ބިސްމަޅި ދުއްވުން
ގޭގައި ގެންގުޅޭ ކުކުޅުތަކުގެ ތެރެއިން ބައެއް ކުކުޅު ގޭތެރޭގެ އެނދުއެނދު ދަށުގައި ބިސްއަޅަ އެވެ. އަނެއް ބައި ކުކުޅު ބިސް އަޅަން ވީމާ ގޭދޮށް ދޫކޮށް މުޅިން އެހެން ހިސާބުތަކަށް ދެ އެވެ. މި ސޮރުމެން ބިސް އަޅަން ފެށުމުން ބިސް ހާލި ހޯދުމުގެ މަސައްކަތް ފަށާނެ އެވެ. މިކަމަށް ބިސްމަޅި ދުއްވުމޭ ކިޔަ އެވެ. ބިސްމަޅި ދުއްވުމަކީ ވަރަށް ބުރަ ކަމެކެވެ. މިކަމަށް ޓަކައި އޭގެ ފައިގައި ރޯނު ފަށެއް ޖަހައެވެ. ހާލި ނުދައްކަން އުޅޭ ކުކުޅުގެ ފައިގައި ރޯނު ފޯލިފޯލިވެސް ޖަހަން ޖެހެ އެވެ. ރޯނު ގަނޑެއް ނުވަތަ ރޯނު ފޯލި ފައިގައި ޖެހުމަށް ފަހު ކުކުޅުގެ ފަސްފަހަތުން ހިނގަން ޖެހެ އެވެ. މި ހިނގުން ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ވެސް ހިނގަން ޖެހިދާނެ އެވެ. ބިސްހާލި ނުދައްކަން އުޅޭ ކުކުޅު ހާލި ނުދެއްކުމަށްޓަކައި ވަރަށް މަސައްކަތް ކުރެ އެވެ. ހާއްޔާ މާދުރު ދިމަދިމާއިން ހިނގާ ހަދަ އެވެ. ބިސްމަޅި ދުއްވާ މީހާ ޖެހޭނީ ކުކުޅު ހިނގިހާ ގޮތަކަށް ފަހަތުން ހިނގާށެވެ. ޖަންގަލީ ވަލުތެރެއިން ހިނގާއިރު ރޯނުގަނޑު ގަހެއްގައި އޮޅުނަ ނުދީ ބަލަހައްޓަން ޖެހެ އެވެ. ބައެއް ފަހަރު ބަނޑު ޖަހަމުން އަނެއްބައި ފަހަރު ގަސްގަހަށް އަރައިގެންނެވެ. ވަލަށް ވަދެ ދެވޭ ނުދެވޭ ހިސާބު އޮޅިދާނެތީ ބައެއް މީހުން ނުކުންނާނެ ގޮތް ހޯދުމަށް ދަތުރުކުރާ މަގަށް ރޯފަތް އަޅައި ފާހަގަ ކުރެ އެވެ. ކޮންމެ ގޮތަކުންވެސް ބިސްއަޅަން ވާ ވަގުތަށް ހާއްޔަށް ކުކުޅު ވަދެ ބަނޑު ޖަހާނެ އެވެ. މިކަމާ ގުޅިގެން ބޭނުންކުރާ މަޖާޒެއް އޮވެއެވެ. މީހެއް އުޅޭ ނޫޅޭ ގޮތް ހީލަތުން ބަލާ ހަދާނަމަ ”ބިސްމަޅި ދުއްވުން“ ކަމަށް ކިޔާ އުޅެނީ މިކަމާ ގުޅުވައިގެންނެވެ. ބިސް ހާލި ހޯދުމަށްފަހު ވިއްސަން ބޭނުންވާ ފަހަރެއްނަމަ ބިސްތައް ބަހައްޓަ އެވެ. އެހެން ނޫންނަމަ ހާލީގައި އެއް ބިސް ބޭއްވުމަށް ފަހު ބިސްތައް ނަގަ އެވެ. ކުކުޅު އަޅާނީ ދުވާލަކު ބިހެކެވެ. ބިސްއަޅާ ފޯވައްސަކު ހަތަރު ފަސް ބިހުން ފެށިގެން ބާރަވަރަކަށް ބިހާ ދޭތެރޭގެ އަދަދަކަށް އަޅަ އެވެ.
ފިޔޮއް
ކުކުޅު ބިހެއް އާންމުކޮށް ވިހަނީ ބިސް އަޅާތާ 21 ދުވަހާއި 25 ދުވަހާ ދެމެދެވެ. ފިޔޮއްކޮޅު ގޮވައިގެން ކުކުޅު ނުކުންނަން ވާއިރަށް އޭގެ ވެރިން ތައްޔާރު ވެ އެވެ. ވަކި ވަރަކަށް ބޮޑުވާންދެން ވަރަށް ރަނގަޅަށް ބަލަހައްޓަ އެވެ. އެހެން ނޫންނަމަ ކާޅު، ފިޔޮއްކޮޅު ގެންގޮސް ހުސްކޮށްލަ އެވެ. ފިޔޮއްތައް ގޮވައިގެން އުޅޭއިރު ބައެއް ކުކުޅު އާދަޔާ ހިލާފަށް ރުޅި ގަދަވެ އެވެ. ކުކުޅު ހާލިން ނުކުންނައިރު ކާޅުތައް ތިބޭނީ ފިޔޮއްތައް ޖަހައިގަންނާނެ ވަގުތަކަށް ބަލަބަލަ އެވެ. ކާޅެއް ކައިރި ވާއިރަށް ބައެއް ކުކުޅު ފިޔޮއްތައް ދޫކޮށްލާފައި ކާޅު ފަހަތުން އުދުހި ގަނެ އެވެ. އޭރު އަނެއް ކޮޅުގައި ތިބޭ ކާޅުތައް އައިސް ފިޔޮއްތައް ގެންގޮސް ހުސްކޮށްލަ އެވެ. އަނެއްބައި ކުކުޅު ކާޅެއް ފެނުމުން ބަނޑުދޮށަށް ފިޔޮއްތައް ލައިގެން އޮވެ އެވެ. މި ދުވަސްވަރު މީހަކު ފެނުނަސް އުދުހިގޮސް ބޮލަށް އަރައި ވަކިއަޅާ ކުކުޅުވެސް އުޅެ އެވެ. ކުކުޅު ވިހައިގެން ހާލިން ނުކުންނައިރު ފިޔޮއް ތަކަކީ ވަރަށް ރީތި އެއްޗެކެވެ. ﷲ ގެ ކުޅަދުންވަންތަ ވެރިކަމުން އެސޮރު ވިހައިގެން ނުކުންނަ ދުވަހުވެސް އަމިއްލައަށް ކާން އެނގެ އެވެ. ކާންވާ އެއްޗިއްސާއި ކާންނުވާ އެއްޗެހި ފާހަގަ ކުރެއެވެ. ކާޅެއް، ބާޒެއް ފެނިއްޖެނަމަ ދުވެފައި އައިސް މަންމަގެ ބަނޑު ދޮށަށް ވަދެ މަންމަގެ ހިމާޔަތާއި ރައްކާތެރިކަންހޯދަ އެވެ.
ކުކުޅު ބަނޑުދޮށަށް ފިޔޮއްތައް ލައިގެން އޮންނައިރު ބަނޑުދޮށުން ނުކުމެ އުޅޭ ބައެއް ފިޔޮއްތައް ކުކުޅުގެ ބުރަކަށި މައްޗަށް އަރާ އުޅެ އެވެ. ކުކުޅު ގެންގުޅޭ މީހުން ބުނާ ގޮތުގައި އެއީ ހާލެވެ. ފިޔޮއްތައް ކުކުޅު ކައިރީގައި އުޅޭއިރު ބައެއް ފަހަރަށް ކުކުޅުގެ ފައިން އެރެ އެވެ. އެކަމަކުން ފިޔޮކަކަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. މި ކަމާ ގުޅުވައިގެން ބުނެ އުޅޭ މިސާލު ބަހެއް އޮވެއެވެ. އެއީ “ކުކުޅު ފައިދޮށުވެ ފިޔޮކެއް މަރެއް ނުވާނެ” އެވެ. މިހެން ބުނެ އުޅެނީ ކަމެއް ދަންނަ މީހަކު އަތުން ކަމެއް ގޯސް ނުވާނެކަން ހާމަ ކޮށްދިނުމުގެ ގޮތުންނެވެ.
ހިފުން
ފިޔޮކެއް ކުކުޅަކަށްވެ، ބިސްއެޅުމަށްޓަކައި ގާތްގަނޑަކަށް 21 ހަފުތާ ވެ އެވެ. ނަމަވެސް ހެދި ބޮޑުވުމާއި ކާ ކެއުމުން މިއަށް ބަދަލު އާދެ އެވެ. އެ އުމުރަށް ދިޔުމުން އެކި ކަންކަމުގައި ކުކުޅު ކަތިލާ ވަރުވީ އެވެ. ކުކުޅު ކަތިލާ ދުވަސްތައް އަންނަން ވާއިރަށް ކުކުޅު ހިފާ ކޮށިގަނޑު ދަށަށް ލަ އެވެ. އެކިއެކި ސަބަބުތަކާހުރެ ކުކުޅު ނުހިފައި ތިބޭ މީހުން އެ މީހުންގެ ކުކުޅު ހިފުން އެ ދުވަހު އޮވެ އެވެ. މިކަމަށްޓަކައި ރަށުތެރެއިން ކުދިން ކޮޅެއް ހޯދައިގެން ކުކުޅު ނުވަތަ ހާ ދައްކަ އެވެ. ދެން އެ ކުދިން އެކި ހިސާބު ތަކަށް ބެހިލާ ރަށުތަރޭގައި ދުވެގެން ކުކުޅު އަތުލަ އެވެ. މިއީ ވަރަށް މަޖާ ފޯރިގަދަ ކަމެކެވެ.
ބުޅާ ކެއުން
ކުކުޅެއް ހިފާފައި ކޮށްޓެއް ދޮށަށް ލުމަކުން އަދި ކުކުޅު ސަލާމަތެއް ނުވާނެއެވެ. އިރު އޮއްސި ރޭގަނޑު ވުމާއެކު ކުކުޅުގެ އެންމެ ބޮޑު ދުޝްމަނު ނުކުމެ ޝިކާރަ ކުރުމަށް ފަށައެވެ. ގަސްގަހަށް އަރާ ކުކުޅު އަތުލަ އެވެ. ކޮށި ގަނޑުގަނޑު ދަށުގައި ހުންނަ ކުކުޅު ކެއުމަށްޓަކައި ދަށުން ކޮނެގެން ބުޅާވަދެ ކުކުޅު ގެންދެ އެވެ. އެހެންކަމުން މިކަމުން ސަލާމަތް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ.








