މެޑްރިޑް (ޖޫން 11) - ޕީއެސްޖީގެ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ގެންނާނެ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
އެމްބާޕޭ އަކީ ރެއާލް މެޑްރިޑުން މިދިޔަ ތިން ސީޒަނުގައި ވެސް އެ ކުލަބަށް ގެންނަން ބޭނުންވި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނަށް ފަހު އެމްބާޕޭ ރެއާލަށް ދާނެކަމަށް ބެލެވުނު ނަމަވެސް ފަހު ވަގުތު އެމްބާޕޭ ވަނީ އޭނާގެ ކޮންޓްރެކްޓް އާކޮށް 2025 އާ ހަމައަށް ޕީއެސްޖީގައި މަޑުކުރަން ނިންމައިފަ އެވެ.
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ރެއާލްގެ ރައީސް އެމްބާޕޭއާ މެދު ހިތްހަމަނުޖެހިގެން ދެއްކި ވާހަކަތަކެވެ.
ރެއާލް އަށް ދާނެ ކަމަށް ބުނެ ޓްރާންސްފާގެ ގިނަ ކަންތައްތަކެއް ފުރިހަމަވެފައިވަނިކޮށް ޕީއެސްޖީގައި އެމްބާޕޭ މަޑުކުރީ އެހެން ބައެއްގެ ނުފޫޒު ވަދެގެން ކަމަށް ވެސް ޕެރޭޒް އޭރު ތުހުމަތު ކުރެއްވި އެވެ.
އެމްބާޕޭގެ ހަބަރުތައް ކިޔަން ވެސް ބޭނުންނުވާ ކަމަށް ވިދާޅުވި ޕެރޭޒް ދާދިފަހުން ވަނީ އެމްބާޕޭ އެ ކުލަބަށް ގެންނާނެކަމަށް ހާމަކޮށްފަ އެވެ.
ރެއާލްގެ ސަޕޯޓަރަކު އެމްބާޕޭއާ ގުޅޭގޮތުން ސުވާލުކުރުމުން ޕެރޭޒް ބުނެފައިވަނީ ރެއާލް އިން ފްރާންސްގެ ފޯވާޑް ގަންނާނެކަމަށެވެ.
"އާނ، އެންބާޕޭ ގެންނާނަން! އެކަމަކު މި އަހަރަކު ނޫން،"
އެމްބާޕޭގެ ވާހަކަތައް ފެށިފައި މިވަނީ ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ އެކުލަބު ދޫކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ. އަނެއްކޮޅުން އެޑެން ހަޒާޑު ވެސް ވަނީ މި ސީޒަނަށް ފަހު ރެއާލް ދޫކޮށްލާފަ އެވެ. އެހެންކަމުން މި ދަނޑިވަޅުގައި ރެއާލް އިން އެޓޭކަށް ކުޅޭ ކުޅުންތެރިން ގަތުން ގާތް ކަމަށް ބެލެވެ އެވެ.
ޕެރޭޒް އަކީ ރެއާލްގެ ޓްރާންސްފާ ތަކުގައި އަބަދުވެސް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތެވެ. އެ ގޮތުން އެ ކުލަބަށް ގެންނަ ކުޅުންތެރިން ނިންމުމުގައި އޭނާގެ ބޮޑު ހިއްސާއެއް އޮވެ އެވެ.
ރެއާލް މެޑްރިޑަކީ 2000 ވަަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އެންމެ ގިނައިން ގަތް ކުލަބެވެ. ރެކޯޑު އަގުތަކަށް ކުޅުންތެރިން ގެނެސް ދުނިޔޭގެ އެންމެ މަގުބޫލު ކުލަބުގެ ގޮތުގައިވެސް މިވަގުތު އޮތީ ރެއާލް އެވެ.
އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް، 19، ބޮޑު އަގުގައި ރެއާލަށް ބަދަލުވާން ވަނީ އެއްބަސްވެފަ އެެވެ.












