ތެލް އަވީވްގައި ފަލަސްތީން މީހަކު ދިން ހަމަލާއެއްގައި އިޒްރޭލުގެ އަށް މީހުންނަަށް އަނިޔާވެއްޖެ އެވެ.
ހުޅަނގު އައްސޭރިއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޒުވާނަކު ވަނީ ޕިކަޕެއްގައި ގޮސް ބަޔެއްގެ ގައިގައި ޖެއްސުމަށް ފަހު، ޕިކަޕުން ފައިބައި ވަޅިން ވެސް ހަމަލާ ދީފަ އެވެ.
އެ ހަމަލާގެ ޒިންމާ ނެގީ ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ގްރޫޕުންނެވެ. ހަމަލާދެމުން ދިޔަ މީހާ ހުއްޓުވީ އާއްމުންގެ މީހަކު އޭނާގެ ގަޔަށް ބަޑި ޖަހައިގެން ކަމަށް ފުލުހުން ބުންޏެވެ.
ހަމާސްއިން ބުނީ އެއީ އެ ގްރޫޕްގެ މެމްބަަރެއް ކަމަށާއި ހަމަލާ ދިނީ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއަށް އިޒްރޭލުން ހަމަލާދެމުން ދާތީ އެކަމުގެ ރައްދުގައި ކަމަަށެވެ.
ޖެނިން ސިޓީގައި މިހާތަނަށް 10 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ކުޑަަކުދިން ވެސް ހިމެނެ އެވެ.
ފަލަސްތީނުގެ އެހެން ގްރޫޕެއް ކަމުގައިވާ އިސްލާމިކް ޖިހާދުން ވަނީ ތެލް އަވީވްގައި ދިން ހަމަލާއަށް ތައުރީފްކޮށްފަ އެވެ.










