ރިޕޯޓުގޯތި ލިސްޓާއެކު ލިބުނީ ދިރިތެޅެމުން ފަހުރުވެރި ދިރިއުޅުމަކަށް ބަދަލުވުމުގެ އުއްމީދު

ގޯތި ލިސްޓާއެކު ލިބުނީ ދިރިތެޅެމުން ފަހުރުވެރި ދިރިއުޅުމަކަށް ބަދަލުވުމުގެ އުއްމީދު

އިއްސެ އާއި ޝާޒްނާ ފަދަ މާލޭގެ އެތައް އާއިލާއަކަށް މި ތާރީހީ ބުރުގައި ގޯތި ލިބުނު. އެ އެންމެން ވެސް ތިބީ ނޭވާ ލާން ބޮޑު ކޯމަސް ފެންމައްޗަށް ތިލަވާހެން، ހަމަ ނޭވާއެއް ލާން ގެއިން ބޭރަށް ނުކުންނަންޖެހޭ ނިކުތުން ނިމުމަކަށް އަންނާތީ އެކަމާ އުފަލުން.

ގޯތި ލިސްޓާއެކު ލިބުނީ ދިރިތެޅެމުން ފަހުރުވެރި ދިރިއުޅުމަކަށް ބަދަލުވުމުގެ އުއްމީދު

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމަށް ޝާޒްނާ ޖަވާދު ދައުވަތު ދިނެވެ. އެ ދެމަފިރިންގެ ފަހަތުން އެގޭތެރެއަށް ވަނުމަށް ބޭރު އޮޅި ގިރާކޮށްލިއިރު، ފުރަތަމަ ލޮލުގައި އަޅައިގަތީ ކަނާތްފަރާތުގައި ހުރި އެނދެކެވެ. އެ އެނދުގައި އުމުރުން ދުވަސްވީ ފިރިހެނަކު އިށީދެލައިގެން އިނެވެ. އެއީ އެގޭ ކުދިންގެ ބައްޕަ ކަމަށް ޝާޒްނާ ބުންޏެވެ.

ދެން ނަޒަރު ހުއްޓުނީ އެ އެނދުން އުތުރަށް ދެތިން ފޫޓެއްގެ ދުރުމިނުގައި ބިތްގަނޑެއް ޖަހައި ވަކިކޮށްފައި ހުރި ކުޑަކުޑަ "ގޮޅި" އަކަށެވެ. ހަފޫޓު ހަފޫޓު ވަރުގެ ތަންފުކެކެވެ. ދެފަރާތުން ޖަހާފައި ހުރި ފިލާގަނޑުގެ ސަބަބުން އެތެރެ މުޅިން ސާފުވާ ގޮތް ނުވި ނަމަވެސް އެއީ މީހަކު ދިރިއުޅޭތަނެއް ކަން އެނގުނީ އަރިމައްޗަކުން ފެންނަން ހުރި ކުޑަ ކަބަޑު މަތީގައި ހިފައި ގެންގުޅޭ ބައެއް ސާމާނު ބަހައްޓާފައި ހުރުމުންނެވެ. އެއީ އެގޭގެ ވެރިފަރާތް ކަމުގައިވާ، ޝާޒްނާގެ މަންމަ އިންނަ ތަނެވެ.

އެ "ގޮޅީގެ" ހުޅަނގުން އެތެރެއަށް ވަދެވެން ހަނިހަނި ގޯޅިކޮޅެއް އޮތެވެ. ހަތަރު ވަރަކަށް ފޫޓު ފުޅާ އެ ގޯޅިގަނޑަކުން ލާފައި އަހަރުމެން އެތެރެއަށް ހިނގައިގަތީ ޝާޒްނާގެ ދެމަފިރިންގެ އެދުމުގެ މަތީންނެވެ. ދެތިން ފިޔަވަޅު ހުރަސްކޮށްލުމުން ގޮސް މޫނު ޖެހުނީ ޝާޒްނާގެ ދެމަފިރިންނާއި އޭނާގެ ތިން ކުދިން އުޅޭ ބައިގަ އެވެ.

"މިތަނުގައި މި ހުންނަނީ އެކޮޅުން މިކޮޅަށް އަށް ފޫޓު، ދެން މިތަނުން އެތަނަށް 16 ފޫޓު، މިތާ އެތެރޭގައި ފާހާނާ ވެސް މި ހުންނަނީ، ބަދިގެ މިހުންނަނީ،" އެމީހުން ދިރިއުޅޭ ބަޔަށް ވަނުމަށްފަހު އެތަނުގައި ހުރި ދެބުރި އެނދުގެ ތިރީބައިގައި އިށީންނަމުން ޝާޒްނާގެ ފިރިމީހާ، އިއްސެ އަހަރުމެންނަށް ކިޔައިދިނެވެ.

މިއީ މާލޭއަށް ކުރިމަތިވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލަ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ މ. ހިޖާޒުގެ ވާހަކަ އެވެ. ހަނިދިގުކޮށް ހުރި އެގޭގައި ދިރިއުޅެމުންދާ ޝާޒްނާ، 39، އާއި އިސްމާއިލް ހަނީފް، 39، ގެ ދެމަފިރިންގެ ހާލަތު ހުރި ގޮތުގެ ވާހަކަ އެވެ. ގޭގެ މައި ދޮރު ފިޔަވައި ދުނިޔޭގެ އަލިކަމެއް، ވައިރޯޅިއެއް ގޭތެރެއަށް ވަންނާނެ ޖާގައެއް ނެތް އެގޭގައި ތިން ދަރިންނާއި ލޮލުން ފެނުމުން މަހުރޫމުވެފައިވާ މުސްކުޅި މަންމައަކާއި ބައްޕައެއް ގޮވައިގެން އެމީހުން "ދިރިތެޅޭ" ގޮތުގެ ވާހަކަ އެވެ.

"ތިން ކުދިން ތިބޭ، އެންމެ ކުޑައަށް ހުންނަނީ މިހާރު އިނދެގެން އުޅޭ [އިއްސެގެ] މީހާގެ، ދެން ތިބެނީ ކުރިން އިން ދެމީހުންގެ ދެދަރިން، އެންމެ ދޮށީ ކުއްޖާގެ އުމުރުން 19 އަހަރު ވަނީ، ދެން ހުރި ކުއްޖާގެ އުމުރުން 13 އަހަރު، އެންމެ ހަގު ކުއްޖާގެ އުމުރުން ހަތް އަހަރު،" އިއްސެއާ ޖެހިގެން އިނދެ ޝާޒްނާ ކިޔައިދިނެވެ.

ޝާޒްނާއަކީ މާލެއަށް އުފަން މާލެ ރައްޔިތެކެވެ. މ. ހިޖާޒްއަކީ އޭނާގެ މަންމައަށް މުސްކުޅި ގޯތި ބަހައިގެން ލިބިފައި އޮތް 600 އެއްހައި އަކަފޫޓުގެ ތަންކޮޅެކެވެ. އެތަނަކީ ޝާޒްނާ ހިމެނޭހެން، އޭނާއާ އެއްބަނޑު ހަތް ކުދިންނަށް ބަހަންޖެހޭ ތަނެކެވެ. ނަމަވެސް މިއަދާ ހަމައަށް އެތަން ނުބަހައި އޮތީ ގޯތި ބަހައިގެން، ދިރިއުޅެވޭނެ ވަރުގެ ތަންކޮޅެއް އެއްވެސް ކުއްޖަކަށް ނުލިބޭނެތީ އެވެ. ޝާޒްނާއާއި އޭނާގެ ބޭބެއެއް ފިޔަވައި ދެންތިބި ތިބި ހަބެއިން ވެސް ދިރިއުޅެނީ އެކި ތަންތަން ކުއްޔަށް ހިފައިގެންނެވެ.

ޝާޒްނާގެ އާއިލާގެ ހުރިހާ ކަމެއް ހަމަޖައްސަމުންދާ ކޮޓަރީގެ ފުޅާމިނަކީ ސިންގަލް އެނދެއްގެ ދިގުމިނެވެ. ކޮޓަރީގެ އެންމެ އެތެރޭގައި ހުންނަނީ އޭނާގެ ބޮޑު ދެ ފިރިހެން ދަރިން ނިދުމަށްޓަކައި ހުރަހަށް ބަހައްޓާފައި ހުންނަ ދެބުރި އެނދެކެވެ. ޝާޒްނާއާއި އިއްސެ ނިދަނީ ބިންމަތީގައި ގޮދަޑި އަޅައިގެންނެވެ. އެމީހުންގެ އެންމެ ހަގު ދަރިފުޅު ވެސް އޮންނަނީ އެދެމީހުންގެ ގާތުގަ އެވެ.

ގޮދަޑީގެ ފައިލާކޮޅުގައި ހުންނަނީ ތިންދޮރުފަތްލީ އަލަމާރި އެކެވެ. ގޮދަޑި އާއި އެދޭތެރޭގައި އިނގިއްޔެއް ވަންނާނެ ޖާގައެއް ވެސް ނެތެވެ. އަލަމާރިއާ ޖެހިގެން ހުރީ އައިސް އަލަމާރި އެވެ. ފާހާނާއާ އައިސް އަލަމާރިއާ ދެމެދު ހުންނާނީ މީހެއްގެ ޖާގަ އެވެ. ފާހާނާއަށް ވަންނަ މީހަކު ވަންނާން ޖެހޭނީ ޝާޒްނާއާއި އިއްސެ ނިދާ ގޮދަޑި މަތީންލާފައި ގޮހެވެ.

އެމީހުން ކާބޮއެ ހަދަނީ އެ ގޮދަޑި ނެގުމަށްފަހު ބިންމަތީގައި ތިބެގެންނެވެ. ކައްކާ ހަދަނީ ކޮޓަރިއަށް ވަންނަ ދޮރު ކައިރީގަ އެވެ. ކޮޓަރިއަށް ވަދެވެނީ ސިންކާއި އުނދުން ބަހައްޓާފައި ހުންްނަ ފިލާ ހަރު ކައިރިން ލާފައި އަރިއަކަށްހުރެ އެވެ.

ޝާޒްނާއަކީ ހަމައެކަނި ބޯހިޔާވަހިކަމުގެ ދަތިކަން ތަހަންމަލު ކުރާ މީހެއް ނޫނެވެ. އޭނާއަކީ ސިއްހީ އެތައް މައްސަލައެއްގެ ވެސް ޝިކާރައަކަށް ވެފައިވާ، ވަރަށް ބޮޑު ނިކަމެއްޗެއް ވެސްމެ އެވެ.

ބަލި ހާލަތު ވެސް ގުޅެނީ ބޯހިޔާވަހިކަމާ

"އަޅުގަނޑަކީ ވަރަށް ބަލި މީހެއް، ނޭވާގެ މައްސަލައާއި އާތުރައިޓިސް ހުންނަނީ، ރޭގަނޑު ނިދަނީ އޮކްސިޖަން މެޝިން ގުޅައިގެން، މިހައި ދަތި ތަންކޮޅެއްގެ ތެރޭގައި އުޅެންޖެހޭތީ ވަރަށް އުނދަގޫ، ވަރަށް ހާސްވޭ،" އަވަސް އަވަހަށް، ފުންކޮށް ނޭވާލަމުން އޭނާގެ ހާލަތު ޝާޒްނާ ކިޔައިދޭން ފެށި އެވެ.

"މިތަނަށް ވައި ވަންނާނެ އެއްވެސް ގޮތެއް ނުހުރޭ، ގިނަ ރޭރޭ ނުވެސް ނިދޭ އުނދަގޫ ވާތީ، މިހެން ކޮޅަށް އިނދެގެން ވެސް ނިދަން, ނޭވާ ނުލެވޭތީ، ގިނަ ވާނީ ކޮޅަށް އިނދެގެން ނިދާ ރޭރޭ،" އޭނާ ކިޔައިދިނެވެ.

ޝާޒްނާ ބުނީ ނޭވާލާން އުނދަގޫ ވާތީ ފުއްޕާމޭގެ ޑޮކްޓަރު މިހާރު އޭނާއަށް އިންހޭލާ ވެސް ބޭނުން ކުރަން ދީފައި ހުންނަ ކަމަށެވެ. އެއީ ގޭތެރޭގައި އުޅޭއުޅުމުގައި ނޭވާ ހާސްވުމުން ބޭނުން ކުރުމަށެވެ.

ޝާޒް އާއި އިއްސެ މާލޭގައި ދިރިއުޅެމުންދާ ތަން. މި 16 ފޫޓު އަށް ފޫޓު ކޮޓަރިއަކީ އެމީހުންގެ ހަމައެކަނި ބޯހިޔާވަހިކަން --- ފޮޓޯ: މިރާން ނާޝިމް/އަދަދު
ޝާޒް އާއި އިއްސެ މާލޭގައި ދިރިއުޅެމުންދާ ތަން. މި 16 ފޫޓު އަށް ފޫޓު ކޮޓަރިއަކީ އެމީހުންގެ ހަމައެކަނި ބޯހިޔާވަހިކަން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ޝާޒްނާ އާއި އިއްސެ މާލޭގައި ދިރިއުޅެމުންދާ ތަން. މި 16 ފޫޓު އަށް ފޫޓު ކޮޓަރިއަކީ އެމީހުންގެ ހަމައެކަނި ބޯހިޔާވަހިކަން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

އެ ވާހަކަތައް އިތުރަށް ތަފުސީލު ކޮށްދެމުން އިއްސެ ބުނީ ބައެއް ރޭރޭ ޝާޒްނާ ނިދާފައި އޮވެފައި ވެސް ކުއްލިއަކަށް ތެދުވާ ކަމަށާއި ދެން ނިދާނީ މެޝިނު ބޭނުންކޮށްގެން އެތައް އިރަކު ކޮޅަށް އިނދެ ނޭވާ ހަމައަކަށް އެޅުމުން ކަމަށެވެ.

"މެޝިނު ނުގުޅާ ހުންނަ ރޭރޭ [ޝާޒްނާ] ތެދުވާނެ ފުންމައިގެން، ނޭވާ ނުލެވިގެން، ހަތަރު ގަޑިއިރުގެ ސްލީޕް ސްޓަޑީ ހެދިއިރު، އެބަ ހުރޭ 158 ފަހަރު ހުއްޓިފައި، ބޮޑީ އެއްކޮށް، [ނޭވާ ނުލެވިގެން] ހުއްޓިފައި އަނެއްކާ ރަން ކުރަނީ، ޑޮކްޓަރު ބުނީ ދެން އޮންނާނެ ހަމައެކަނި ގޮތަކީ މެޝިނު ގުޅައިގެން ނިދުމޭ،" އިއްސެ ބުންޏެވެ.

އޭނާ ބުނީ މެޝިނު ގުޅައިގެން ނިދަން ޑޮކްޓަރު އިލްތިމާސްކޮށްފައި އޮތް ނަމަވެސް ޖާގައިގެ ދަތިކަން ހުންނަ ގޮތުން އެއީ ވެސް ކުރަން އުނދަގޫ ކަމެއް ކަމަށެވެ.

"މެޝިނު ވެސް އެއްބައިފަހަރު ގުޅި، އަނެއްބައިފަހަރު ނުގުޅި، ތަނުގެ ދަތިކަން ހުންނަ ގޮތުން، ތިރީގައި ބަހައްޓާފައި އޭގެ މަތީގައި ބާލީސް ނުވަތަ ގޮދަޑި ބާއްވަންޖެހެނީ، ދެން މިތަނުން އެނދެއްގެ މަތީގައި ބަހައްޓައިފިއްޔާ މިއިން ކުއްޖަކު ކުޅެން އުޅެނިކޮށް އެއަށް ފައިން އެރިދާނެ، އެހެންވެ ގިނަފަހަރު އޭތި ބައިންދަނީ ނަގައި ފޮރުވާފައި،" ތުރުތުރުއަޅަމުން ދިޔަ އަޑަކުން އިއްސެ ކިޔައިދިނެވެ.

"އަސްލު ވަރަށް ހިތްދަތިވޭ އުޅޭ ހާލު އިހުސާސް ކުރެވުނީމަ، ދަރިންތަކަކާއި އަނތްބަކާ ގޮވައިގެން.....،" އެ ހިސާބަށް ބުނުމަށްފަހު އިތުރު ލަފުޒެއް އޭނާގެ އަރުތެރެއަކުން ނުނިކުތެވެ. ކިޔައިދެމުންދިޔަ ވާހަކައިގެ އަސަރު އޭނާގެ ކޯތާފަތްމައްޗަށް ފައިބައިގަތީ އެވެ. އޭރު ކައިރީގައި އޭނާގެ އެންމެ ހަގު ދަރިފުޅު ވެސް ހުއްޓެވެ.

ބޯހިޔާވަހިކަމަށް ސަލާންޖަހާތާ އެތައް ޒަމާނެއް!

ޝާޒްނާ ބުނީ ބުނީ އެ ދަތިކަމުން އަރައިގަތުމަށްޓަކައި މީގެ ކުރިން ބޯހިޔާވަހިކަމަށް ހުޅުވާލި ހުރިހައި ފުރުސަތުތަކެއްގައި ވެސް ބޯހިޔާވަހިކަމެއް ހޯދުމަށް އެދި ހުށަހެޅި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ނަސީބު އަތުގައި ހިފާގޮތް ނުވި ކަމަށް އޭނާ ބުންޏެވެ.

"މައުމޫން ޒަމާނުގައި ލީމަވެސް ބުނީ ޝަރުތު ހަމައެއް ނުވެެއޭ، ދެން އަންނި ވެރިކަމުގައި ވެސް އަޅުގަނޑު ލީމަ ގެންގޮސްފައި ބުނުއްވީ ޝަރުތު އަނެއްހެން ހަމަވެފައޭ އިނީ، އެކަމަކު ވަޒީފާއެއްގައި ނޫޅޭތީ، ލާރި ދެއްކޭނެ ގޮތެއް ނޯންނާނެއެއްނޫން ހެއްޔޭ، ދެން ޔާމީނު އިރުގައިވެސް ލިން، އެކަމަކު އެކޮޅަކުން ނުވެސް ގުޅާ، ހަބަރެއް ވެސް ނުވެ ހުއްޓާ ވެރިކަން ބަދަލުވީ،" ޝާޒްނާ ކިޔައިދިނެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ މީހަކާ އިނީއްސުރެ ވެސް ބޯހިޔާވަހިކަމަށް އެދި ސަލާންޖަހަމުންދިޔަ ކަމަށާއި އަބަދުވެސް ހުރަހަކަށްވީ ސަރުކާރުތަކުން އެކުލަވައިލާ ޝަރުތުތަކާއި އުސޫލުތަކުގެ އިތުރުން އޭނާގެ ނިކަމެތިކަން ކަމަށެވެ.

އެ ނިކަމެތިކަމުގެ ސަބަބުން އެ ދެމަފިރިންނަށް ހަމަނިދި ނުލިބޭތާ ވެސް އެތައް އަހަރެއް ފާއިތުވެފައިވާ ކަމަށް އިއްސެ ބުންޏެވެ. އޭނާ ބުނީ ގިނަ ދުވަސްދުވަހު އޮފީސް ނިންމާފައި ގެއަށް ގޮސް ވެސް ނިދާނެ ތަންކޮޅެއް ނުލިބިގެން ހަމަނިދި ނުލިބިފައި ހުންނަ ކަމަށެވެ.

"ގިނަފަހަރު އެބަ ހުންނަން އޮފީސް ނިންމާފައި އައިސް ނުނިދާ، ތަންކޮޅެއް ނެތިގެން، އަނެއްދުވަހު އޮފީހަށް ދަނީ ވެސް ނުނިދާ ހުރެ،" އެސްޓީއޯގައި ސެކިއުރިޓީއެއްގެ މަގާމު ފުރަމުންދާ އިއްސެ ބުންޏެވެ.

އޭނާ ބުނީ މިނޫން ދުވަހެއް، ދުށުން އެއީ ދެކޭ ހުވަފެނެއް ކަމަށާއި އޭނާ ގަބޫލު ކުރަނީ އަމިއްލަ ތަނެއް ލިބުން އެއީ ދުނިޔެ މަތީގެ ސުވަރުގެ ލިބުންފަދަ ކަމެއް ކަމަށެވެ.

"އެއީ [އަޅުގަނޑުމެން ބޭނުން] އަޅުގަނޑުމެންގެ އަނބިދަރިން ރަނގަޅަށް ގޮވައިގެން އުޅެން، މިތިބަ ދަރިންނަށް ވަކިން ކޮޓަރި ލިބި، ދަރިން ހިތްހަމަޖެހި، އެކުދިން ބޭނުންވާ ކަންކަން ކުރެވެން،" ކޮޓަރި ތެރޭގައި ތިބި ކުދިންނަށް ނަޒަރު ހިންގާލަމުން އިއްސެ ބުނެލި އެވެ.

"ކީކޭތޯ ބުނާނީ، އަސްލު ގޯތި ލިބިއްޖެއްޔާ ކުރެވޭނެ އިހުސާސް އަޅުގަނޑުމެންނަކަށް ބަޔާންކޮށްދޭކަށް ނޭނގެ،"

ނިކަމެތިކަމުގެ މައްޗަށް ދަރަނީގެ ހިޔަނި

ޝާޒްނާގެ ބަލި ހާލަތު ހުރި ގޮތުންނާއި، ތުއްތު ކުއްޖަކު ގޮވައިގެން އެ ހާލުގައި އުޅެންޖެހުން އެއީ އިއްސެގެ ލަގޮނޑިއަށް ކެތްވާވަރުގެ ކަމަކަށް ނުވި އެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދުމަށްޓަކައި އޭނާ ހިޔާރު ކުރީ ސްކީމެއްގެ ދަށުން މުދާ ގަތުމަށެވެ. ގެއަށް ކޮންމެހެން ބޭނުންވާ ބައެއް ސާމާނު ގަތުމަށް އޭނާ ނިންމީ އިސްލާމިކް ބޭންކު މެދުވެރިކޮށެވެ.

"ގޭތެރެއިން ތިފެންނަ ހުރިހާ އެއްޗެއްސަކީ ވެސް އިސްލާމިކް ބޭންކު މެދުވެރިކޮށް ނަގާފައި ހުރި ތަކެތި،" ފާރުގައި ހަރުކޮށްފައި ހުރި އޭސީއާއި ރައިސް ކުކަރާއި އައިސް އަލަމާރިއަށް އިޝާރާތް ކުރަމުން އިއްސެ ބުންޏެވެ.

ނަމަވެސް އޭސީން ޖެހުނު ފިނިވައިގައި ހިތްހަމަޖެހިގެން އެ ދެމަފިރިންނަށް ނިދާލެވުނީ މަދު ދުވަސްކޮޅަކަށެވެ. ކޮވިޑުގެ ވަބާއާ ކުރިމަތިލާން ޖެހުނީ އެ ދަރަނި ބޮލުގައި އެޅިފައި އޮށްވަ އެވެ.

އިއްސެއަކީ ހަމައެކަނި އެސްޓީއޯއިން ލިބޭ އާމްދަނީއަށް ބަރޯސާގެން ދިރިއުޅޭ މީހަކަށް ނުވާތީ، ވަޒީފާގެ އިތުރުން އޭނާ ކުރަމުން އައި ކަރަންޓުގެ މަސައްކަތް ކޮވިޑާ އެކު ހުއްޓުނެވެ.

"ދެން އޭރު ނެތް ފައިސާ ލިބޭނެ އިތުރު ގޮތެއް، އެހެންވެ މަޖުބޫރުވީ ލޯނެއް ނަގަން،" ދަރަނީގެ ސަބަބުން ނިކަމެތިކަން އިތުރުވި ގޮތް އޭނާ ކިޔައިދިނެވެ.

ތާރީހު ދެކެފައި ނުވާވަރުގެ ބޮޑު އިގުތިސާދީ ރާޅަކާ ދުނިޔެ ކުރިމަތިލީއިރު، އިއްސެގެ ދެމަފިރިން އޭރުވެސް ދިޔައީ ދަރަނީގެ ކަނޑެއްގައި ފަތަމުންނެވެ. އެހެނަސް އެ ރާޅުން ސަލާމަތްވެ ހަމަ ނޭވައެއް ލުމަށްޓަކައި ހިކިފަސް ހޯދަން އިއްސެއަށް ކޮންމެހެން މަޖުބޫރުވީ އެވެ.

ބޭންކު އޮފް މޯލްޑިވްސްއިން 50،000ރ. ގެ ލޯނެއް އޭނާ ނެގީ އެ ނޫންގޮތެއް އެވަގުތު ނެތިގެންނެވެ. ނަމަވެސް އެ ލޯނުވީ ރިހޭ ފައިމައްޗަށް ވެއްޓުނު ފޮޔަކަށެވެ.

ކޮވިޑުގެ ރާޅަށްފަހު މަޑުމަޑުން ދުނިޔެ ހަމައަކަށްއެޅެމުން ދިޔައިރު، އިއްސެގެ ދެމަފިރިންގެ މާލިއްޔަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. ލޯނަށާއި ސްކީމަށް ފައިސާ ކަނޑަން ފެށުމުން ގޭގައި ކައިބޮއެ އުޅެވޭވަރު ކިރިޔާ ކޮށްލައިގެން ވެސް ކަރަންޓާ ފެނަށް ފައިސާ ދެއްކޭވަރު ނުވާން ފެށީ އެވެ.

ކަންކަން ގޯހުން ގޯހަށް ދަމުންދަމުން ގޮސް އެންމެފަހުން ގެއިން ފެން ވެސް ކަނޑައިލީ އެވެ. އެކަންވީ އެމީހުންގެ ދިރިއުޅުމަށް އެރި ވަރުގަދަ ތޫފާނަކަށެވެ. ބަލި ހާލަތު ހުރިގޮތުން ތެދުވެ ނޫޅެވޭ މަންމައާއި ބައްޕަގެ ހާލަތު އިހުނަަށް ވުރެ ގޯސްވި އިރު ޝާޒްނާގެ ބަލި ވެސްވީ އިތުރަށް ބޮޑެވެ.

"ވާގޮތަކީ ހޫނު ގަދަވީމަ އަދި އަޅުގަނޑަށް ވަރަށް އުނދަގޫ މިތަނުގައި އުޅެން، ވަރަށް ހާސްވޭ،" ބެދިފައި ހުރި ކޮޓަރީގެ ތެރޭގައި އިނދެ ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ޝާޒްނާ ބުންޏެވެ.

އެކަންކަމަށް ހައްލެއް ހޯދުމަށްޓަކައި އެކި ފަރާތްތަކަށް އެހީއަށް އެދި ހުށަހެޅައިގެން ވެސް އެ ދެމަފިރިންނަކަށް ހައްލެއް ނުލިބުނެވެ. އޭރު ރަމަޟާން މަސް ބޯމަތިވެފައި އޮތުމާއެކު އިއްސެ ދެން މަސައްކަތް ކުރީ މީސްމީޑިއާގައި އެވާހަކަތައް ހިއްސާ ކޮށްގެން އަލިމަގެއް ފެނޭތޯ އެވެ. އެގޮތުން އޭނާ ޓުވިޓަރަށް ދޫކޮށްލި މެސެޖާ އެކު ރައީސް ސޯލިހުގެ އެންގެވުމުގެ މަތިން، ރައީސް އޮފީހުން އިއްސެއަށް ފޯނުކޯލެއް އައެވެ.

ޝާޒްނާ އަދި އިއްސެ. ގޯތި ލިބުނުކަން ޔަގީންކުރާނީ ރަސްމީކޮށް އެކަން ހަވާލުކުރުމުން ކަމަށް ބުނި --- ފޮޓޯ: މިރާން ނާޝިމް/އަދަދު
ޝާޒްނާ އަދި އިއްސެ. ގޯތި ލިބުނުކަން ޔަގީންކުރާނީ ރަސްމީކޮށް އެކަން ހަވާލުކުރުމުން ކަމަށް ބުނި --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ޝާޒްނާ އަދި އިއްސެ. ގޯތި ލިބުނުކަން ޔަގީންކުރާނީ ރަސްމީކޮށް އެކަން ހަވާލުކުރުމުން ކަމަށް ބުނި --- ފޮޓޯ: މިރާން ނާޝިމް/އަދަދު

"ރައީސް އޮފީހުން އަޅަގަނޑުމެންނަށް ގުޅީ، ގުޅާފައި ބުނީ ރަމަޟާން މަސް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ ފެން ލިބޭނޭ، މާދަން ގޮސް އެމްޑަބްލިއުއެސްސީގެ އެމްޑީއާ ބައްދަލު ކުރާށޭ، ދެން އަޅުގަނޑުމެން އެމްޑީއާ ބައްދަލު ކުރީމާ، ބުނީ ހަމަޖައްސާފައި އިންނާނީ މިހާރު ހަމަޖައްސާފައި އިން ވަރުން، ކޮންމެ މަހަކު 3000ރ. ކެނޑޭ ގޮތަށް،" އޭނާ ބުންޏެވެ.

އޭރު ކަރަންޓު ބިލުތަކަށް ވެސް އެތައް ފައިސާއެއް އަރާފައި އޮތުމުން އެކަމަށް ވެސް ހައްލެއް ހޯދުމަށްޓަކައި ސްޓެލްކޯއަށް ގޮސް އެތައް ވާހައެއް ދައްކައިގެން އެތަނުން ވެސް އެމީހުންނަށް ބިލު ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދިނެވެ.

"ފެނަށް 3000ރ. ކަރަންޓަށް 2175ރ. ޕްލަސް، ފެނާއި ކަރަންޓު ބޭނުންކޮށްގެން އެ އަރާ އަދަދެއް ވެސް ދައްކަންޖެހޭ، އަޅުގަނޑުގެ މުސާރައަކީ ގާތްގަނޑަކަށް 13 ވަރަކަށް ހާސް ރުދިޔާ، [ލޯނަށް ކަނޑާފައި] އަތަށް މި ލިބެނީ ގާތްގަނޑަކަށް ނުވަ ވަރަކަށް ހާސް ރުފިޔާ، ފެނާ ކަރަންޓަށާ އެއްކޮށް އަތުން އެބަދޭ ހަހާސް ހަތް ހާސް ރުފިިޔާ، ދެން ގޭތެރޭގައި ކާންބޯކަށް އެއްޗެއްސެއް ނުހޯދޭ،" މޮޅިވެރި ރާގުގައި އޭނާ ކިޔައިދެމުންދިޔަ އެވެ.

"ގިނަފަހަރު މި ތިބެނީ ދުވާލަކު އެއްއިރު ކައިގެން، އަނެއް ދެއިރު ނުކައި، މިދިޔަ ރަމަޟާން މަސް ވެސް އަޅުގަނޑުމެން ހޭދަކުރީ ބަތާއި ރިހާކުރާއި ދޯބުރާލި ހަކުރާ ކައިގެން،" ދަރަނީގެ ސަބަބުން ކުރިމަތިލާން ޖެހުނު ހިތްދަތިކަމުގެ ވާހަކަ އަސަރާއެކު އިއްސެ ކިޔައިދިނެވެ.

ބިންވެރިޔާ ސްކީމުން އުއްމީދުގެ ހުޅުކޮޅެއް

މި ހުރިހާ ދުވަހު އެ ހިތްދަތިކަމާއި ނިކަމެތިކަމުގައި އުޅެމުން އައި ނަމަވެސް މިއަދު އެ ދެމަފިރިންނަށް ވަނީ ހިތްހަމަޖެހުމެއް ލިބޭނެ ކަމުގެ އުއްމީދެއް އާވެފަ އެވެ. ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އިއުލާނު ކުރި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ޝާޒްނާގެ ނަން އެބަ އޮތެވެ.

"އެކަމާ އަޅުގަނޑު ވަރަށް އުފާވޭ، ގޯތި ލިބޭތީ، މި ސަރުކާރުން އަޅުގަނޑުމެން ނިކަމެތި ބައެއް ކަމަށް ބަލާފައި ގޯތި ދޭތީ،" ޝާޒްނާ ބުންޏެވެ.

ނަމަވެސް, މީގެ ކުރިން ކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު، ގޯތި ލިބޭނެކަން ޔަގީން ކުރާނީ ރަސްމީކޮށް އެތަން ހަވާލު ކުރުމުން ކަމަށް އިއްސެ ބުންޏެވެ.

"ހިތްހަމަޖެހުނު އަދި އުފާވެސްވި، އަޅުގަނޑުމެން މިއުޅޭ ގޮތް ބަލައިގަނެ، އެކަން ގަބޫލުކޮށް ގޯތި ދޭން ނިންމުމުން، އެކަމަކު ސަތޭކަ ޕަސެންޓު ޔަގީން ވާނީ އަތަށް ލިބުނީމަ، މީގެ ކުރިންވެސް ހުރިހާ ފަހަރެއްގައި ވެސް ދެއްކީ ހުވަފެން،" އޭނާ ބުންޏެވެ.

އިއްސެ ބުނީ މިފަހަރު އެކަން އެގޮތަށް ނުވާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށާއި ވެދެއްވި އެހީތެރިކަމަށް ސަރުކާރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.

އިއްސެ އާއި ޝާޒްނާ ފަދަ މާލޭގެ އެތައް އާއިލާއަކަށް މި ތާރީހީ ބުރުގައި ގޯތި ލިބުނެވެ. އެ އެންމެން ވެސް ތިބީ ނޭވާ ލާން ބޮޑު ކޯމަސް ފެންމައްޗަށް ތިލަވާހެން، ހަމަ ނޭވާއެއް ލާން ގެއިން ބޭރަށް ނުކުންނަންޖެހޭ ނިކުތުން ނިމުމަކަށް އަންނާތީ އެކަމާ އުފަލުންނެވެ. މިއީ އޭގެ ތެރެއިން އެންމެ އާއިލާއެއްގެ ޝުއޫރެވެ.

މުހައްމަދު ޝަހްޒާން

ޖާނަލިސްޓު

މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox