ތެހްރާން، އިރާން (އެޕްރީލް 26) - އިރާނުގައި ދިން ހަމަލާއެއްގައި އެ ގައުމުގެ ރޫހާނީ ލީޑަރު ހޮވުމުގެ ބާރު އޮންނަ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ނުފޫޒު ގަދަ މެމްބަރަކު މަރާލައިފި އެވެ.
ބެލެވޭ ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އިރާނުގެ ދީނީ ލީޑަރަކާ ދެކޮޅަށް ދިން އެންމެ ބޮޑު ހަމަލާ އެވެ.
"އާޔަތުﷲ އައްބާސް އަލީ ސުލެއިމާނީ މަރާލީ ހެނދުނު ދިން ހަމަލާއެއްގައި. ހަމަލާ ދިން މީހާ ހައްޔަރުކޮށް ދަނީ ސުވާލު ކުރަމުން،" އިސްރާ ނިއުސް އެޖެންސީއިން ރިޕޯޓުކުރި އެވެ.

ހަމަލާ ދިނީ ބާބޮލްސާރް ސިޓީގެ ބޭންކެއްގެ ތެރޭގަ އެވެ. ހަމަލާ ދިން ސަބަބު ސާފުނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ދިނީ ބޭންކުގެ ސެކިއުރިޓީ އޮފިސަރެކެވެ.
ތަސްނިމް ނިއުސް އެޖެންސީއިން އާއްމުކުރި ސީސީޓީވީ ވީޑިއޯއިން ފެންނަނީ ސުލެއިމާނީ ގޮނޑިއެއްގައި އިންދައި، ސެކިއުރިޓީ ގާޑު ފަހަތުން ބަޑި ޖަހާ މަންޒަރެވެ.
އުމުރުން 75 އަހަރުގެ ސުލެއިމާނީއަކީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ މަންދޫބުކަން އަދާކޮށްފައިވާ މީހެކެވެ. އޭގެ އިތުރުން ކަޝަން އާއި ޒާހެދާން ސިޓީގައި އިމާމުކަން ވެސް ކުރި އެވެ.










