ޓެކްސަސް، އެމެރިކާ (މޭ 7) - އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ޝޮޕިން މޯލެއްގެ ތެރޭގައި ބަޑި ޖަހައި ނުވަ މީހުން މަރާލައިފި އެވެ.
އެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވި އެވެ. ތުހުމަތު ކުރެވޭ މީހާ ހުއްޓުވަން ފުލުހަކު ބަޑި ޖެހުމުން، އޭނާ ވެސް ވަނީ މަރުވެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ތުހުމަތު ކުރެވޭ މީހާ ކާރެއްގައި އައިސް މޯލްގެ ޕާކިން ސަރަހައްދަށް މަޑުކޮށް، ކާރުން ފައިބައި، ބަޑި ޖަހަން ފަށ މަންޒަރެވެ.
މޯލްގެ އެތެރޭގައި ހުރި ފުލުހަކަށް އެކަން އެނގުމުން، ރައްދުގައި ބަޑި ޖަހައި ތުހުމަތު ކުރެވޭ މީހާ ުއްޓުވި އެވެ. އޭރު މޯލްގެ ތެރޭގައި އޮތީ ބިރުވެރިކަން އުފެދިފަ އެވެ.
ހަމަލާ ދިން މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. ނުވަ މީހުން މަރުވި އިރު، އަނިޔާވި ހަތް މީހުންގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސް އެވެ.
އެ ހާދިސާ ހިނގީ އެލެން ޕްރީމިއަމް އައުޓްލެޓްސްގެ މޯލެއްގައި މެންދުރު 03:30 ހާއިރު އެވެ. އެ ވަގުތު ހަފުތާ ބަންދުގެ ވިޔަފާރު ކުރަން ގިނަ ބަޔަކު މޯލް ތެރޭގައި އުޅުނެވެ.
މަރުވި މީހުންގެ ތެރޭގައި އުމުރުން ފަސް އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވަނީ އެ ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައިފަ އެވެ.
ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ބަޑި ޖަހައި މީހުން މަރަނީ އެމެރިކާގަ އެވެ. އެގޮތުން 2020 ގައި ބަޑި ޖަހައި 45،000 މީހުން މަރާލި އިރު، 2021 ގައި މަރާލީ 49،000 މީހުންނެވެ.










