ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބާއްވަން އުޅުނު ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނުބޭއްވި ފަސްކުރަން ޖެހިއްޖެ އެވެ.
މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، މިއަދު ހެދުނު 10:30 ގައި ބައްދަލުވުމެއް ބާއްވަން މެންބަރުންނަށް ނޯޓިސް ފޮނުވި ނަމަވެސް އެ ބައްދަލުވުމަށް ހާޒިރުވީ ފުއާދު ހިމެނޭހެން ދެ މެންބަރުން ކަމަށެވެ. އީސީގެ ބައްދަލުވުންތަކުގެ ކޯރަމަކީ ތިން މެންބަރުންނެވެ.
އަދި، ޑިމޮކްރެޓްސްއަށް ހުއްދަދިނުމަށް ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް ފުއާދު ވިދާޅެއް ނުވެ އެވެ. އެ ޕާޓީއަށް ހުއްދަ ދިނުމަށް މި މަހުގެ 18 ގައިވެސް ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ފުއާދުގެ އިތުރުން ނައިބު ރައީސް އިސްމާއިލް ހަބީބާއި މެމްބަރު އަލީ ނަޝާތާއި މުހައްމަދު އާސިފެވެ. އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ވަޑައިގެންނެވެ.
"ހަތަރު މެމްބަރު މިހާރު ތިބި. ދެ ވޯޓު، ދެ ވޯޓުން އެއްވަރުވީ ހުއްދަ ދިނުމަށާއި ހުއްދަ ނުދޭ ގޮތަށް. އެހެންވީމާ ހުއްދައެއް ނުދެވުނު. ދެ ވޯޓު ލިބުނީމާ އަޅުގަނޑު ނިންމިން ފާސްވެއްޖެ ކަމަށް. އެކަމަކު އަގުލަބިއްޔަތުންނޭ އޮންނާތީ ފާހެއްނުވާނެ ކަމަށް ވަނީ ދެ ވޯޓު، ދެ ވޯޓަކުން،" ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީގެން ކޮމިޝަނުގެ އިދާރާއަށް ގޮސް ތިބި މެމްބަރުންނާ ވާހަކަ ދައްކަވަމުން ފުއާދު އެ ރޭ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 3.1 އަދި 3.2 ގައި ބުނެފައި ވަނީ "ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޝަނުގެ ޖަލްސާއަކުން ފާސްކޮށްގެން" ކަމަށާއި "ކޮމިޝަނުގެ ޖަލްސާއަކުން ކަމެއް ފާސްކުރަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެމްބަރުން އަގުލަބިއްޔަތުން" ކަމަށެވެ.

ޑިމޮކްރެޓްސް އަށް ހުއްދަދޭން ނުފެންނަ ކަމަށް ވޯޓު ދެއްވި ދެ މެމްބަރުން އެދިވަޑައިގެންނެވީ ފަސް މުވައްޒަފުންގެ ކޮމެޓީއެއް އެކުލަވާލުމަށްފަހު އަލުން ފޯމުތައް ޗެކް ކުރުމަށެވެ. އެއީ އެ ފޯމުތައް ޕްރޮސެސް ކުރަން ކޮމިޝަނުގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނަވާ މަސައްކަތް ކުރައްވާ ކަމަށް ޝައްކު ކުރެވޭތީ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. އެގޮތުން، ކަމާ ނުގުޅޭ މުވައްޒަފުން ލައްވައި ޑިމޮކްރެޓްސްގެ ފޯމުތައް ޕްރޮސެސް ކުރަން ފުއާދު މަސައްކަތް ކުރައްވާ ކަމަށް އެ ދެ މެމްބަރުން ތުހުމަތު ކުރެ އެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާރު އެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާނެ އެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގައި މައްސަލަ ޖެހިގެން އުޅޭކަން މިރޭ ހާމަވިއިރު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ އެ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބަހާނެ ގޮތަކާމެދު ޕާޓީތަކަށް އެއްބަސްނުވެވިގެންނެވެ. އޭގެ އިތުރުން، އެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އެއާއެކު ނަޝީދު ވަނީ ރިޔާސަތުން ތަނާޒަލުވެވަޑައިގެންފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ނަޝީދު ވަނީ މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަނަށް ވެދުން ސަލާމަށްފަހު ދަންނަވަން. ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ނަޝީދުގެ އަތުލިޔުމުން ލިޔުއްވައި މިއަދު އެމްޑީޕީއަށް ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެ އެވެ.













