މިވަގުތު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދަވާ އިދިކޮޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކި ގޮތްގޮތުން އަނިޔާދެމުންދާކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަަބްދުﷲގެ މައްޗަށް ރޭ އިދިކޮޅުން ކުރި ތުހުމަތުތައް ދޮގުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އިމްރާން އިސްވެ ހުންނަވައިގެން އެކި ގޮތްގޮތުން ޔާމީނަށް "ދުއްތުރާ ކުރުމަށް" މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފަ އެވެ.
އެގޮތުން ޔާމީން ހުންނަވާ ޖަލު އެޕާޓުމެންޓާއި އަދި ފާހާނާގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހުރިހާ "މޫވްމަންޓެއް" އިމްރާން ގޭގައި ހުންނަވައިގެން ބައްލަވަމުން ގެންދަވާކަމަށް ތުހުމަތު ކުރި އެވެ. އަދި ޔާމީނަށް ލިބެމުންދާ ހުރިހާ އަނިޔާއެއްގެ ފަހަތުގައި ހުންނެވީ ވެސް އިމްރާނު ކަމަށް ބުންޏެވެ.
"[އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން މައުލޫމާތު ލިބެނީ] ފާހާނާއަށް ދަންދެން ކެމެރާ އަޅަައިގެން، ގޭގައި އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫވްމަންޓްސްއެއް ބެލޭގޮތަށް އިމްރާނު ރާވާފައި ހުރި ކަމަށް،" ރޭގެ ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އެ ތުހުމަތުތަކަށް ރައްދު ދެއްވައި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީނުގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އޭނާގެ ޒަމީރު ތަންދޭ ކަމެއް ނޫން ކަމަށެވެ.

މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކީ ޔާމީން ކަމަށާއި، މިކަމަށް ކަރެކްޝަނުގެ އޮފިސަރުން ހެކިވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
ޔާމީން ހުންނަވާ ޖަލު އެޕާޓުމެންޓާއި ފާހާނާގައި ކެމެރާއެއް ހުރޭތޯ ސުވާލުކުރުމުން ކަރެކްޝަނުގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު "އަދަދު"އަށް ވިދާޅުވީ ޔާމީނު ހުންނަވާ ޖަލު އެޕާޓުމެންޓުވެސް އެހެން ގައިދީން ތިބޭ ގޮޅިތަކެކޭ އެއްފަދައިން މޮނިޓާ ކުރެވެމުން ދާނެ ކަމަށެވެ.
"ޖަލުގެ އެއްވެސް ތަނެއްގެ ފާހާނާއެއްގައެއް އަަޅުގަނޑުމެން ކެމެރާއެއް ހަރުކޮށްފައެއް ނުހުންނާނެ. އެކަަމަކު އެހެން ތަންތަނުުގަ މޮނިޓަރިންނަށް ދެން ހުންނާނެ ދެއްތޯ ކެމެރާ ހަރުކުރެވިފައި،" ޔުސްރީން ވިދާޅުވި އެވެ.
ރޭ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި ވަނީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މީސް މީޑިއާގައި އިމްރާން ހިއްސާ ކުރެއްވި މެސެޖަކަށް ރައްދުދިނުމަށެވެ. އެ ބައްދަލުވުމުގައި ވަނީ ރައީސް މުހައްމަދު ނަޝީދުއާ ދެކޮޅަށް އެތަކެއް ވާހަކަތަކެއް ދެއްކެވެމަށް ފަހު މިހާރު އިމްރާނުގެ ރާގު ބަދަލުވެފައިވާތީ އެތަކެއް ފާޑުކިއުންތަކެއް އަމާޒުކޮށްފަ އެވެ.
"ދީނާ ގައުމަށްޓަކައި އޭނާ ދެއްކެވި ވާހަކަ ތިޔަ ބޭފުޅުންނަށް އަޑު އިވޭނެ، ފަހާފޮށްޓެއްގެ ތިނޯސް ތެޅޭހެން ޕޯޑިއަމް ކައިރީގައި ހުރެގެން ތެޅިފައި، ކެނެރީގޭ މުހައްމަދު ނަޝީދާ ގުޅޭގޮތުން ދެއްކެވި ވާހަކަ ވެސް އަޑުއިވޭނެ، ކޮބައިތޯ މިއަދު؟" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިމްރާނާ ގުޅުވައި ސީރިއަސް ތުހުމަތުތަކެއް އަބްދުއްރަހީމް ކުރައްވާފައި ވާއިރު، ޕީޕީއެމްގެ ޓިކެޓު ޔާމީން ފިޔަވައި އެއްވެސް މީހަކަށް ނުދޭނެ ކަމުގެ ޔަގީންކަން އެޕާޓީގެ ލީޑަޝިޕުން މިރޭ ވަނީ ދީފަ އެވެ.












