އިރާނާއި ސައުދީ އަރަބިއްޔާއިން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން ފުރަތަމަ ފަހަރަށް އިރާނުގެ ވަފުދެއް ސައުދީ އަރަބިއްޔާއަށް ހިނގައްޖެ އެވެ.
އިރާންގެ ފިނޭންސް މިނިސްޓަރު އިހްސާން ހަންދޫޒީ ހިމެނޭ ވަފުދެއް ޖިއްދާއަށް ދަތުރު ކުރީ ބުރާސްފަތި ދުވަހު އެވެ.
ހަންދޫޒީގެ މި ދަތުރުގައި ސައުދީ އޮފިޝަލުންނާ އެކު މަޝްވަރާ ކުރައްވައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު އިރާނާއި ސައުދީއިން ގުޅުން ގާއިމްކުރީ މާޗް މަހު އެވެ. އޭގެ ފަހުން ދެ ގައުމުން ދަނީ ގުޅުން ބަދަހިކުރަން ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސައުދީ އަރަބިއްޔާއިން 2016 ވަނަ އަހަރު އިރާނާ ގުޅުން ކަނޑާލީ، އެ ގައުމުގައި ޝިއައީ އިލްމުވެރިޔަކު ދަން ޖައްސައި މެރުމުން، އިރާނުގެ ތެހްރާނާއި މަޝްހަދްގައި ހުރި ސައުދީ ޑިޕްލޮމެޓިކް މިޝަންތަކަށް އިރާނުގެ ބަޔަކު ހަމަލާ ދިނުމުންނެވެ.
އަލުން ގުޅުން ގާއިމްކޮށް އިރާނުގެ ވަފުދެއް ސައުދީއަށް ދަތުރުކޮށްފައިވާ އިރު، އިރާނުގެ ރައީސް އިބްރާހިމް ރައިސީއަށް ވެސް ރަސްގެފާނު ސަލްމާންގެ ދައުވަތެއް ފޮނުއްވި އެވެ.










