ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގެ އިސް ދައުރެއް އަދާކުރައްވާތީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، ފުއާދު ތައުފީގުއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ހަތަރު ދުވަހަށް ދެމިގެންދާ ގޮތަށް އިއްޔެ ފަށައިގެން ކުރިއަށް ގެންދާ އެ ކޮންގްރެސްގައި ޕާޓީއަށް ގެންނަ ބަދަލުތަކަށް ވޯޓު ދިނުމާއި މުހިންމު ގުނަންތަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުމުގައި ފުއާދު ދަނީ އިސްދައުރެއް އަދާކުރައްވަމުންނެވެ.
އެގޮތުން، ޕީއެންސީ ކޮންގްރެސްގެ އެކި މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ މަރުހަލާގައި ވޯޓުގެ ނަތީޖާތައް އިއުލާނު ކުރުމުގެ ޒިންމާއާ ހަވާލުވަޑައިގެން އުޅުއްވަނީ ފުއާދު އެވެ.
ސޯޝަލް މީޑިއާގައި ފުއާދުއަށް ފާޑުކީ ގިނަ މީހުން ބުނެފައި ވަނީ އޭނާއަށް ކުރަމުން އައި އިހުތިރާމު އެއްކޮށް މިހާރު ގެއްލިފައިވާ ކަމަށެވެ.
"އޭނާގެ [ފުއާދުގެ] ފަރާތުން މިހަލަކަމެއް އުއްމީދެއް ނުކުރަން، މި ގައުމުން އިހުލާސްތެރިއަކު ހޯދުމާމެދު އެއްވެސް އުއްމީދެއް ނެތް، މީނާ ކޮންކަމެއްތޯ މުއިއްޒުގެ ފަރާތުން ބޭނުންވަނީ؟" އަލީ ޝަރީފްގެ ނަމުގައި އެކްސް އެކައުންޓެއް ހިންގާ މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެކަމަށް ފާޑުކީ ބައެއް އެހެން މީހުން ބުނީ ޕީއެންސީގައި ފުއާދު އެ މަސައްކަތް ކުރައްވަނީ އޭނާއަށް ދިން ވަޒީފާގެ އަގު އަދާކުރުމުގެ ގޮތުން ކަމަށެވެ.
ފުއާދު ޕީއެންސީއަށް ސޮއިކުރައްވައި އެ ޕާޓީގެ ކޮންގްރެސްގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ހަށިގަނޑުގެ އެއްބައިކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އޭނާ އެހެން ވިދާޅުވީ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަޑީގައި ހުންނަވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރެއްވި ދުވަސްވަރު ފުއާދު މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ކޮމިޝަނުގެ ތެރެއިން ކުރަން އުޅުމުންނެވެ.
"މިނިވަން މުއައްސަސާއެއްގައި ހުންނައިރު އެއްވެސް ޕާޓީއެއްގައި އަޅުގަނޑަކަށް ނުހުރެވޭނެ، އެކަމަކު އަޅުގަނޑު އެއްކަލަހެން އެތެރެހަށި ކޮނެލައިފިއްޔާ ހަމަ އަޅުގަނޑަށް ހީވަނީ [އެމްޑީޕީ] ނޫން އެއްޗެއް ނުފެންނާނެހެން،" މާޗު 2024 ގައި ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މުއްދަތު ހަމަވުމާއެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އޭނާ އައްޔަނުކުރައްވައިފަ އެވެ.
ފުއާދު މިހާރު ހުންނަވަނީ ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.













