ލަންޑަން (އޮގަސްޓް 5) - ބްރައިޓަން އަށް ކުޅެމުން އައި ސްޕެއިންގެ ގޯލްކީޕަރު، ރޮބާޓް ސަންޗޭޒް، 30 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.
ސަންޗޭޒް، 25، ޗެލްސީއާ ގުޅުނީ ހަތް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޗެލްސީން މި ފަހުން ގިނަ ކުޅުންތެރިންތަކެއް ސޮއިކުރުވަނީ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ޗެލްސީން ސަންޗޭޒް ގަތީ މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީގެ ކީޕަރު، ސެނެގާލްގެ އެޑޮއާޑް މެންޑީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އަހްލީ އަށް ބަދަލުވުމުންނެވެ.
މި ވަގުތު ޗެލްސީގެ އެއް ވަނަ ކީޕަރުގެ މަގާމަށް ވާދަކުރަން ތިބީ ސަންޗޭޒްގެ އިތުރުން ކެޕާ އަރިއްޒަބަލާގާ އެވެ.
ސްޕެއިން ގައުމީ ޓީމަށް ދެ މެޗު ކުޅެފައިވާ ސަންޗޭޒް، އަކީ ބްރައިޓަންގެ ޔޫތު ޓީމުން ފެށިގެން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، އެ ޓީމަށް 90 މެޗު ކުޅެދިން ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ބްރައިޓަންގެ ކޯޗު ކަމާ އިޓަލީގެ ރޮބާޓޯ ޑި ޒާބީ ހަވާލުވި ފަހުން، އެ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ބޮޑަށް ހަވާލުކުރީ ދެ ވަނަ ކީޕަރަކަށް ހުރި ޖޭސަން ސްޓީލް އެވެ. މި ފަހަރު، ޕްރީ ސީޒަނުގައި ވެސް ބްރައިޓަން އިން ބޮޑަށް ބޭނުންކުރަނީ ސްޓީލް އެވެ.
ސަންޗޭޒް ވެގެންދާނީ މި ފަހަރު ޗެލްސީއާ ގުޅުނު ހަތް ވަނަ ކުޅުންތެރިޔާ އަށެވެ. އެ ގޮތުން، ޗެލްސީން ވަނީ ކްރިސްޓޮފާ އެންކުންކޫ، އަލެކްސް ޑިސާސީ، ނިކޮލަސް ޖެކްސަން، ލެސްލީ އުގޮޗުކްވޫ، އެންޖެލޯ އަދި ޑިއޭގޯ މޮރެއިރާގެ ސޮއި ހޯދައިފަ އެވެ. ޗެލްސީން ވަނީ އެ ޓީމުގެ ކޯޗަކަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފަ އެވެ.












