ސަސް ކޮޅަށް 8 ގޯލު ޖަހައި މާޒިޔާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް

Apr 27, 2023, 6:35 PM
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ގޯލު ޖެހުމަށް ފަހު މާޒިޔާގެ ހަމްޒާ މުހައްމަދު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ގޯލު ޖެހުމަށް ފަހު މާޒިޔާގެ ހަމްޒާ މުހައްމަދު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، 8-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖާގަ ހޯދައިފި އެވެ.

މިރޭ، މާޒިޔާ އިން ސަސް ބަލިކުރުމާ އެކު އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް އިން ވަނީ މިއަދު ހަވީރު 2-1 އިން ބުރު ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. މި ދެ ޓީމު ވަނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން މާޒިޔާ މޮޅުވީ 2-1 އިންނެވެ.

މިރޭގެ މެޗަށް ސަސް ނިކުތީ އެ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) އާއި ކީޕަރު ޔޫސުފް މީސަމް ނުލަ އެވެ. އަނިޔާގެ ސަބަބުން އަޝްފާގަށް މި މެޗުގައި ނުކުޅެވުނުއިރު، މީސަމް އަށް މި މެޗުގައި ނުކުޅެވުނީ މިދިޔަ މެޗުގައި އޭނާ އަށް ދެއްކި ރަތްކާޑާ އެކު ސަސްޕެންޑްވެފައި ހުރުމުންނެވެ.

މެޗު ފަށައިގެން ނުރައްކާތެރި ހަމަލާއެއް ސަސް އިން އުފެއްދި އެވެ. އަލީ ނަސޫހު ރަޝީދު (ޕިލާ) މާޒިޔާގެ ދެ ކުޅުންތެރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ނަގައިދިން ހުރަސް ހުސްކޮށް ހުރެ އަހުމަދު ހުޝާމް ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

ސަސްގެ ކީޕަރު ޒިމާމް (ކ) ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭގެ ތިން މިނެޓު ފަހުން މާޒިޔާގެ ފުރަތަމަ ހަމާލާ ފެނިގެންދިޔަ އެވެ. އަރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަސް ހުސްކޮށްހުރެ ބޮލުން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިފާއުކުރީ ކީޕަރު އަބްދުﷲ ޒިމާމް އެވެ. ޒިމާމް އަކީ ކުރިން މާޒިޔާގެ ތިން ވަަނަ ކީޕަރެވެ.

ދެން ފެނުނީ އަނެއްކާ ވެސް ސަސްގެ ހަމަލާއެކެވެ. މެޗުގެ 13 ވަނަ މިނެޓުގައި ސަސްގެ މުހައްމަދު ޝަހާއު (ބޭލް) ދިން ބޯޅައަކަށް އަރައި ޕިލާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިކަރިން ބޭރު ދާގަނޑަށެވެ.

ފުރަތަމަ ހާފަށް ބަލާއިރު އަރިމަތިން ގިނަ ހުރަސްތަކެއް ނަގައިގެން ހަމަލާތައް އުފެއްދޭތޯ މާޒިޔާ އިން މަސައްކަތްކުރިއިރު، ސަސްގެ ގޯލުގައި ހުރި ޒިމާމް ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވާފަ އެވެ.

ފުރަތަމަ ހާފުގައި ސަސްގެ ފަހަތަށް ކުޅުނު އަހުމަދު އައިހަމް މޫސާގެ ބަދަލުގައި އަހުނަފް ރަޝީދު (އަހުއްކޮ) ކުޅެން އެރުވި އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމުން ބުރުނާއީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެނިކޮށް ކަކުލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު އަހުއްކޮ ކުޅެން އެރި ފުރަތަމަ ރަސްމީ މެޗެވެ.

ސަސް އިން ފުރަތަމަ ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ މެޗުގެ 35 ވަނަ މިނެޓުގައި އަހުމަދު އައިހަމް ފޮނުވާލި ބޯޅަ އެވެ. އޭރިއާ ރޮނގުމަތީގައި ހުރެފައި އައިހަމް ފޮނުވާލި ހަމަލާ ކީޕަރު މުހައްމަދު ފައިސަލް ވަނީ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

މާޒިޔާއިން މެޗުގައި ލީޑު ނެގީ 38 ވަނަ މިނެޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލުންނެވެ. މިއީ އޭރިއާ ބޭރުގައި ހުރެފައި ހަންނަ ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ވަތް ގޯލެކެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ސަސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ސަސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ސަސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާގެ ދެ ވަނަ ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަރިމަތިން ހަންނަ ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު ހަމްޕު ގޯލުގެ ކަނަށް އެ ބޯޅަ ފޮނުވާލީ ކައިރީގައި ހުރި ޑިފެންޑަރު ކައިރިންވެސް ނައްޓައިފަ އެވެ.

މި ހާފު ނިމުމުގެ ސަސް އަށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އައިހަމް ދިން ބޯޅައަކުން ޕިލާ ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ދިފާއުކުރި އެވެ. ދެ ވަނަ ފަހަރަށް ޝަހާއު ފޮނުވާލި ބޯޅަ މާޒިޔާގެ ޑިފެންޑަރު މުހައްމަދު އިރުފާން ވަނީ ބްލޮކް ކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ މާޒިޔާ އިން ނަތީޖާގެ ފަރަގު ބޮޑުކުރި އެވެ. ލިބުނު ކޯނަރެއްގައި ހަމްޕު ނަގައިދިން ހުރަސް ސަސްގެ ޑިފެންޑަރުންނަށް ސާފުނުކޮށްލެވިގެން އުޅެނިކޮށް އެ ބޯޅަ ގޯލަށް ވައްދާލައި މާޒިޔާގެ ތިން ވަނަ ގޯލު ޖަހައިދިނީ ބިދޭސީ ޑިފެންޑަރު އެޑްގާ އެވެ.

މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ ހަމްޕު އެވެ. މެދުތެރެއިން ހުސައިން ނިހާން ކުރިއަށް ދިން ބޯޅަ ހޯދައި ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާފައި ހަންނަ ތިރިތިރިން ނަގައިދިން ހުރަސް ހަމްޕު ގޯލަށް ވައްދާލީ އޭރިއާތެރޭގައި ހުސްކޮށް ހުރެ އެވެ.

ދެ ވަނަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން ކުޅުނު މާޒިޔާގެ ނާއިޒް ހަސަން (ދާދު) އަށް 71 ވަނަ މިނެޓުގައި އެ ޓީމުގެ ފަސް ވަނަ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. ސަސްގެ ޑިފެންޑަރުންގެ ފަހަތަށް ކުޅުނު ބޯޅައަކަށް އަރައި ހުސްކޮށް ހުރެ ދާދު ފޮނުވާލި ބޯޅަ ކީޕަރު ޒިމާމް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލި އެވެ. މާޒިޔާގެ ފަސް ވަނަ ގޯލު އެ ޓީމުން ޖެހީ އެ ކޯނަރުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ދާދު ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ކަނަށް ވައްދާލީ މުހައްމަދު އިރުފާން (އިރޭ) އެވެ.

ސަސްގެ ޑިފެންޑަރު އައިހަމް (ކ) ކައިރިން މާޒިޔާގެ ހަންނަ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭގެ ފަހުން ހަންނަ އާއި އައިސަމް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ ބޯޅަ ގޯލާ އަމާޒު ނުވުމުންނެވެ. ހަންނަ ފޮނުވާލި ބޯޅަ ހުރަސް ދަނޑި ކައިރިން ބޭރަށް ދިޔައިރު އައިސަމް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މާޒިޔާގެ ހަ ވަނަ ގޯލު ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސާބިއާގެ ފޯވާޑް ސްޓެފާން މިހަލޮވިޗް އެވެ. އަރިމަތިން ހަންނަ ތިރިތިރިން ނަގައިދިން ހުރަސް ސްޓެފަން ވަނީ މަޑު މަޑުން ކީޕަރަށް ފުރުސަތު ނުދީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މާޒިޔާގެ ހަތް ވަނަ ގޯލު ޖަހައިދިނީ ދާދު އެވެ. މި ފަހަރު ހަންނަ ނަގައިދިން ކޯނަރު ދާދު ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ކަނަށެވެ.

މެޗުގެ އިތުރު ވަގުތުގައި މާޒިޔާގެ އަށް ވަނަ ގޯލު ޖަހައިދިނީ ހަންނަ އެވެ. އަރިމަތިން ސްޓެފަން ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު ހަންނަ އެ ބޯޅަ ގޯލަށް ވައްދާލީ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

އިތުރު ވަގުތުގެ ފަހު މިނެޓުގައި ސަސްގެ ހަމައެކަނި ގޯލު ޖަހަން އަހުމަދު އައިހަމް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ޑިފެންޑަރުންގެ ފަހަތަށް ކުޅުނު ބޯޅަ ކޮންޓްރޯލްކޮށްފައި އޭނާ ފޮނުވާލި ބާރު ހަމަލާ ކީޕަރު ފައިސަލް ދިފާއުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox