މެޑްރިޑް (ޖޫން 7) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ހުނަރުވެރި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް، ރެއާލް މެޑްރިޑަށް ސޮއިކުރާއިރު، އޭނާގެ ޖުމްލަ އަގު އެއްކޮށް 130 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތްކަން ހާމަވެއްޖެ އެވެ.
ޑިމާންޑް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ބެލިންހަމް، 19، ގަންނަން ރެއާލުން އެންމެ ފުރަތަމަ ދައްކާނީ 110 މިލިއަން ޑޮލަރު އެވެ. ބެލިންހަމް އަކީ އެޑެން ހަޒާޑަށް ފަހު ރެއާލުން އެންމެ ބޮޑު އަގުގައި ގަންނާނެ ކުޅުންތެރިޔާ އެވެ.
މި މަހު ފަހުކޮޅު 20 އަހަރު ފުރޭ ބެލިންހަމްގެ ސޮއި ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، ރެއާލްގެ އޮފާ ލިބުމާ އެކު، ބެލިންހަމް ނިންމީ ދުނިޔޭގެ އޮތް އެންމެ ކާމިޔާބު ޓީމާ އެކު ކުރިއަށް ދިއުމަށެވެ.
އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ހުރި، ބެލިންހަމް ވަނީ ގަތަރުގައި މިދިޔަ އަހަރު ފަހުކޮޅުގައި ނިމުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް އިންގްލެންޑް ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ބާމިންހަމް ސިޓީ ދޫކޮށް 2020 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ބެލިންހަމް ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ޑޯޓްމަންޑްގެ ކެޕްޓަންކަން ކޮށް އެ ޓީމުގެ ތާރީހުން ޖާގަ ހޯދައިފަ އެވެ. ބެލިންހަމް އަކީ ޑޯޓްމަންޑްގެ ކެޕްޓަން ކަން ކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާ އެވެ.
ހަނި ގޮތަކަށް ފަހުވަގުތު ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ގެއްލިގެންދިޔަ ޑޯޓްމަންޑް ޓީމަށް މި ފަަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ބެލިންހަމް ވަނީ 42 މެޗު ކުޅެ، 14 ގޯލު ޖަހައި، ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












