މެޑްރިޑް (މެއި 24) - ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް، ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކުރާ މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އެ ގޮތުން، ހައްޔަރުކުރި އެކަކަކީ ސްޕެނިޝް ލީގުގައި މި ހަފްތާގައި ވެލެންސިއާ އިން ރެއާލް މެޑްރިޑް ބަލިކުރި މެޗުގެ ތެރެއިން ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރި ކަަމަށް ތުހުމަތުކުރެވޭ 22 އަހަރުގެ މީހެކެވެ.
ރެއާލަށް 2018 ވަނަ އަހަރު ބްރެޒިލް ދޫކޮށް ސްޕެއިންގެ ރެއާލަށް ބަދަލުވި ވިނީޝިއުސްއާ އެކި ފަހަރު މަތިން ސްޕެއިނުގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކޮށްފައިވާއިރު، މި ފަހަރު ވެލެންސިއާ މެޗުގައި ދިމާވި، މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އެ ގޮތުން، ވިނީޝިއުސް އަށް ނިސްބަތްކޮށް، ވެލެންސިއާ ސަޕޯޓަރުންގެ ގިނަ ބަޔަކު، ވަނީ "ރާމާމަކުނުގެ އަޑު" ލައްވައިފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ވިނީޝިއުސް މެޗުގެ ތެރެއިން ރެފްރީގެ ސަމާލުކަމަށް ވެސް އެކަން ގެނަ އެވެ. އެހެން ނަމަވެސް، އެކަށީގެންވާ ފިޔަވަޅެއް ނޭޅި އެކަން ކުރިއަށްދިޔައީ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވިނީޝިއުސް ރުޅި އައިސް، ކުޅުންތެރިއަކަށް ބޯޅަ ނެތިސް ހަމަލާ ދިނުމުން ވަނީ ރަތް ކާޑެއް ދައްކައިފަ އެެވެ.
ސްޕެނިޝް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބަލައި، މިހާރު ނިންމާފައިވަނީ ވިނީިޝިއުސްގެ އެ ރަތް ކާޑަށް ފަހު ސަސްޕެންޝަނެއް ނުދިނުމަށެވެ.
އެ މެޗަށް ފަހު ވިނީޝިއުސް ވަނީ ސްޕެނިޝް ލީގާއި ސްޕެއިނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މިދިޔަ ދެތިން ސީޒަނެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައިގައި ވެލެންސިއާ ސަަރަހައްދުން ވަނީ ޒުވާން ތިން ފިރިހެން ކުދިން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި ކުޑަކުދިން ދޫކޮށްލާފައިވަނީ، ބޭނުންވާ ކޮންމެ ހިނދެއްގައި ކޯޓަށް ނޫނީ ފުލުހަށް ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށްފަ އެވެ.
މީގެ އިތުރުން، މި ފަދަ މައްސަލައެއްގައި މެޑްރިޑުން މި އަހަރުގެ ކުރީކޮޅުގައި އިތުރު ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ވިނީޝިއުސްގެ ޖޯޒީގައި ހުރެ ނަސްލީ ތަފާތުކުރުމާ ގުޅޭ ހަރަކާތްތަކެއް ހިންގައިފައިވާތީ އެވެ.
ނަސްލީ ގޮތުން ވިނީޝިއުސްއާ ދިމާކުރާ މައްސަލައިގައި އޭނާއާ އެކު ހުރިކަން ދައްކުވައިދޭން ގިނަ ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. އެ ގޮތުން ރެއާލްގެ ކެޕްޓަން، ކަރިމް ބެންޒެމާ އާއި ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހިމެނެ އެވެ.












