އަނިޔާވެރިކަމާއި ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދެމުން އިޒްރޭލުގެ އެތައް ހާސް ހަރުކަށި ޔަހޫދީން, ގުދުސްގައި މުސްލިމުން ދިރިއުޅޭ ސަރަހައްދުގެ މަގުތަކުގައި ހިނގާލުމެއް ބާއްވައިފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ވެރިވެގަތުމުގެ އުފަލުގައި ކޮންމެ އަހަރަކު ވެސް ޔަހޫދީން އިޒްރޭލުގެ ދިދަ ހިފައިގެން މުސްލިމުން ދިރިއުޅޭ މަގުތަކުގައި ހިނގާލުމެއް ބާއްވަ އެވެ.
އެހެން އަހަރުތަކާ އެއް ގޮތަށް މި އަހަރު ވެސް ހިނގާލުމުގެ ބައިވެރިން ހަމަނުޖެހުމަށް ހިތްވަރުދީ އެފަދަ އަމަލުތައް ހިންގި އެވެ. އެގޮތުން ނޫސްވެރިންނަށް ވެސް ހަމަލާދިނެވެ.
ހިނގާލުން ރިޕޯޓު ކުރަން އުޅުނު ފަލަސްތީނާއި އެހެން ގައުމުތަކުގެ ނޫސްވެރިންގެ ގަޔަށް ގަލާއި، ފުޅި އަދި ދަނޑި އުކައި ހެދި އެވެ. އަދި "އަރަބިން މަރަން ޖެހޭ" ކަމަށް ބުނެ އަޑުއުފުލި އެވެ.
އިޒްރޭލް ސަރުކާރުގައި ހިމެނޭ ކަނާއަތު ފިޔައިގެ މިނިސްޓަރުން ވެސް ހިނގާލުމުގައު ބައިވެރިވި އެވެ. ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމަރް ބެންގް ގްވިރް ވިދާޅުވީ "ގުދުސް ތާއަބަދަށް އޮންނާނީ ޔަހޫދީންގެ ތަނެއްގެ ގޮތުގައި" ކަމަށެވެ.
ހިނގާލުން ކުރިއަށް ދިޔަ މަގުތަކުގައި ފަލަސްތީނުގެ ރައްޔިތުން ގެތަކުގެ ދޮރުތައް ބަންދުކޮށް، ގެއިން ނުނިކުމެ ތިބީ ހަމަލާއެއް ކުރިމަތިވުމުގެ ބިރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.










