އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅަން ދަތި ކަމަށާއި, ނަމަވެސް އިސްކުރައްވާނީ ޕާޓީގެ މަސްލަހަތު ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ, ނަޝީދަކީ ޕާޓީ ތެރޭގައި އިހްތިރާމާއި ގަދަރު ލިބިފައިވާ ބޭފުޅެއް ކަމަށާއި, އެމަނިކުފާނު އެ ޕާޓީން ވަކިވުން ވެގެންދާނީ ދެރަ ކަމެއް ކަމަށެވެ. އަދި, ހަގީގަތަށް ދަންނަވާނަމަ އެމްޑީޕީއަށް ނަޝީދާ މެދު ފިޔަވަޅު އަޅުން ދަތި ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ނަޝީދަށް ފިޔަވަޅު އަޅަން ދަތިވީ ނަމަވެސް, އިސްކުރައްވާނީ ޕާޓީގެ މަސްލަހަތު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ނަޝީދާއި, ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނާމެދު ޕާޓީ ތެރެއިން އެއްވެސް ގޮތަކަށް ފިޔަވަޅު އަޅަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މަސްލަހަތަށްޓަކައި އަޅަން ޖެހުނު ފިޔަވަޅެއް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދަކީ ޕާޓީގެ ވަރަށް ގިނަ މެންބަރުންގެ ލޯބި ލިބިފައި އަދި ދިވެހި ރައްޔިތުންގެ ވެސް ވަރަށް ގިނަ ލޯބި ލިބިފައި ހުންނެވި ބޭފުޅެއް. އަޅުގަނޑުމެންނަށް ހަމަ ދަތި އިނގޭތޯ ރައީސް ނަޝީދާމެދު ފިޔަވަޅު އަޅަން. އަޅުގަނޑު ކޮންމެހެން މިހެން ދަންނަވާކަށް ފަހެއް ނުޖެހޭ," ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މިއަދު ކުރިމަތިވެފައި އޮތީ ވަރަށް ދަތި އުނދަގޫ ހާލަތެއް ކަމަށާއި, މިއީ ދުވަހަކުވެސް ދެކުނު ތަނެއް ނޫން ކަމަށެވެ. ޕާޓީއަށް ކޮންމެވެސް ވަރެއްގެ ގެއްލުން ލިބުނު ނަމަވެސް މަސައްކަތް ކުރައްވާނީ ޕާޓީއަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.
ނަޝީދަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތައް އަމާޒުކުރީ އެމަނިކުފާނުގެ ހާޒިރުގައި އެ ޕާޓީން ވަކިވުމަށް 12 މަޖިލިސް މެމްބަރުން ސޮއިކުރި ފޮޓޯތަކެއް ދައުރުވަމުން ދަނިކޮށެވެ. އެހެން ނަމަވެސް, ފައްޔާޒު ވަނީ އެތަނުގައި ނަޝީދު ހުންނަވައި ނަޝީދު ހިތްވަރު ދެއްވައިގެން ޕާޓީން މެމްބަރުން ވަކިވިކަން ސާފުކޮށް ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ހިސާބުން ފިޔަވަޅު އަޅާނަން. ބަލާނީ ޕަޓީ ކުރިއަށް ދިޔުމުގައި އެންމެ މަސްލަހަތު އޮތް ގޮތަށް,"
ނަޝީދު ޕާޓީން ވަކިވެވަޑައިގަތަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ގާނޫނު އޮތް ގޮތަށް ތަންފީޒު ކުރުމާއި, މަސްލަހަތު އިސްކުރުމާމެދު އިލްމުވެރިންގެ މެދުގައި ވެސް އަދި އާންމު ރައްޔިތުންގެ މެދުގައި ވެސް ރައުޔު ތަފާތުވެފައިވާ ކަމަށެވެ. އިސްލާމީ ޝަރީއަތަށް އިޝާރާތް ކުރައްވަމުން ފައްޔާޒް ވިދާޅުވީ, ބައެއް ހާލަތްތަކުގައި އިސްކުރަންވާނީ މަސްލަހަތު ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ބައެއް ހާލަތްތަކުގައި ގާނޫނު އަކުރުން އަކުރަށް ތަންފީޒު ކުރުމުގެ ބަދަލުގައި އިސްކުރަން ވާނީ މަސްލަހަތު ކަމަށެވެ.
އެމްޑީޕީ ލީޑާޝިޕަށް އައި ބަދަލު
2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި, އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.
ފެކްޝަންތަކުގެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަޝީދު ފިޔަވައި އެމަނިކުފާނަށް ތާއިދު ކުރައްވާ 12 މަޖިލިސް މެމްބަރުންނާއި ސީނިއާ ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް ހަދާނެކަން މެއި 17, ގައި އިއުލާނުކޮށްފަ އެވެ. އެ ޕާޓީގައި ރަސްމީކޮށް ނަޝީދު ހިމެނިވަޑައިނުގަތް ނަމަވެސް އެއީ އެމަނިކުފާނުގެ ލަފާފުޅާ އެއްގޮށް އެމަނިކުފާނު ފިކުރުގެ މައްޗަށް އުފައްދާފައިވާ ޕާޓީއެކެވެ.












