ރިޔާދް، ސައުދީ އަރަބިއްޔާ (އޯގަސްޓް 5) - ޔޫކްރެއިނަށް ސުލްހަ ގެނައުމާ ގުޅޭ ބައިނަލްއަގްވާމީ މަޝްވަރާ ހޮނިހިރު ދުވަހު ސަައުދީ އަރަބިއްޔާގައި ބާއްވައިފި އެވެ.
މަޝްވަރާގައި 40 ގައުމަކުން ބައިވެރިވި ނަމަވެސް، ރަޝިއާއިން ބައިވެރި ނުވެ އެވެ. ރަސްމީ މަޝްވަރާތައް ނިމުނު ނަމަވެސް، އެކަމާ ގުޅޭ ރަސްމީ ބަޔާނެއް ނުނެރެ އެވެ.
ވަކިވަކި ގައުމުތަކުން އާދީއްތަ ދުވަހު ވެސް ބައްދަލުވުންތައް ބާއްވާނެ އެވެ. ރަޝިއާއިން ބައިވެރި ނުވި ނަމަވެސް، އެ ގައުމުގެ ހިމެނޭ ނުފޫޒު ގަދަ ބްރިކްސް ގްރޫޕްގެ ހަތަރު ގައުމުން ބައިވެރިވި އެވެ. އެއީ ބްރެޒިލް، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ.
ގައުމުތަކުން ފާހަގަކުރި އެންމެ ބޮޑު ކަމަކީ މަޝްވަރާގައި ހުރިހާ ފަރާތެއްގެ ބައިވެރިވުން މުހިއްމު ކަމެވެ. ޔޫކްރެއިންއާ އެއްވަރަށް ރަޝިއާގެ ބައިވެރިވުން މުހިއްމު ކަމަށް ގައުމުތަކުން ފާހަގަކުރި އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ކުރިން ވިދާޅުވީ ސުލްހަ ގެނައުމަށް އެކުލަވާލި 10 ނުކުތާގެ ފޯމިއުލާ މަޝްވަރާގައި ހުށަހަޅާނެ ކަމަށެވެ.
އެ ފޯމިއުލާގެ އެންމެ މުހިއްމު ނުކުތާއަކީ ޔޫކްރެއިންގެ ފަސްގަނޑުން ރަޝިއާ ސިފައިން ފޭބުމެވެ. ރަޝިއާ ސިފައިން ޔޫކްރެއިނަށް އެރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.










