ރެކޯޑު މުގުރަމުން އަހުނާ އާއި ލަޔާނާ ދިނީ ވަރުގަދަ މެސެޖެއް

އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން އަހުނާ (ކ) އާއި ލަޔާނާ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން އަހުނާ (ކ) އާއި ލަޔާނާ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަކީ އަބަދު ވެސް ޒުވާން އުއްމީދީ ތަރިންތަކެއް ފެންނަ މުބާރާތެކެވެ. އަނެއްކޮޅު މި މުބާރާތަކީ ޖޫނިއާ ލެވެލްގައި އެތުލީޓުން ހޯދަމުން އަންނަ ކުރިއެރުން ފާހަގުރެވޭ މުބާރާތެވެ. މި ވަގުތު ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އިންޓަ ސްކޫލް މުބާރާތްތަކުން ވިދާލި އުއްމީދީ ދުވުންތެރިންނެވެ.

މިދިޔަ ހުކުރު ދުވަހު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ނަތިޖާތަކަށް ބަލާއިރު ވެސް އެތުުލީޓުންގެ ކުރިއެރުން ފެނުނެވެ. ވަކިން ހާއްސަކޮށް ދިގު މުއްދަތުގެ ތަމްރީންތައް ހަދަމުން އަންނަ ގައުމީ ސްކޮޑުގެ އެތުލީޓުން ފެނުނީ ތަފާތު ފޯމެއްގައ އެވެ. ކޮންމެ އިވެންޓެއްގައި ކަހަލަ ގޮތަކަށް ރެކޯޑުތައް ހެދި އެވެ. މި ދުވުންތެރިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އަންހެން ދެ އެތުލީޓުން ކަމަށްވާ ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު އާއި ދާންދޫ ސްކޫލްގެ އާމިނަތު ލަޔާނާ އިބްރާހިމް އެވެ.

އަހުނާ އާއި ލަޔާނާގެ ކުރިއެރުން ފާހަގަކުރަން ޖެހޭ ސަބަބުތައް ގިނަ އެވެ. އެންމެ މުހިންމު ސަބަބަކީ ދެ އެތުލީޓުންނަކީ މި އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަމުން އަންނަ ދެ އެތުލީޓުންނަށް ވެފައި، އެ މުބާރާތުގެ ކުރިން އެތުލީޓުންގެ ފެންވަރު ބަލާލަން ލިބުމެވެ.

މިދިޔަ ހަތަރު އަހަރު އެތުލެޓިކްސް އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންނަ އޮގަސްޓް މަހު މަޑަގަސްކަރައިިގައި އޮންނަ އައިއޯއައިޖީ އިން މެޑަލްތަކެއް ހޯދުމެވެ. އެންމެ މުހިންމު ކަމަކަށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ އަންހެން މެޑަލް ހޯދުމަށެވެ. މިކަން ހާސިލްކުރުމަށް މިދިޔަ ދެ އަހަރު އެސޯސިއޭޝަނުން ވަނީ އަންހެން ސްޕްރިންޓަރުންނަށް ގިނަ މުބާރާތްތަކަކުން ފުރުސަތުތައް ހޯދައިދީީ ތަމްރީންތަކެއްވެސް ފަހިކޮށްދީފަ އެވެ.

އަހުނާ އާއި ލަޔާނާއަކީ ވެސް ގައުމީ ސްޕްރިންޓް ޓީމްގެ ދެ މެންބަރުންނެވެ. މި ވަގުތު 100 މީޓަރު ދުވުމުން ގައުމީ ޖޫނިއާ ރެކޯޑު އޮތް އަހުނާ ވަނީ އިންޓަ ސްކޫލް މުބާރާތުގައި ހަތަރު ރެކޯޑެއް ހަދައިފަ އެވެ. އޭގެ ތެރޭގައި ގައުމީ ރެކޯޑެއް ވެސް ހިމެނެ އެވެ. ގައުމީ ރެކޯޑު އޭނާ ހެދީ އަންހެން ކުދިންގެ ޓްރިޕަލް ޖަމްޕުންނެވެ. ދެން އޭނާ ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ސްކޫލް ރެކޯޑު ހަދައިފަ އެވެ. އޭގެ އިތުރުން، 100 މީޓަރު ދުވުމުގެ ރެކޯޑު މި މުބާރާތުގައި ދެ ފަހަރަށް އޭނާ ހެދި އެވެ. ފުރަތަމަ ޕްރިލިމިނަރީ ހީޓުގަ އެވެ. އޭގެ ފަހުން ފައިނަލުގަ އެވެ.

ދެން އޮތީ ލަޔާނާގެ ވާހަކަ އެވެ. އެ ގޮތުން، 20 އަހަރުން ދަށުގެ ބައިގައި ވާދަކޮށް ލަޔާނާ ވެސް ދެ ރެކޯޑެއް ހެދި އެވެ. އެ އުމުރުފުރާގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ މީޓު ރެކޯޑަކާ އެކުގަ އެވެ. މީގެ އިތުރުން، 400 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދީ ރެކޯޑަކާއިއެކުގަ އެވެ. އަދި 200 މީޓަރު ދުވުމުންވެސް ރަން މެޑަލް ހޯދީ ލަޔާނާ އެވެ.

މިދިޔަ މާޗު މަހު ކުރިއަށްދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައިވެސް މި ދުވުންތެރިން ދުވި އެވެ. އެ މުބާރާތުގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ އަހުނާ އެވެ. އެފަހަރު 100 މީޓަރު ދުވުމުގައި އަހުނާގެ ޓައިމިން އަކީ 12.72 ސިކުންތެވެ. ސްކޫލް މުބާރާތުގައިވެސް އޭނާ ރޭސް ނިންމީ ހަމަ މި ޓައިމިންގަ އެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ލަޔާނާގެ 100 މީޓަރުގެ ދުވުން ނިންމީ 13.20 ސިކުންތުންނެވެ. ސްކޫލް މުބާރާތުގައި އޭނާގެ ޓައިމިން އަކީ 12.99 ސިކުންތެވެ.

އައިއޯއައިޖީ އަށް އެކުލަވާލި ގައުމީ ސްކޮޑުގައި ހިމެނޭ ގިނަ ދުވުންތެރިން މި އަހަރުގެ ކުރީކޮޅުން ފެށިގެން ތަމްރީން ހަދަމުން އަންނަނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް ލަޔާނާ އާއި އަހުނާ ތަމްރީން ހަދަމުން އައީ ރާއްޖޭގަ އެވެ. އެހެންކަމުން މި ވަގުތު ދެ އެތުލީޓުން ވެސް ތިބީ ރަނގަޅު ފެންވަރެއްގަ އެވެ. އައިއޯއައިޖީގެ ކުރިން ބޭރުގެ ތަމްރީންތަކެއް ލިބިއްޖެނަމަ ނަތީޖާތައް ރަނގަޅުވާނެކަން ޔަގީންވެ.

މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި އިންޓަ ސްކޫލުގައި މި ދެ ދުވުންތެރިންގެ ނަތީޖާތަކަށް ބަލާއިރު ކުރިއެރުން އެބަ ފެނެ އެވެ. މިއީ ހަމަ ޔަގީނުންވެސް އައިއޯއައިޖީގައި ހޯދަން މަސައްކަތްކުރާ "އަންހެން މެޑަލް" އަށް އިތުބާރު ބޮޑުވާ ކަމެކެވެ.

ލަޔާނާ އާއި އަހުނާ އެ ދިނީ ވަރުގަދަ މެސެޖެކެވެ. އިންޓަ ސްކޫލް މުބާރާތަކީ ގައުމީ ފެންވަރުގެ އެތުލީޓުން ފެންނާނެ ފެންވަރު ރަނގަޅު މުބާރާތެއްކަމުގެ މެސެެޖެވެ. އަތޮޅުތަކުން ހުނަރުވެރި ދުވުންތެރިން ފެންނާނެކަމުގެ ވަރުގަދަ މެސެޖެވެ. އެންމެ މުހިންމު ކަމަކަށް ރާއްޖޭގެ އެތުލެޓިކްސް ތާރީޚުގެ ބައިނަލްއަގްވާމީ ފުރަތަމަ އަންހެން މެޑަލް ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރެވިދާނެކަމުގެ އުއްމީދީ މެސެޖެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox