ފައިވް ނޭޝަންސް ކަޕްގައި ގައުމީ ބާސްކެޓް ޓީމުގެ ޓާގެޓަކީ "އެއް ވަނަ"

Jun 14, 2023, 3:26 AM
ގައުމީ ބާސްކެޓްބޯޅަ ޓީމުން ފައިވް ނޭޝަންސް ކަޕަށް ބޭއްވި އެންމެ ފަހުގެ ފަަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބާސްކެޓްބޯޅަ ޓީމުން ފައިވް ނޭޝަންސް ކަޕަށް ބޭއްވި އެންމެ ފަހުގެ ފަަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު މާލޭގައި ފަށާ ފައިވް ނޭޝަންސް ކަޕްގައި ވާދަކުރާއިރު، ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ޓާގެޓަކީ އެއް ވަނަ ހޯދުން ކަމަށް ޓީމުގެ ކެޕްޓަން، އަހުމަދު ޒަބީރު (ޒަބީ) ބުނެފި އެވެ.

މި މަހު 22 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުރިއަށްދާ ފައިވް ނޭޝަންސް ކަޕްގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ޕާކިސްތާން، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

މުބާރާތް ލޯންޗްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކެޕްޓަން، ޒަބީ ބުނީ މިއީ 2017 ވަނަ އަހަރުގެ ފަހުން އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތެއްގައި ކުޅެލަން ލިބޭ ފުރަތަމަ ފަހަރު ކަމަށާއި އެހެންވެ، އެކަމާ މެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"އަސްލު ރާއްޖޭ ފަސްގަނޑުގައި ކުޅެލަން ލިބުމަކީ ދިވެހި ސަޕޯޓަރުންނާއި ބާސްކެޓަށް ލޯބިކުރާ މީހުން ކުރިމަތީގައި ކުޅެލަން ލިބުމަކީ ވަރަށް ކިކު ލިބޭ ކަހަލަ ކަމެއް ގައުމީ ޖޯޝުގައި،" ޒަބީ ބުންޏެވެ.

"ޓާގެޓަކީ ހަމަ އެއް ވަނަ. އަޅުގަނޑުމެން، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް މި ތިން ޓީމާ ފްރީކުއެންޓްކޮށް ކުޅެ ބަލިވެސް ކޮށްފައި އޮންނާނީ ދެން ޕާކިސްތާނާ ކުޅެލަން އަޅުގަނޑުމެންނަށް ނުލިބޭ ޗާންސެއް، އެކަމަކު، ތަންކޮޅެއް ކުރީ ޒަމާނުގައި ކުޅެފައި އޮތީ، ދެން ވަރަށް ކޮމްޕެޓިޓިވްވާނެ. ވަރަށް އެއްވަރެއްގެ ޓީމުތަކެއް މި އުޅެނީ،"

ޒަބީ ބުނީ ސާބިއާގެ ކޯޗު/ޓެކްނިކަލް އެޑްވައިޒަރު، ނިމާންޏާ ޖެޑޯވްގެ އިރުޝާދުގެ ދަށުން ދިވެހި ދެ ކޯޗުން ކަމަށްވާ މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒީލް (އޮލިމްޕިކް)އާ އެކު ޓްރެއިނިންތައް ފެށީ މާޗް ހިސާބުގައި ކަމަށާއި މިހާތަނަށް އައިއިރު، ގިނަ ކަންކަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޒަބީ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެ ގޮތުން، އެންމެ ބޮޑަށް ކުރިއެރުން ފާހަގަވެގެންދިޔައީ މި ފަހުން އިންޑިއާގެ ބެންގަލޫރުގެ ޕަޑުކޯން ޑްރާވިޑް ހައި ޕާފޯމަންސް ސެންޓަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަން ލިބިގެންދިޔަ ފުރުސަތުގައި ކަމަށެވެ.

"ބެންގަލޫރު ވާނީ މި ސަރަަަހައްދެއް ނޫން، އަޅުގަނޑު ޗައިނާ އަށް ވެސް ދިޔައިން. ޓްރެއިނިން ކޭމްޕަކަށް ވުރެ ފެސިލިޓީސް ވަރަށް ރަނގަޅު ކޮމްޕްލީޓް ބާސްކެޓްބޯލް އަށް ސްޕެޝަލައިޒް ޓްރެއިނިން ސެންޓަރެއް އެއީ، ރިކަވަރީ އާއި ރިހެބް ބަޔާ އެއްކޮށް ލިބުނީމަ ހުރިހާ ކުދިންގެ ވެސް ހުރިހާ އެއްޗެއް އިމްޕްރޫވްވެއްޖެ، ގޭމް ވައިސް ކޮށް އަދި އިންޑިވިޖުއަލް ވައިސްކޮށް ވެސް،" ޒަބީ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ، މިދިޔަ ކޭމްޕަށް ފަހު ވަރަށް ފުރިހަމަ ޔަގީންކަމެއް އެބައޮތް. ދެން ހެޑް ކޯޗު (ނިމާންޏާ) ބުނިގޮތަށް އަޅުގަނޑުމެން މާގިނަ ވާހަކައެއް ނުދައްކައި އިރާދަކުރެއްވިއްޔާ ކޯޓުން ދައްކަން ބޭނުމީ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިލާ އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ޒަމާނީ މޮޑެލަށް ބަދަލުވަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި، ފެނިގެންދާނީ ވަރަށް ތަފާތު ބާސްކެޓެއް ކުޅޭ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެ އަށް އިޝާރާތްކޮށް ޒަބީ ވެސް ވަނީ ރާއްޖޭގައި މިހާރު އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ހުނަރަށް ތައުރީފުކޮށްފަ އެވެ.

"އަސްލު މިހާރު ވަރަށް ޔަންގް (ޒުވާން) ކުދިން އެބައާދޭ އިމްޕްރޫވްވަމުން، ކޮންމެ ކުޅިވަރެއްގައި ވެސް ރާއްޖެ ވާނެ ޓެލެންޓް (ހުނަރު) ވައިސް ކޮށް ކުދިން އަންނަ މޮޅު ބަޔަކަށް އެކަމަކު މިހާރު ބާސްކެޓަށް ބަލާއިރު، ފިޒީކް ވައިސްކޮށް ވެސް ބޮޑުބިޔަ ބާސްކެޓަށް ރަނގަޅު ކުދިން އެބަ ލިބޭ. އެހެންވީމަ މި ކޭމްޕުން (ބެންގަލޫރު ކޭމްޕުން) ވެސް އަޅުގަނޑު ފާހަގަކުރާނީ މި ރިވޮލޫޝަން (އިންގިލާބީ ބަދަލު) ރަނގަޅު އެއްޗަކަށްވާނެއޭ،" ފަަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ލީޑުކުރުމުގައި ތަފާތު ދައްކަމުން އަންނަ ޒަބީ ބުންޏެވެ.

ފައިވް ނޭޝަންސް ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ 20:30 ގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ބޫޓާނާ ބައްދަލުކުރުމަށް ފަހު، ދެން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ލީގު އުސޫލުން ކުޅޭ ބުރުގެ ފަހު މެޗުގައި ރާއްޖޭން ކުޅެން ޖެހޭނީ ނޭޕާލާ އެވެ.

ލީގު ބުރުން ފުލަށްދާ ޓީމެއް މުބާރާތުން ކަޓާގޮތަށް ފޯމެޓް ރޭވިފައިވާއިރު، މި މަހު 20 ވަނަ ދުވަހު ސެމީ ފައިނަލް ދެ މެޗު ކުޅޭނެ އެވެ. އެ އަށް ފަހު، ސެމީން މޮޅުވާ ދެ ޓީމެއްގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހު 22 ވަނަ ދުވަހުގެ ރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox