި ތައްޔާރުކޮށް އުޅުނު ބައެކެވެ. އެކި ފާޑުގެ މީރު ކެއުންތަކާއި ލުއި ކާނާގެ ބާވަތްތަކެވެ. އެތައް ވައްތަރެއްގެ ބުއިންތަކެވެ. މީގެ ތެރޭގައި އެކި މުނާސަބަތުތަކަށް ހާއްސަ ކުރެވިފައިވާ ކޭންތަކާއި ހާއްސަ ބުއިންތައްވެސް ހިމެނެ އެވެ. މިސާލަކަށްނަމަ ބޯފޮޅި ދުވަހަށް ބައްލަވާށެވެ! ބޯފޮޅި ދުވަހުގެ އެންމެ ހާއްސަ ކެއުމަކީ ބޯފޮޅިއެވެ. ބޯފޮޅި އޭ މިކިޔަނީ ހަނޑުލާ ގަބުޅިހުންޏާ އެއްކޮށްގެން ބޯކޮށްފިހާ ފޮނި ފޮޅިއަކަށެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި މި ފޮޅި ތައްޔާރުކުރުމަށް ތަފާތު އެކި ރެސިޕީތައް ގެންގުޅެ އެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިހެން ދާދި ފަހަކާއި ހަމަޔަށް އައިސްފައިވަނީ ގިނަ ސަގާފީ ދުވަސްތަކެއް ފާހަގަކުރަމުންނެވެ. ބޮޑު މައުލޫދު ދުވަހެވެ. ކަނދި ދުވަހެވެ. ފޮއި ދުވަހެވެ. ރަބީޢުލްއައްވަލު 12 ދުވަހެވެ. ހިތި ވިލޭރެ އެވެ. އަދިވެސް މިފަދަ އެތައް ހާއްސަ ރޭރެއަކާއި ދުވަސްތަކެވެ. މިފަދަ ކޮންމެ ދުވަހެއްގެވެސް އެންމެ ހާއްސަ އެއް ނަންމަބަރަކީ އެ ދުވަހަކާ ގުޅުވައިގެން ތައްޔާރު ކޮށްފައި ހުންނަ ކޭންތަކެވެ. އެފަދަ ކޭންތަކުގެ ތެރެއިން އެތައް ވައްތަރެއްގެ ބަތްގަނޑުގަނޑު ފެނިގެން ދެ އެވެ. އެތައް ވައްތަރެއްގެ ރިހަ އާއި ސަޓަންޏާވެސް އެކު އެވެ.

އާދޭހެވެ! ދިވެހީންގެ ކާބަފައިން އެއައި ތަނަކުން އައިސް ވަޒަންވެރިވެ މިތިބީ ކުދި ރަށްތަކެއްގެ ތެރޭގަ އެވެ. ވަށައިގެން އޮތީ ކަނޑެވެ. މިކަންކަމަށް ވިސްނަމުން ދިވެހީންގެ ސުފުރާ މައްޗަށް ބަލައިފިނަމަ ބުނެދޭ އެންމެ ބޮޑު ހަގީގަތަކީ ދިވެހީންނަކީ މައި ބޮޑު ބައްރަކުން އައިސް މިރަށްތަކުގައި ވަޒަންވެރިވި ބަޔެއްކަމެވެ. އެހެނީ އެއްގަމު މަހުގެ ބާވަތްތައް ދިވެހި ސުފުރާމަތީން ފެންނަލެއް ގިނަކަމުންނެވެ. ކުރިންވެސް ދަންނަވާލެވުނު ފަދައިން މައިގަނޑު ކެއުމަކީ ބަތްކަމަށްވެސް ވާތީ އެވެ. އަދި ހަމައެހެންމެ މި ރަށްތަކުގެ ތެރެއިން ދަނޑުގޮވާން ކުރެވޭނެ ކަހަލަ ރަށްރަށުގައި ގޮވާމުގެ ބާވަތްތައްވެސް ހައްދަމުން އައިސްފައިވާތީ އެވެ. ބިންބި އާއި ދޮނަޅަ ފަދަ ތަކެއްޗެވެ.

މައުލޫއަކީ ދިވެހި ސުފުރާމަތިން ބަނބުކޭލު އާރޮހެވެ. އެހެންނަމަވެސް އެއާ ހަމައަށް ނުދެވި މާބޮޑަށްވެސް ވާހަކަ ދިގު ކުރެއްވިއްޖެ އެވެ. އެކަމަށްޓަކައި މަޢާފަށް އެދެމެވެ. އަޅުގަނޑު ހިތުން ދެއްކިފައި އެވަނީ މުޅިން ބޭކާރު ވާހަކައެއް ނޫނެވެ. އާރޮސް...އެހެންނޫންތޯ އެވެ! އާރޮހަކީ ދަތުރުފަތުރާ ގުޅިފައިވާ އަދި ހަދިޔާބަދިޔާގެ ތެރޭގައި ހިމެނޭ ހާއްސަ ކާ އެއްޗެކެވެ. އާރޮހޭ މިކިޔެނީ ކަށިކެޔޮ ނުވަތަ ބަނބުކެޔޮ ނުވަތަ އަލައިގައި ހިލާ ފޮނިކާ އެއްޗަކަށް ކަމުގައި ދިވެހިބަހުގެ ރަދީފުގައި ވެ އެވެ. އަދި މީގެ އިތުރަށް ރަދީފުގައި ބަޔާން ކުރާ ގޮތުން އެއީ އާންމުކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހިލާ އެއްޗެކެވެ. އެހެންނަމަވެސް މިއީ މުޅިން ސައްހަ ވާހަކައެއް ނޫންކަމުގައި ފެނެ އެވެ. އެހެނީ އާރޮހަކީ ރާއްޖޭގެ އުތުރުގެ ވަރަށް ގިނަ އަތޮޅުތަކުގައިވެސް ތައްޔާރުކުރި އެއްޗެއްކަން ސާފުކޮށް އެނގެން އޮތީމަ އެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލައަށް އުފަން އެރަށު ދިއްގާމާގޭ ހައުލަތު މާހިރާ އޭނާގެ ކުޑައިރުގެ ބައެއް ހަނދާންތައް އަޅުގަނޑާ ހިއްސާކުރެއްވި ކުރެއްވުމުގައި، ބަނބުކޭލު އާރޮހުގެ ވާހަކައެއް އައެވެ. އެވާހަކަ ކިޔައިދެއްވީ އޭނާގެ ބައްޕަ މާލޭގައި ދިރިއުޅުއްވި ދުވަސްވަރުގެ ވާހަކަ ކިޔައިދެއްވަމުންނެވެ. ބައްޕައަށް ހަދިޔާގެ ގޮތުގައި ފޮނުވަން މަންމަ ބަނބުކޭލު އާރޮސް ހިލާ ވާހަކަ އެވެ. އަދި މައުލޫމާތު ލިބުނު ގޮތުގައި ތިލަދުންމަތީ މީހުން ކޮޅުނބު ދަތުރު ކުރި ޒަމާނުގައި ދަތުރުމަތީ ކެއުމެއްގެ ގޮތުގައި ވެސް އާރޮސް ބޭނުންކުރި އެވެ.

ތިރީގައި މި ދަންނަވާލަނީ ތިލަދުންމަތީ ކެލާ މީހުން ބަނބުކޭލު އާރޮސް ތައްޔާރުކޮށް އުޅުނު ގޮތުގެ ކުރު ރެސިޕީއެކެވެ. އަޅުގަނޑީ ކެއްކުމުގެ ދާއިރާގެ އިލްމު ކުޑަކޮށްވެސް ލިބިފައިވާ މީހަކަށް ނުވާތީ އާއި އޭގެ އެއްވެސް ހުނަރެއް ލިބިފައި ހުރި މީހަކަށް ނުވާތީ ހުރެދާނެ ކޮށިކަމަށްޓަކައި އިހުލާސްތެރި މަޢާފަކަށްވެސް އެދެމުންނެވެ. މި ރެސިޕީ ނޯޓު ކުރީ އަޅުގަނޑުގެ އެކުވެރި ހައުލަތު މާހިރާގެ އަރިހުންނެވެ. ބޭނުމަކީ ދިވެހީންގެ ސުފުރާމަތިން ފެންނަން ހުރި ބައެއް ކާނާގެ ބާވަތްތައް ނޯޓުކޮށް މާދަމާއަށް އަރުޝީފު ކުރުމެވެ. އަދި މައުލޫމާތު ސައްހަ ކުރުމެވެ.

އާދޭހެވެ! ބަނބުކޭލު އާރޮސް ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ ރީތި ދޮން ބަނބުކެޔޮ ހޯދާ، ރީތިކޮށް ދޮވެލާފައި އެ ހަތަރު ފަޅިޔަށް ފަޅާލާށެވެ. ބަނބުކެޔޮތައް ފަޅާލަންވާނީ ތޮށި ނުމަށާ އަދި ކަރުވެސް ނުނަގަ އެވެ. ދެން ތެއްޔެއްގައި ބަނބުކެޔޮ އަތުރާލުމަށްފަހު މަޑުވާ ވަރަށް ފެން އަޅާފައި އުނދުން މައްޗަށް ކައްކަން އުދާށެވެ. އެ ހުންނަންވާނީ ކެކެމުން ދާއިރު އާވި ބޭރު ނުވާގޮތަށް ތެލި މަތިޖަހާ ރަނގަޅަށް ބަންދުކޮށްފަ އެވެ. އިހު ޒަމާނުގައި މިގޮތަށް ބަންދުކުރާއިރު ފުރަތަމަ އަޅަނީ ބަނބުކެޔޮ ފަތްކަމުގައި ވެ އެވެ. ދެން އެ ބަނބުކެޔޮ ފަތްތައް މައްޗަށް ރޯ ބޮނބި އަޅާ ރީތިކޮށް ގަޓާލާފައި ބަހައްޓާކަމުގައި ވެސް ވެ އެވެ. ދެން ފިޔަން ޖަހާ ތެލި ބަންދުކޮށްލަނީ އެވެ.

އުނދުން މައްޗަށް އުނދި ބަނބުކެޔޮތައް ކެކެމުން ގޮސް މަޑުވީމާ އެތަކެތި ނަގާ ހަލަންޏަކަށް އޮއްސާލާށެވެ. ދެން އެ ބަނބުކެޔޮތައް ނަގައި ތޮށިމަށައި ކަރުނަގާނީ އެވެ. މިޔަށްފަހު އެ ބަނބުކެޔޮތައް ކުދިކުދިކޮށް ކޮށާލުމަށްފަހު ދައިމަތި އަޅާ އެ ހިމުންކުރާށެވެ. މިގޮތަށް ބަނބުކެޔޮތައް ހިމުން ކުރުމަށްފަހު، އެ ހިމުންކުރި ބަނބުކެޔޮތައް ބޯ ތައްޓަކުން މިނެފައި ހިލަން ގެންގުޅޭ ތާހަށް އަޅާށެވެ. ދެން އޭގައި ބަނބުކެޔޮ ހުރި މިނަށް ހަކުރު އަޅާނީ އެވެ. (ކަށި ހަކުރު ވިޔަސް ނޫނީ ދިޔާ ހަކުރު ވިޔަސްވެހެވެ). ހަކުރު އަޅައި، ހަކުރު ގަނޑާ ބަނބުކޭލާ އެއްކޮށްލީމާ އެ ހުންނާނީ ކުޑައިކޮށް ދިޔާވެފަ އެވެ. ދެން އުނދުން މައްޗަށް އުނދައިގެން އެ ބަނބުކެޔޮތައް ހިލާނީ އެވެ. މިގޮތަށް ހިލަމުން ދާއިރު ކުޑައިކޮށް ފޮނިތޮށި ކާފޫރު ތޮށިކޮޅެއް އަޅާލާށެވެ. އެއީ ރަހަ މީރުކޮށްލުމަށްޓަކައެވެ. ދެން އެ ހިލަމުން ގޮސް ތާހުން ބަނބުކެޔޮ ގަނޑު ނެއްޓޭވަރުވީމާ އެހެރީ ހިލިފަ އެވެ.

ދެން ދޮލަނގެން ނޫނީ ތައްޓެއްގައި ތެޔޮ ލާފައި (ކާށި ތެޔޮ) އެއަށް ބަނބުކެޔޮތައް އަޅާފައި އޭތި ހިހޫވުމުގެ ކުރިން ސަމްސަލަކުން އެ ތަށި ތެރޭގައި ނޫނީ ދޮލަނގު ތެރޭގައި ފަތުރާލާ އޮމާންކޮށްލާށެވެ. ދެން ހިހޫ ވަންދެން ބަހައްޓާށެވެ. އެގޮތަށް އެ ހިހޫވަންދެން ބެހެއްޓުމަށްފަހު ތުތި މަސް ގޮތަށް ނޫނީ ހަތަރެސްކަނަށް ނޫނީ އެބޭފުޅަކު ބޭނުން ގޮތަކަށް އެ ކަފާށެވެ. އާދޭހެވެ! މިހާރު އެހުރީ އާރޮސް ތައްޔާރުވެފަ އެވެ. ދެން އޮންނަނީ އެ ބަންދު ކުރުމެވެ. މިކަމަށްޓަކައި ހިކި ރީތި ކެޔޮފަތް ހޯދާ އެ ދޮވެ ސާފުކުރާށެވެ. ފަތްތަކުން ފެނުގެ އަސަރު އެކީ ފިލަންދެން ސާފު ކުރަން ވާނެ އެވެ.

ދެން އެއްކަލަ އާރޮސްތައް ކެފި ސައިޒަށް ފަތްތައްވެސް ކެފުމަށްފަހު އެޔަށް އާރޮސްތައް ލައި ވައި ނުވަންނާނެ ގޮތަށް ބަންދުކުރާށެވެ. މި ގޮތަށް ބަންދުކޮށްފައި ހުންނަ އާރޮސް ނުބައި ނުވެ ތިން މަހެއްހައި ދުވަހު ހުރެ އެވެ. މިހެންވެ މިއީ އިހު ޒަމާނުގައި ރާއްޖެއިން ބޭރަށް އޮޑިފަހަރުގައި ދަތުރު ކުރާ އިރުގައި ކެއުމަށް ބޭނުން ކުރި އެއްޗެކެވެ. އާރޮސް ކާއިރުގައި އެއާއި އެކު ވަޅޯމަސް ބޭނުންކުރެ އެވެ. އަދި ބުއިމަކަށް ބޮނީ ކަޅުސަޔެވެ. ފަހުން މި ހަދާ އުޅުނީ ހަދިޔާއެއްގެ ގޮތުގަ އެވެ.

މައުލޫމާތު ދެއްވީ: ހައުލަތު މާހިރާ ( ދިއްގާމާގެ / ތިލަދުންމަތީ އުތުރުބުރީ ކެލާ)

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox